ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާނޫނީ ގޮޅިއަކަށް ފައްތަން މަސައްކަތް ކުރާ މީހުންނާ ވެސް ގާނޫނު އަަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށާއި އެ ޝަރީއަތަކީ ސުކްރިޕްޓެއް ލިޔެން ކުޅޭ ފިލްމެއް ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ ރޭ ޗެނަލް 13 އިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް އޮތީ ނިމުމަކާ ހަމައަށް އައިސްފައެވެ. ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. އެންމެ ފަހުން މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާ ވަނީ ނިންމާފަ އެވެ. އެހެންވެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ މި މަހުގެ 10 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާށެވެ. ނަމަވެސް މިހާރު ނުވަ ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުން ވަނީ އަވަސް ކޮށްފައެވެ.
ޣައްސާން ވިދާޅުވީ ރައީސް ޔާމީން ކުށެއް ކުރައްވާފައި ނުވާ ކަމަށާ އެކަން އެމަނިކުފާނުގެ މައްޗަށް ކުރިއަށް ގެންދަވާ ޝަރީއަތުގެ އަޑުއެހުންތަކުން ވެސް ހާމަވާ ކަމަށެވެ. އަދި ޝަރީއަތްތަކުން ފެނުނު މަންޒަރުތަކުން ރައްޔިތުން ވެސް މިއަދު ހުކުމް ކޮށްފައިވާ ކަމަށާ އެ ހުކުމަކީ ރައީސް ޔާމީން ކުށެއް ކުރައްވާފައި ނުވުން ކަމަށެވެ.
ޣައްސާން ވަނީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތަކުގައި ދައުލަތުން ދައްކާ ވާހަކަތަކާއި ދައުލަތުން އަމަލު ކުރާ ގޮތާމެދު ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަޑުއެހުންތައް ކުރިއަށްދާއިރު އެއީ މާކުރިން ލިޔެ ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭއަކަށް ކުޅެމުންދާ ފިލްމެކޭ ހީވާ ފަހަރު ދާކަމަށް ޣައްސާން ވިދާޅުވި އެވެ.
"ޝަރީއަތް ބަލަން އިން މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އިހުސާސު ކުރެވުނު މިއީ ފިލްމެއް ކުޅޭ ގޮތަށް ސްކްރިޕްޓް ލިޔެގެން ބަޔަކު ލައްވާ ރައީސް ޔާމީނަށް ލަނޑެއް ދިނުމަށްޓަކައި ވަކި ބައެއްގެ މަގުސަދުތަކެއް ހާސިލު ކުރުމަށްޓަކައި ކުރާ ކަމެކޭ." ޣައްސާން ވިދާޅުވިި އެވެ.
މިހާރު މި ކަންކަން ރާއްވަވައިގެން ހިންގަވާ ބޭފުޅުންނާއި، އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނާ އަދި މިކަމަށް އެހީތެރިވާ ބޭފުޅުން ހަނދުމަފުޅު ކުރައްވަން ވާނެ އެބޭފުޅުން ރައީސް ޔާމީން މަޅިއަކަށް ފައްތާފައި ދޭން އުޅޭ ލަނޑު ދީފިކަމުގައި ވާނަމަ ކޮންމެވެސް ދުވަހަކުން އެ ބޭފުޅުން ވެސް ގާނޫނުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަން.ޣައްސާން މައުމޫން | ގުރައިދޫ ދާއިރާގެ މެންބަރު
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.
އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ރައީސް ޔާމީން ވަނީ އެސްކްރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ރައީސް ޔާމީން އެ އެއްބަސްވުމާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރެއްވީ މޫސާ ޒަމީރުގެ ފަރާތްޕުޅުން ހޯއްދެވި ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.ޒުރުވެރިވެފަ އެވެ.