ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީ ހިޔާނާތް އުފަންވެގެން އައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނަގާފައިފާ ފައިސާގެ ދަރަނި އަދާކުރަން ފެށި ހިސާބުން ކަމަށް އެމަނިކުފާނުގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ފަހަރަށް ޔާމީނާ ދެކޮޅަށް ނާޒިމް ކޯޓުގައި ހެކިބަސް ދީފައި މިވަނީ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފަައިވާ ދެ ދައުވާ އާއި ގުޅިގެން ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގަ އެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެއްވަމުން ނާޒިމް ވިދާޅުވީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެންމެ ގިނައިން ފައިސާ ހޯދާފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ކަމަށެވެ. އެ ފައިސާ އަދީބު ހޯއްދެވީ ވިޔަފާރިވެރިންގެ އަތުން ޔާމީންގެ ނަން ބޭނުންކުރައްވައިގެން ދަރަންޏަށް ކަމަށެވެ. އަދީބުގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ޔާމީންގެ ޅިޔަނެއް ވެސް ކެމްޕޭނަށް ފައިސާ ހޯއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ކެމްޕޭނު ދުވަސްވަރު ޔާމީންގެ އޭރުގެ ގެކޮޅު، ގ. ދޫވެހީގައި ނާޒިމު އިންނަވަނިކޮށް ކަޅު ދަބަހެއްގައި އަދީބު ނަގުދު ފައިސާ ހިފައިގެން އައި ކަމަށާއި އެ ދަބަހުގައި 15 މިލިއަން ރުފިޔާ ހުންނާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ އެންމެ ކުރީކޮޅު އެ ދަރަނިތައް އަދާކުރެއްވުމަށް އެންމެ ފުރަތަމަ އަދީބު ފައިސާ ނެންގެވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން އެމްޕީއެލްގެ ބޯޑު މެމްބަރުންނަށް "ބުލީ" ކުރައްވައިގެން ފަސް މިލިއަން ޑޮލަރަށްވާ ވަރަށް އަދީބު ފައިސާ ނަންގަވާފައިވާ ކަމަށާއި އެ ފައިސާ ޖަމާކުރައްވާފައިވަނީ ކެމްޕޭނަށް އަދީބަށް ފައިސާ ދިން ވިޔަފާރިވެރިޔާގެ އެކައުންޓަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެފައިސާ އަދީބު ނެންގެވީ އެއަށް ވާވަރަށް އަނބުރާ ޑޮލަރު ދައްކާ ގޮތަށް ކަމަށެވެ.
އެމްޕީއެލް އިން އަދީބު ފައިސާ ނެންގެވިކަން އެނގިވަޑައިގެންނެވި ހިސާބުން ލިޔެކިޔުންތަކާ އެކީ ޔާމީން އަރިހަށް، ރައީސް އޮފީހަށް ވަޑައިގެން އެ މައުލޫމާތު ހިއްސާކުރެއްވި ކަމަށްވެސް ނާޒިމް މިއަދު ވިދާޅުވި އެވެ. އަދީބު ނެންގެވި ހުރިހާ ފައިސާއެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެމްޕީއެލް އިން ނެންގެވި ކަމަށް ބުނާ ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށް އެދުވަހު ޔާމީން ވިދާޅުވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތުތައް އޮޑިޓާ ޖެނެރަލްއާ ވެސް ހިއްސާކުރެއްވި ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އޮޑިޓާ ޖެނެރަލް ރިޕޯޓެއް ވެސް ނެރުއްވި ކަމަށެވެ.
"އެމްއެމްޕީއާރްސީ ހިޔާނާތަކީ ޔާމީންގެ މޭސްތިރިކަމުގެ ދަށުން ހިނގައި ދިޔަ ކަމެއް. އެދުވަހު އަޅުގަނޑު އެމްޕީއެލް ކަންތައްތައް ސަމާލުކަމަށް ގެނައުމުން [ރައީސް ޔާމީން] ފިޔަވަޅު އެޅުއްވިނަމަ ފަހަތުން ހިނގައި ދިޔަ ކަންތަކެއް ނުހިނގާނެ. އެމްއެމްޕީއާރްސީ ހިޔާނާތް އުފަންވީ އެމްޕީއެލްއާ ހިސާބުން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭގެ ފަހުން އެމްއެމްޕީއާރްސީގެ ހިޔާނާތް ފެށިގެން އައީ ވެސް ކެމްޕޭނުގެ ހަރަދުތައް ފޫބައްދައި ދަރަނި ދެއްކުމަށް ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
ޔާމީންގެ ވަކީލުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާތައް ޖަމާކޮށްފައިވާ އެސްއޯއެފް އަކީ ކޮން ބައެއްކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އޭނާ ޖަލަށް ލާފައި ހުރުމުން ފަހުން ޔާމީނާއި މުއާމަލާތް ކުރެވިފައި ނުވާ ކަންވެސް ފާހަގަކުރެއްވި އެވެ. އޭނާ ޖަލަށްލާން ސުޕްރީމް ކޯޓުން ބޭއިންސާފުން ހުކުމެއް ކުރިއިރު ދައުލަތުގެ އެންމެ އިސްވެރިޔާއަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޔާމީނާ މުއާމަލާތް ނުކުރަނީ މުއުމިނަކަށްވީމަ. އެއް ހަރަކުން ދެފަހަރަށް ކަށި ޖަހާކަށް ފުރުސަތެއް ނުދޭނަންއަހުމަދު ނާޒިމް | ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް
ނާޒިމް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި މައްސަލައެއްގަ އެވެ.
ނާޒިމް ޖަލަށްލީ ވާހަކަ ފާހަގަކުރެއްވުމުން ޔާމީންގެ ވަކީލުން ވަނީ ނާޒިމްގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދަވާފަ އެވެ. އެގޮތުން ނާޒީމްގެ ފަރާތުން ޔާމީނަށް އެއްވެސް ރުޅިވެރިކަމެއް އަދި އަދާވާތްތެރިކަމެއް އޮވެދާނެ ކަމާމެދު ސުވާލު އުފެއްދެވި އެވެ. އެކަމަކު އެކަންކަމަކީ ނާޒިމް ކޯޓަށް ހާޒިރުކުރި މައުލޫއާއި ބޭރުކަމެއް ކަމުން އެ ސުވާލުތައް އިސް ގާޒީ އަހުމަދު ޝަކީލް ހުއްޓުވި އެވެ.
މިއަދުގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ވެސް ދެފަރާތުން ގިނަ އިއުތިރާޒްތަކެއް ކޮށްފައިވެ އެވެ. މިއީ ޔާމީނާ ދެކޮޅަށް ނާޒިމް ހެކިބަސް އަދާކުރި ފުރަތަމަ ފަހަރެވެ. ނާޒިމް އަކީ ކުރިން ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު ޔާމީންގެ ކެމްޕޭނުގައި ވެސް ނާޒިމް ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ. އެދުވަހު ވެސް އޮންނާނީ އިތުރު ހެއްކެއްގެ ހެކިބަސް ނެގުމެވެ.