ނިއުޒީލެންޑް ކައުންސިލް އިންތިހާބުގައި ވާދަކޮށް އެ ގައުމުގެ ރަށްވެއްސަކަށްވެފައިވާ ދިވެއްސަކު ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ.
ނިއުޒިލޭންޑުގެ ހަޓް ސިޓީ ކައުންސިލަށް ވާދަ ކުރައްވާ އެ ކައުންސިލަށް އިންތިޚާބުވެފައިވެ ވަޑައިގަތީ ޝާޒްލީ ރަޝީދެވެ. ޝާޒްލީއަކީ މީގެ 20 އަހަރު ކުރިން ފެށިގެން އާއިލާއާއެކު އެ ގައުމުގައި ދިރިއުޅޭ އަންހެނެކެވެ.
ކައުންސިލް އިންތިޚާބުގެ ކެންޕެއިން ގައި ޝާޒްލީ ވަނީ ހަޓް ސިޓީގައި އަމިއްލަ ވިޔަފާރިތައް ފުޅާ ކުރެވޭނެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. ޝާޒްލީ މިހާރުވެސް ގެންދަނީ ހަޓް ސިޓީގައި ވިޔަފާރީގެ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އެ ސިޓީގައި މަޝްހޫރު ސެލޫނެއް އޭނާ ހިންގައެވެ.
ހަޓް ސިޓީ ކައުންސިލަށް ވާދަ ކުރައްވާ އެ ކައުންސިލްގެ ގޮނޑިއެއް ޝާޒްލީ ކާމިޔާބު ކުރެއްވީ ވަނީ އައްހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވައިގެނެވެ. ލައްކައަށް ވުރެ ބޮޑު އާބާދީއެއް އޮތް އެ ސިޓީ ކައުންސިލްގައި ތިއްބަވަނީ 11 ކައުންސިލަރުން ނެވެ. އިންތިޚާބުގައި ޝާޒްލީ ވާދަކުރީ މިނިވަން މެންބަރެއްގެ ގޮތުގަ އެވެ.
އިންތިޚާބުގެ ކާމިޔާބީއަށް ފަހު ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ވޯޓް ދިން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ހަޓް ސިޓީއަކީ އަމާން އުފާވެރި ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.