ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ގެންދިޔުމުގެ ގޮތުން ހަދާ އެންވަޔަރުމެންޓް އިމްޕެކެޓް އެސެސެމްންޓް (އީއައިއޭ)އަށް އެއްވެސް ބަޔަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އެންވަޔުރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ދެ ރަށަކުން ގަވާއިދާ ހިލާފަށް ރުށް ގަސް ނަގަމުންދާ ކަމަށް ތުހުމަތު ކުރެވެނިކޮށް މިއަދު އެންވަޔަރުމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަސީރު ވިދާޅުވީ، އީއައޭއަށް ނުފޫޒު ފޯރުވައިގެން ބޭނުންވާ އަދަދަށް ވުރެ ގިނައިން ރުށް ގަސް ނަގައި ރުށް ގަހުގެ ވިޔަފާރި ކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތަކީ ދޮގެއް ކަމަށެވެ.
ނަސީރު ވިދާޅުވީ، އީއައިއޭގެ ރިޕޯޓުގައި ވާކަންތައް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަރަށް ހަރުކަށިކޮށް ބަލާ ކަމަށެވެ. އަދި މަޝްރޫއަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް ރުށް ގަސް ނަގާނަމަ އީޕީއޭއިން އެކަން ހުއްޓުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ މިހާތަނަށް ޕްލޭން ކުރެވުނު ދެ މަޝްރޫއަކަށް ހެދި އީއައިއޭ އީޕީއޭން ބެލިއިރު، ބޭނުންވާ އަދަދަށްވުރެ އިތުރަށް ރުށް ގަސް ނަގަން ޖެހޭ ކަމަށް އީއައިޭ ރިޕޯޓުގައި ބަޔާންކޮށްފައިވުމުން، އެރިޕޯޓް ބަލައިނުގަތުމަށް ނިންމައި، އެ ދެ ރަށު ކައުންސިލަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އެ ދެރަށުގެ ކައުންސިލް ޖޫރިމަނާ ކޮށްފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ. ނަސީރު ވިދާޅުވީ އީއައިއޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ އީޕީއޭއިން ކަމަށްވުމުން، ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
މިހާތަނަށް އީޕީއޭއަށް ރުށް ގަސް ނެގުމާއި ގުޅޭގޮތުން ހުށަހެޅިފައިވާ ހުރިހާ މައްސަލައެއް ވެސް ބަލާފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ގަވާއިދާ ހިލާފުވެފައިވާ ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އެ މައްސަލަތަށް ބަލަން ފެށުމުން އެއީ އާންމުގެ ކަންބޮޑުވުން ހުރި ކަންކަން އެގިގެން ދިޔަ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މިދިއަ އަހަރު ކުރިއަށް ގެންދަން އުޅުނު 60 މަޝްރޫއެއް އީޕީއޭއިން ހުއްޓޫވާފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ. މިއަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް ރަށްރަށުން ރުސް ގަސް ގެންދާ މައްސަލަތަށް ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑު އިންސަތައެއް ދަށްވެފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.