ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގަތުމުން ބަޔަކު އެކަމަނާއަށް ހުރަސްއެޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފި އެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޑަމް ފަޒްނާއަށް އާންމު ފަރާތްތަކުން ހުރަސް އެޅި އެޅުން ކޮމިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކމަަށެވެ.
ކޮމިޝަނުން ބުނީ އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ. ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕޭން ހަރަކާތްތަކަށް އިހްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަންވެސް ހަނދާންކޮށްދީފައިވެ އެވެ.
އެޗްއާރްސީއެމް އިން ވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކަކުގެ ހައްގުތަކަށް އިހްތިރާމުކޮށް ގާނޫނާއި ޤގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.
"ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެ. ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާ، ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ގޮވާލަން. ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރަން،" އެޗްއާރްސީއެމް އިން ބުނެފައިވެ އެވެ.
ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުން އެކަމަނާ އަށް ފުރައްސާރަ ކުރި ދެފިރިހެނުންނަކީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަމަށް އެނގިފައިވާ ކަމަށެވެ. އެކަމުގެ އެއް ހެއްކަކީ އެކަމަނާއާ އެކު އެވަގުތު އެތަނުގައި ހުންނެވި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ ނިޔާޒު އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއަށް ގުޅުއްވުމުން ޝުޖާއު ދެއްވި ޖަވާބު ކަމަށް ވިދާޅުވި އެވެ.
"އެމްޕީ ނިޔާ އިދިކޮޅު ކެންޑިޑޭޓާ ގުޅި އެވެ. ފޯނެއް ނުނަގަ އެވެ. މެސެޖު ކުރި އެވެ. އަދިއަދަށްވެސް ޖަވާބު ނުދެ އެވެ. އެހެންވީމާ 'އާންމުން ނުކުމެ އޭނާއަށް ބާގީއޭ ގޮވާނީ' ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިޑިކަމެކެވެ. އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެ އެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ،" އެކަމަނާ އަށް ހުރަސް އެޅީ އިދިކޮޅު ކެންޑިޑޭޓުގެ ޓީމުން ފޮނުވި ބައެއް ކަމަށް ދޭހަވާ ގޮތަށް ފަޒްނާ ވިދާޅުވި އެވެ.