ދުނިޔެ

ކާމިޔާބު ލިބެން ދެން ޝަކުވާކުރާނަން: ޑޮނަލްޑް ޓްރަމްޕް

Aug 12, 2015

އެމެރިކާގެ ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އެގައުމުގެ މަހުޖަނު، ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ އެބޭފުޅާހާ ޝަކުވާ ގިނަ ބޭފުޅެއް މި ރޭހުގައި ނެތް ކަމަށް ދެންނެވުމަކީ ހަމަ އަސްލަށް ވެސް ހަގީގަތެއް ކަމަށާއި ޝަކުވާކުރެއްވުން ހުއްޓަވާލެއްވުމުގެ ހިޔާލެއް ވެސް އެ ބޭފުޅާ ނުގެންގުޅުއްވާ ކަމަށެވެ.

"އަހަރެންހާ މޮޅަށް ޝަކުވާކުރަން އެނގިވަޑައިގަންނަވާ ފަރާތެއް ނެތް. އަހަރެން ޝަކުވާކުރަނީ ކަންކަން ކާމިޔާބުކުރަން ބޭނުންވާތީ. ކާމިޔާބު ލިބެން ދެން އަޅުގަނޑު ގެންދާނީ މިގޮތަށް ޝަކުވާކޮށް ގިސްލަމުން،" ޓްރަމްޕް ވިދާޅުވި އެވެ.

ރިޕަބްލިކަންގެ ޕްރައިމަރީގެ ކުރީގައި އުޅުއްވާ ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ސީއެންއެންގެ "ނިއު ޑޭ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އަމާޒުވި ފާޑުކިޔުންތަކަކަށް ރައްދު ދެއްވަމުންނެވެ.

އެކި މައްސަލަތަކުގައި އަބަދުވެސް ޝަކުވާކޮށް އަޑުގަދަކުރެއްވުމަށް މަޝްހޫރުވެ ވަޑައިގެންފައިވާ ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އެ ބޭފުޅާގެ ހާމަކަން ބޮޑު ސިޔާސަތުތަކާއި ޖެހިލުންކުޑަ އަދި ގޮތްކުޑަ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

މީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓް ލިބިވަޑައިނުގެންފި ހާލަތެއްގައި އެހެން ޕާޓީއެއް ނުވަތަ އަމިއްލަ ގޮތުން ވެސް ރިއާސީ ރޭހުގައި ވާދަކުރައްވަވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވާފައި ވުމަކީ "ޝަކުވާކުރައްވާ ސިޔާސީ ފަރާތެއް" ގެ ގޮތުގައި އެމެރިކާ އިން މި ބޭފުޅާ ލޭބަލްކުރައްވާފައިވާ ކަމެކެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވަނީ ކިތަންމެ ފާޑެއްކިޔަސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވަނީ ހިޔާލު ހޯދުމުގެ ވޯޓްގައި އަދި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ ރޭހުގެ ކުރީގައި އޭނާ އުޅެނިކޮށް އެ ޕާޓީގެ ރިއާސީ ޓިކެޓް ލިބިވަޑައިނުގެންފި ނަމަ ރޭހަށް ނުކުމެ ވަޑައިގަންނަވާނެ އެހެން ގޮތެއް ހޯދަން ނުކުމެ ވަޑައިގަތުމަށް މަޖުބޫރުވެ ވަޑައިގަންނަވާނެ ކަމަށެވެ.

ރިޕަބްލިކަން ޕާޓީ އިން ޓްރަމްޕްގެ ނަން ފިޔަވައި އެހެން ނަމެއް ރިއާސީ ރޭހަށް ނޮމިނޭޓްކޮށްފި ނަމަ އެ ނަމަކަށް ތާއީދުކުރައްވަވާނެ ކަމަށް ވެސް އޭނާ މިހާތަނަށް ވިދާޅެއް ނުވެ އެވެ.