ހަބަރު

ވެސްޓް ޕާކް ސަރަހައްދު ގާޑިޔާތައް ނަގަން އަންގައިފި

Oct 8, 2019
2

ވެސްޓް ޕާކް ސަރަހައްދުގައި ބަހައްޓާފައިވާ ގާޑިޔާތައް އެސަރަހައްދުން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެ ގާޑިޔާތައް ނަގަން އަންގާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ރިޕޯޓާއި ގުޅިގެނެވެ. އެ ރިޕޯޓްގައިވާ ގޮތުން އެ ސަރަހައްދުގައި ހުރި ގާޑިޔާތަކަކީ ކާބޯތަކެތީ ހިދުމަތް ދޭން އެކަށީގެންވާ ތަންތަން ނޫނެވެ.

އެޗްޕީއޭ އިން ގާޑިޔާތަކުގެ ސާފުތާހިރުކަން ދެނެގަތުމަށް ސާވެއް ކުރީ މިދިޔަ އޯގަސްޓު މަހު އެވެ.

ސިޓީ ކައުންސިލުން ބުނީ ގާޑިޔާތައް ހުރި ސަރަހައްދު ރަސްފަންނާއި ގުޅާލަން ނިންމާފައިވާ ކަމަށެވެ. އަަދި އެތަން ހުސް ކުރަން މީގެ ކުރިން ވެސް އަންގާފައި ވާނެ ކަމަށެވެ.

އެ ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ހިންގަމުން އަންނަނީ ދޫކޮށްފައިވާ ވަގުތީ ހުއްދައެއްގެ ދަށުން ކަމަށެވެ. ކައުންސިލާއެކު އެއްވެސް އެއްބަސްވުމެއް ވެސް ހަދާފައި ނުވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އެ ގާޑިޔާތައް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނަގަން ވަނީ އަންގާފަ އެވެ. އަދި އެމުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ ކައުންސިލުން އެތަކެތި ނަގާނެ ކަމަށްވެސް ވަނީ އަންގާފަ އެވެ.