ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެންގެ ހަރަކާތްތައް ހުއްޓާލަން އަންގައިފި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ޔޫތް މިނިސްޓްރީން އަންގައިފި އެވެ. ޔޫތް މިނިސްޓްރީއަކީ އަމިއްލަ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތެވެ.

އެމްޑީއެން ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން މިއަދު ނިންމީ އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓްގެ މައްސަލާގަ އެވެ. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނުވުމާއެކު އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ އެވެ.

އެމްޑީއެންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި މައްސަލައާ ގުޅިގެން ދީނީ އިލްމްވެރިން ވެސް ރައީސް ސޯލިހާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އިލްމްވެރިން ވަނީ އެ ޖަމިއްޔާ އުވާލަން އެދިފަ އެވެ. ބައްދަލުވުމަށްފަހު އިލްމްވެރިން ބުނެފައިވަނީ ރައީސް ސޯލިހުގެ ފަރާތުން އުއްމީދީ ޖަވާބުތަކެއް ލިބި ވަޑައިގެންނެވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އެމްޑީއެންގެ ރިޕޯޓް ލިޔުނު ފަރާތްތައް ދިފާއު ކުރެއްވުމަށްފަހު މިއަދު ވަނީ އެމްޑީއެންއަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ އިސް ބައެއް އެހެން ބޭފުޅުން ވެސް ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރައްވާފަ އެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ މުވައްޒަފުންނަށް އިންޒާރުތައް ލިބެމުންދާ މައްސަލަ އެ ޖަމިއްޔާއިން ފުލުހަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

ޖަމިއްޔާގެ ބައެއް އިސް ބޭފުޅުން އަދި ކުރިން އެ ޖަމިއްޔާގެ ބައެއް މެންބަރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ. އެ ފާޑުކިޔުންތަކާއެކު އެ ޖަމިއްޔާގެ ޗެއާޕާސަން އާއިޝަތު ނޫޝިން ވަހީދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާއަކީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ.