އެމްޑީޕީ

ސަރުކާރުން ދޫކުރާ ފްލެޓް ކުއްޔަށް ދެވޭނެ ގޮތެއް ހަދަނީ

ސަރުކާރުން ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓްތައް ކުއްޔަށް ދެވޭނެ އުސޫލެއް ހަމަޖައްސާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދޫކުރާ ފްލެޓްތައް ކޮންމެވެސް ހަމައެއްގެ ތެރެއިން ކުއްޔަށް ދެވޭނެ ގޮތްތަކެއް ހެދުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

ފްލެޓްތައް ކުއްޔަށް ދޫކުރެވޭނެ ގޮތްތަކެއް ހަދައިދެނީ ބަޔަކު މުއްސަނދިވުމަށް ފުރުސަތު ދިނުމުގެ ވިސްނުމަކަށް ވުރެ ބޮޑަށް ބޯހިޔާވަހިކަމެއް ބޭނުންވާ ބަޔަކު އަދިވެސް އުޅޭތީ ކުޑަ އަގެއްގައި އެ ބަޔަކަށް ވެސް ދިރިއުޅެވޭނެ ތަނެއް ހޯދައިދިނުމަށް ކަމުގައިވެސް ފައްޔާޒު ވިދާޅުވި އެވެެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ސަރުކާރުގައި އެކަމާ މެދު ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ހުރިހާ ފަރާތަކަށްވެސް ފައިދާ ހުރި ގޮތަށް އެކަން ނިންމާނަން" ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދެވޭނެ އުސޫލެއް ހަދައިދޭނެ ކަމަށް ފައްޔާޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. ނަމަވެސް ބައެއް މީހުން އެ މީހުންގެ ފްލެޓް ކުއްޔަށް ދީފައި ހުރެ އެވެ. އެކަމަކު އެކަމާ ގުޅިގެން މިހާތަނަށްވެސް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

ސަރުކާރުން ދޫކުރާ ފްލެޓް ކުއްޔަށް ދެވޭނެ އުސޫލެއް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު މިސަރުކާރުން ދޫކުރާ ބަންޑާރަ ގޯތި ވަކި މުއްދަތެއް ހަމަވުމުގެ ކުރިން ވިއްކާ ނުލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެެވެ.