ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދަށް މިއަދު ވަޑައިގަތުމުން އެތަނުން ބަޔަކު ހުރަސް އެޅުމާ ގުޅިގެން ކެމްޕޭނަށް މާބޮޑަށް ފައިދާވެއްޖެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓް ސަރަހައްދަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތަކަށް މެޑަމް ފަޒްނާ މިއަދު ވަޑައިގަތުމުން އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުންތަކެއް ވަނީ މެޑަމް ފަޒްނާއާ ދިމާކޮށް، ހުތުރު ބަހުން މުހާތަބް ކޮށްފަ އެވެ.
މިކަމާ ގުޅިގެން ފަޒްނާ މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުން އެކަމަނާ އަށް ފުރައްސާރަ ކުރި ދެފިރިހެނުންނަކީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަމަށް އެނގިފައިވާ ކަމަށެވެ.
އެކަމުގެ އެއް ހެއްކަކީ އެކަމަނާއާ އެކު އެވަގުތު އެތަނުގައި ހުންނެވި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ ނިޔާޒު އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއަށް ގުޅުއްވުމުން ޝުޖާއު ދެއްވި ޖަވާބު ކަމަށް ވިދާޅުވި އެވެ.
"އެމްޕީ ނިޔާ އިދިކޮޅު ކެންޑިޑޭޓާ ގުޅި އެވެ. ފޯނެއް ނުނަގަ އެވެ. މެސެޖު ކުރި އެވެ. އަދިއަދަށްވެސް ޖަވާބު ނުދެ އެވެ. އެހެންވީމާ 'އާންމުން ނުކުމެ އޭނާއަށް ބާގީއޭ ގޮވާނީ' ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިޑިކަމެކެވެ. އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެ އެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ،" އެކަމަނާ އަށް ހުރަސް އެޅީ އިދިކޮޅު ކެންޑިޑޭޓުގެ ޓީމުން ފޮނުވި ބައެއް ކަމަށް ދޭހަވާ ގޮތަށް ފަޒްނާ ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވީ ދެ ފިރިހެނުން އެކަމަނާއަށް ފުރައްސާރަކުރަމުން ނުދިޔަނަމަ އެކަމަނާ އެތަނަށް ދިޔަކަންވެސް ގިނަ މީހުންނަށް ނޭނގޭނެ ކަމަށެވެ. އެކަމަކު އެ ހުތުރު އަމަލުގެ ސަބަބުން އެމްޑީޕީގެ ކެމްޕޭނަށް ވީ ފައިދާ ކަމުގައި ވިދާޅުވި އެވެ.
"މިހުން އައިސް ސަލާންކޮށް ގައިގައި ފިރުމާ އަޅުގަނޑާ އެކު ފޮޓޯ ނަގަން އެދުނީ އެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނީ އެވެ. މަޣްރިބް ނަމާދަށް ގޮވުމާއި، އެހެން މީޓިންނެއް 6:30 ގައި އޮތުމާއިއެކު އަޅުގަނޑު މިއަދަށް ނިންމާލީ އެވެ. އެހެން ދާއިރާ ތަކުގެ ޑޯޓުޑޯ ނިމުނީމަ އަޅުގަނޑަށް ދައުވަތު ދެއްވި އާއިލަތަކަށް އިރާދަކުރެއްވިއްޔާ އަދި ޒިޔާރާތް ކުރާނަމެވެ،" ހިޔާ ފްލެޓްތަކަށް އަދިވެސް ވަޑައިގަންނަވާނެ ކަމަށް އިޝާރާތް ކުރައްވާ ފަޒްނާ ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވީ މިއަދު ހިނގާދިޔަ ކަންކަމާ އެކަމަނާ ޖެހިލުންވެވަޑައި ނުގެންނެވި ނަމަވެސް މިއަދު ހިނގާދިޔައީ ސީރިއަސް މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުގެ ހާލުބަލަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުނަށް ޝުކުރުދަންނަވަމެވެ. އަދި އިރާދަކުރެއްވިއްޔާ ކެމްޕޭންކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" ފަޒްނާ ވިދާޅުވި އެވެ.