ހުޅުމާލެ

ހުޅުމާލެ ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ދެނީ

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީ ސްކްރީނިންގެ ހިދުމަތް ދޭން ފަށައިފި އެވެ.

މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް އިފްތިތާހު ކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.

މެމޮގްރަފީ ސްކްރީނިންއަކީ 40 އަހަރުން މަތީގެ މީހުންނަށް އުރަމަތީގެ ކެންސަރަށް ޑައިގްނޯސް ވެފައިވޭތޯ ކުރާ ސްކްރީނިން އެކެވެ.

މެމޮގްރަފީގެ ހިދުމަތާއެކު، އެ ހޮސްޕިޓަލުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް ދިނުން އިތުރަށް ފަސޭހަވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި، މި ހިދުމަތް އަލަށް ތައާރަފް ކުރުމާ ގުޅިގެން މި ހަފްތާގައި ވަނީ މެމޮގްރަފީ ސްކްރީން ކުރުން ހިލޭ ހުޅުވާލާފަ އެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 09:00 އަކުން މެންދުރު 12:00 އަށެވެ.

ހުޅުމާޅެ ހޮސްޕިޓަލުން ބުނި ގޮތުގައި މެމޮގްރަފީގެ ސްކްރީނިން މީގެ ކުރިން ކުރަނީ އައިޖީއެމްއެޗަށް ނޫނީ އޭޑީކޭ އަށް ފޮނުވައިގެންނެވެ.

މެމޯގްރަފީގެ ހިދުމަތް ތައާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވަނީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭ އޮންކޮލޮޖީ ޑިމާޓްމަންޓަށް ދެ އަހަރު ފުރުންވެސް ފާހަގަ ކޮށްފަ އެވެ. އަދި، ރައީސްގެ އަނބިކަނބަލުން ވަނީ އެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.

މި މަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން ކުރާ މަހެވެ.