މާތްވެގެންވާ އިސްލާމް ދީން ދިފާއުކުރުމަށް ވާހަކަ ދެއްކުމަކީ ދީން ސިޔާސީ ހަތިޔާރަކަށް ހެދުން ނޫންކަމަށް ވިދާޅުވެ ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.
މޯލްޑިވްސް ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން ދީނީ ބައެއް އިލްމްވެރިންނާއި އާންމުންގެ ފާޑުކިޔުން އެ ޖަމިއްޔާއަށާއި ސަރުކާރަށް އަމާޒުވެ މައްސަލަ ހޫނުވެފައިވަނިކޮށް، ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަކީ އެންމެ ފުރިހަމަ، އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ.
އަދި ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދަށް ރައްދު ދެއްވައި، މުއިއްޒު މިއަދު ވިދާޅުވީ އިސްލާމް ދީނަށް ދެރަ ލިބޭގޮތަށް ދައްކާ ވާހަކަތަކާއި ކުރާ ކަންކަމާ ދެކޮޅު ހެދުމަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ނޫން ކަމަށެވެ.
"އެއީ ދީނަށް ނަސްރު ދިނުމަށްޓަކައި ކުރެވޭ މާތް މަސައްކަތެއް،" މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ދީނީ އިލްމްވެރިންތަކެއް ވަނީ އެކުވެ އެކަމާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ނިންމާވަފާ އެވެ. އެ ބޭފުޅުން ސޯޝަލް މީޑިއާގައި ވެސް ދަނީ އެ އަޑު ވަރަށް ގަދައަށް އުފުލަމުންނެވެ.
ރިޕޯޓާ ގުޅިގެން އެމްޑީއެން އުވާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަށް ގޮވާލާ ޕެޓިޝަނެއް ވެސް ދަނީ ތައްޔާރުކުރަމުންނެވެ. އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ގެންދަނީ އެ ރިޕޯޓާ ގުޅިގެން އެމްޑީއެންގެ މުވައްޒަފުންނަށް އިންޒާރު ދެމުންދާ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
މައްސަލަ ބޮޑުވި ރިޕޯޓަކީ 2015 ވަނަ އަހަރު ތައްޔާރުކޮށް 2016 ވަނަ ނެރުނު ރިޕޯޓެކެވެ. ނަމަވެސް ރިޕޯޓް ސަމާލު ކަމަށް އައީ މިފަހުންނެވެ. އެ މައްސަލަ ހޫނުވުން އެމްޑީއެންއިން ވަނީ ރިޕޯޓް އަނބުރާ ގެންގޮސްފަ އެވެ. އަދި އެކަމަށް މާފަށް އެދިފަ އެވެ. ދީނީ އިލްމްވެރިއެއްގެ އެހީގައި ރިޕޯޓް އިސްލާހު ކުރަމުންދާކަން ވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
ނަމަވެސް އޭގެ ފަހުން އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ރިޕޯޓަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އަނެއްކާވެސް މައްސަލަ ވަނީ ހޫނުވެގެން ގޮސްފަ އެވެ. ސަރުކާރު މިކަމުގައި ރަސްމީ ސިފައެއްގައި މިހާތަނަށް އެއްޗެއް ބުނެފައިނުވީ ނަމަވެސް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި އިސްލާމިކް މިނިސްޓަރު ޒާހިރު ވަނީ ރިޕޯޓް ކުށްވެރި ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
އަދާލަތު ޕާޓީއިން ވެސް ވަނީ އެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ބައިވެރިވި މީހުންނަށް ދައުވާ ކުރުމަށް ގޮވާލާފަ އެވެ.