ހައްޖާއި، އުމުރާގެ އަޅުކަމަށް ދާ މީހުންގެ އަތުން އިތުރު ޓެކްސްތަކެއް ނެގުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފަ އެވެ. ސައުދީ ސަރުކާރުން އެ ގައުމަށް ގެންނަމުންދާ އިގްތިސޯދީ ބަދަލުތަކުގެ ތެރެއިން ދެން ހައްޖާއި އުމުރާގެ އަޅުކަމަށްދާ ކޮންމެ މީހަކަށް ވިސާ ފީގެ ގޮތުގައި 300 ރިޔާލް ނަގާނެ އެވެ. އަދި ބަސް ދަތުރުތަކާއި، އެހެނިހެން ބައެއް ޚިދުމަތްތަކަށް އިތުރު ޓެކްހެއް ނަގަންވެސް ނިންމާފައި ވެއެވެ.
މީގެ ކުރިން 3 އަހަރުތެރޭ ތަކުރާރުކޮށް ހައްޖަށް ނުވަތަ އުމުރާއަށް ދާ ފަރާތްތަކުގެ އަތުން ދިޔައީ 2000 ރިޔާލް ނަގަމުންނެވެ. ނަމަވެސް އެކަން ހުއްޓާލައި ހައްޖާ އުމުރާއަށްދާ ކޮންމެ މީހަކު އަތުން 300 ރިޔާލު ނަގަން ނިންމާފައި ވެއެވެ.
މީގެ އިތުރުން ހޮޓެލް ބުކްކުރުމާއި، ބަސް ދަތުރުތަކުގެ އިންތިޒާމު ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ސައުދީ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސައުދީގެ މި ނިންމުން މިދިއަ ހަފުތާގައި ހައްޖާއި އުމުރާއަށް މީހުން ގެންދާ ގުރޫޕްތަކާއި ވަނީ ހިއްސާކޮށްފަ އެވެ. ރާއްޖޭގެ ހައްޖާއި އުމުރާ ގުރޫޕްތަކަށް އެކަން ހިއްސާ ކޮށްފައިވަނީ މީގެ ކުރިން ވިސާގެ ކަންކަން ހަމަޖައްސައި ދިނުމަށް ހަރަކާތްތެރިވާ ސީޕްރިއާ ގުރޫޕުންނެވެ.
ސައުދީ ސަރުކާރުގެ މި ނިންމުން އައިއިރު، ކުރިއަށް އޮތް ޑިސެންބަރު މަހުގެ އުމުރާއަށް ދިވެހިން ގެންދާ ހުރިހާ ޖަމާއަތްތަކުން ވަނީ އުމްރާވެރިންގެ އަތުން ފައިސާ ނަގާފަ އެވެ. އަދި އުމުރާގެ އަޅުކަމަށް ފުރުމުގެ ތައްޔާރީތައް ޖަމާއަތްތަކުން ވަނީ ފަށާފަ އެވެ.
ނަމަވެސް މި އައި ބަދަލާއި ގުޅިގެން ހުރިހާ ޖަމާއަތްތަކަށް ވެސް ވަނީ އުމުރާ ވެރިންގެ އަތުން އިތުރަށް ފައިސާ ނަގަން ޖެހިފަ އެވެ. ހައްޖާއި، އުމުރާގެ އަޅުކަމަށް ދާ މީހުންގެ އަތުން އިތުރު ޓެކްސްތަކެއް ނަގަން ސައުދީ ސަރުކާރުން ނިންމާފައިވާތީ އެކަމާއި ގުޅިގެން ދެން އަމަލު ކުރާނެ ގޮތަކާއިމެދު އުމުރާ ގުރޫޕްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަވަސްއާ ވާހަކަދައްކަމުން އިސްލާމިިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައްޖާއި، އުމުރާގެ އަޅުކަމަށް ދާ މީހުންގެ އަތުން އިތުރު ޓެކްސްތަކެއް ނަގަން ސައުދީ ސަރުކާރުން ނިންމާފައިވާ ކަމުގެ މައުލޫމާތުތަކެއް ލިބިގެން އެކަންކަން ސާފު ކުރަން ފޮރިން މިނިސްޓްރީީ މެދުވެރިކޮށް ސައުދީ އެންބަސީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެނައިކަން ރަސްމީކޮށް އެ މިނިސްޓްރީއަށް އެއްވެސް ފަރާތަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް މީގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން ސައުދީ އެމްބަސީން އެކަން އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަން އަވަސްއަށް އެނގިފައި ވެއެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ އުމްރާއަށް ގެންދިއުމުގެ ހުއްދަ ޖަމާއަތްތަކަށް ދެނީ ވަކި އަދަދަކަށް ފައިސާ ނެގުމަށް ޝަރުތުކޮށްފައި ނޫން ކަމަށެވެ. އެހެންކަމުން ބަދަލުތަކެއް އައުމުން އެ އިތުުރުވާ ފައިސާއެއް ނެގުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އުމުރާއަށް މީހުން ގެންދިއުމަށް އެއްވެސް ކުންފުންޏަކަށް ހުއްދަ މި ދެނީ ވަކި އަދަދެއް ނެގުމަށް ޝަރުތުކޮށްފައެއް ނޫން. ހައްޖަށް މީހުން ގެންދިއުމުގައި އަމަލު ކުރާ ގޮތަކަށް ނޫން އުމްރާގެ ކަންކަމުގައި މި އޮންނަނީ. އަނެއްކޮޅުން އެކި ޖަމާއަތްތަކުން އެކި މުއްދަތަށް އެކި ދުވަސްވަރު ދެއްތޯ އުމުރާއަށް މީހުން މި ގެންދަނީ. އެހެންވީމަ ޖަމާއަތްތަކުން ނަގާ އަދަދުވެސް ތަފާތުވާނެ،" އޭނާ ވިދާޅުވި އެވެ.
