މުހައްމަދު އަސްލަމް

ހުޅުމާލެއަށްވުރެ ގުޅިފަޅާއި ގިރާވަރުފަޅު ފުރިހަމަވާނެ: އަސްލަމް

ހުޅުމާލެއަށްވުރެ ފުރިހަމައަށް މި ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ތަރައްގީ ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ މި ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ޕްރޮގްރާމްގައި ހުޅުމާލެއިން ގޯތި ނުލިބުނު ބައެއް މީހުންގެ ކަންބޮޑުވުން އިވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލެއިން ގޯތި ނުލިބުނު ނަމަވެސް ކަންބޮޑުނުވުމަށް އެދިވަޑައިގެން އަސްލަމް ވަނީ މި ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު މާ ފުރިހަމަށް ތަރައްގީކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ މީހުން ދިރިއުޅެވޭ ތަނަކަށް މާލެ ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަސްލަމް ވަނީ އެމްޑީޕީން ބަޔަކު ވަކިވިނަމަވެސް ޕާޓީއަށް ހީނަރުކަމެއް ނާންނަ ކަމަށާއި ސަރުކާރަށް އޮތް ތާއީދު މުޅި ރާއްޖެއިން ފެންނަ ކަމަށް ވިދާޅުވެފަ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ.

ސަރުކާރުން ނިންމާފައިވަނީ މިބުރުގައި ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.