އުތުރު ސީރިއާގެ ބޯޑަރުގައި ހަރަކާތެރިވާ ކުރުދީ ލަޝްކަރުންގެ ހަނގުރާމަވެރިން އެ ސަރަހައްދުން ބާލަން އެމެރިކާއިން އެކަށީގެންވާ މަސައްކަތް ނުކުރާތީ، ތުރުކީ އިސްވެ އުތުރު ސީރިއާގެ ބޯޑަރުގައި އަސްކަރީ އޮޕަރޭޝަންތައް ފަށަން ހަމަޖައްސާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.
އުރުދުގާން ވިދާޅުވީ، ސީރިއާގެ އުތުރުގައި ތުރުކީން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ އެއްގަމާއި ވައިގެ މަގުން ކަމަށެވެ. އަދި ތުރުކީގެ ފައުޖުތައް ސީރިއާގެ އުތުރަށް ދިޔުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ސީރިއާގެ އުތުރު ބޯޑަރު ނުވަތަ ތުރުކީވިލާތާ ސީރިއާ ގުޅުވައިދޭ ބޯޑަރުގައި ވަކި ދައުލަތެއް ހަދައިގެން އުޅޭ ކުރުދީ ހަނގުރާމަވެރިންނަކީ އެމެރިކާ އާއި ސީރިއާގެ އަސްކަރިއްޔާގެ ވާގިވެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ. އެ ޖަމާއަތަށް ވާގިވެރިވާ ސީރިއާގެ އަސްކަރިއްޔާއިން ބުނީ، ކުރުދީންނާ ދެކޮޅަށް ތުރުކީން ދޭ ކޮންމެ ހަމަލާއެއްގެ ބަދަލު ދޭން ސީރިއާ އޮތީ ތައްޔާރަށް ކަމަށެވެ.
"ސީރިއާގެ ފައުޖުތައް ތުރުކީގެ ހަމަލާއަކަށް ފަހަތަކަށް ނުޖެހޭނެ، ތުރުކީން ބޭނުންވަނީ ދެ ގައުމު ގުޅުވައިދޭ ބޯޑަރުގައި ހަނގުރާމައެއް ފަށަން، އެކަމަކު އަހަރުމެން ބޯޑަރު ދިފާއުކޮށް، ސީރިއާގެ ރައްޔިތުން ދިފާއު ކުރާނަން، ތުރުކީގެ ރުޅިވެރިކަމުގެ އަމަލުތަކަށް ރައްދު ދޭނަން" ސީރިއާގެ އަސްކަރިއްޔާގެ ސްޕޯސްކްސްމޭން މުސްތަފާ ބާލީ ވިދާޅުވި އެވެ.
ތުރުކީއަކީ ނޯތް އެޓްލާންޓިކް ޓްރީޓް އޯގަނިޒޭޝަން (ނޭޓޯ) ޖަމާއަތުގެ މެމްބަރު ގައުމެކެވެ. މީގެ އިތުރުން ތުރުކީން ދެކޭ ގޮތުގައި ކުރުދީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓް ޖަމާއަތަކެވެ. ނަމަވެސް ނޭޓޯގެ އެހެން ގައުމުތަކުން އެކަން އެގޮތަށް ގަބޫލު ނުކުރުމުން، ކުރުދީންނާ ދެކޮޅަށް ތެދުވާން ޖެހިފައިވަނީ ހަމައެކަނި ތުރުކީ އެވެ. ތުރުކީން ކުރުދީންނާ ދެކޮޅަށް މަސައްކަތް ކުރަނީ އެގައުމުގެ މިނިވަންކަން ދިފާއުކޮށް ދާހިލީ ހަނގުރާމައަކުން ގައުމު ސަލަމާތް ކުރަން ކަމަށް ބުނެ އެވެ.
ތުރުކީން ވަނީ މީގެ ކުރިންވެސް ކުރުދީ ހަނގުރާމަވެރިންނާ ހަނގުރާމަކޮށް އެމީހުންގެ ބާރު ވަރަށް ބޮޑަށް އުތުރު ސީރިއާގެ ބޯޑަރުން ކަނޑުވާފަ އެވެ. ނަމަވެސް އިސްލާމިކް ސްޓޭޓްއާ ހަނގުރާމަ ކުރުމުގެ ބޭނުމުގައި އެމެރިކާއިން ކުރުދީންނަށް ފައިސާ އާއި ހަތިޔާރުގެ ގޮތުން އެހީވާން ފެށުމުން ކުރުދީންނާ ދެކޮޅަށް ތުރުކީން ކުރަމުން އައި ހަނގުރާމަ މަޑު ޖައްސާލަން ޖެހުނެނެވެ.
ބޯޑަރުގައި ފަށަން އުޅޭ އޮޕަރޭޝަންތަކުގެ މައުލޫމާތު ދެމުން އުރުދުގާން ވިދާޅުވީ، ތުރުކީން ބޭނުންވަނީ ކުރުދީ ހަނގުރާމަވެރިން ތުރުކީގެ ބޯޑަރާ 30 ކިލޯމީޓަރު ދުރަށް ފޮނުވާލަން ކަމަށެވެ. އަދި އެމީހުނާ ހަނގުރާމަކޮށް ލޭ އޮހޮރުވާލުމަކަށް ދާން ބޭނުންނުވާ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ. އަދި އެކަން ކުރުމުގައި އެމެރިކާ އާއި ސީރިއާ ގުޅިގެން ތުރުކީގެ ކެތްތެރިކަން އިމްތިހާނު ކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.