އަވަސްއާ ވާހަކަ ދެއްކި ޖަމާއަތްތަކުން ބުނީ މީގެ ކުރިން ބައެއް ޖަމާއަތްތަކުން އޮޅުވާލައިގެން ހައްޖާއި އުމުރާއަށް ދާ މީހުންގެ އަތުން ފައިސާ ނެގުމުގެ މައްސަލަތައް ހިނގާފައިވާއިރު، ހައްޖާއި އުމުރާއަށް ގެންދާ މީހުންގެ އަތުން އިތުރު ޓެކުހެއް ނަަގަން ސައުދީން ނިންމުމުން އެކަން ކަމާބެހޭ އިދާރާތަކުން ހާމަ ކުރަން ޖެހޭނެ ކަމަށެވެ.
"އެހެން ނުވެއްޖެނަމަ އަޅުގަނޑުމެންވެސް އިތުރަށް ފައިސާ ނަގަން އުޅުމުން އިތުރު ޝައްކުތަކެއް އުމުރާވެރިން ކުރާނެ ނޫންތޯ. އެހެންވީމަ މި އައި ބަދަލު އަދި އިތުރަށް މިފަހަރު ފައިސާ ނަގަން ޖެހޭކަން މިނިސްޓްރީން ޖެހޭ ނޫންތޯ އާންމުންނަށް އަންގަން،" ޑިސެންބަރު އުމުރާއަށް މީހުން ގެންދާ ޖަމާއަތުގެ ވެރިއަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައުދީގެ މި ނިންމުން އައީ ޑިސެންބަރު އުމުރާއަށް އުމުރާވެރިންގެ އަތުން ނަގަންޖެހޭ ފައިސާއެއް ނަގާފައިވަނިކޮށް ކަމަށެވެ. އަދި ސައުދީގެ ނިންމުމާއެކު އިތުރަށް 200 ޑޮލަރު އިތުރު ވެގެންދާނެ އެވެ.
"އެހެން ނަމަވެސް އިތުުރު ފައިސާއެއް މި ނަގަނީ ކީއްވެގެންކަން ކަމާބެހޭ ފަރާތްތަކުން ޖެހޭ އާންމުންނަށް ބުނެދޭން. އެއީ އެއްވެސް ޖަމާއަތަކުން އޮޅުވާލައިގެން ނަގާ ފަައިސާއެއް ނޫންކަން. އެއީ ނަގަންޖެހޭ އެއްޗެއްކަން ބުނެދޭން ޖެހޭ. އޭރުން އާންމުންގެ އިތުބާރު އަޅުގަނޑުމެންގެ މައްޗަށް އޮންނާނީ." ޖަމާއަތެއްގެ ވެރިއަކު ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ އިތުރަށް ނަގާ ފައިސާއިން ދައްކަން ޖެހޭ ޓެކްސް ތަކުގެ ރިސިޓްކޮޅު ވެސް ދޭން ތައްޔާރަށް. އެގޮތަށް ބަޔަކު ބޭނުން ވާނަމަ."
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ލިބުމުން އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރާނެ ކަމަށެވެ. އަދި ހަމަޖެހިިފައިވާ އުސޫލުތަކުގެ ތެރެއިން އުމުރާގެ އަޅުކަމަށް ވާންޖެހޭ ތައްޔާރީތައް ކުންފުނިތަކުން ކުރިއަށް ގެންދިއުމަށް ވަނީ އެދިފަ އެވެ.