އެޗްއާރްސީއެމް

އެޗްއާރްސީއެމް ކަންބޮޑުވާ އެތައް މައްސަލައެއް

ރިޔާސީ އިންތިހާބާ ގުޅޭ މައްސަލަތަކެއް ފާހަގަކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަކީ ދިމިގުރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އިންތިހާބެއްތޯ ކަށަވަރު ކުރުމަށް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކުން ފާހަގަކުރެވޭ ކަންކަމާއި ކޮމިޝަންގެ ހުށަހެޅުންތައް ހިމެނޭ ތަފްސީލީ ރިޕޯޓް އިންތިހާބުގެ ދެވަނަ ބުރަށްފަހު އިދާރާތަކާ ހިއްސާކޮށް ޝާއިއު ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ފާހަގަކުރެވޭ ބައެއް މައްސަލަތައް އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ.

އެޗްއާރްސީއެމް އިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް

  • ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ
  • ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި ކުރިއެރުން ދިނުން
  • ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން
  • ކެމްޕޭން ހަރަކާތްތަކަށް ހުރަސްއަޅައި ރޫޅާލައި ކަމަށް ބުނާ މައްސަލަ
  • އެންޓި ކެމްޕޭން ކުރުމާއި އަބުރަށް އަރައިގަނެ ފުރައްސާރަ ކުރުން

އެޗްއާރްސީއެމް އިން ވަނީ އެ ކޮމިޝަނަށް ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލާފަ އެވެ. ގާނޫނުތައް ހުރި ގޮތުން މައްސަލަތަކަށް ހައްލު ހޯދުމަށް ދަތިަތަކެއް ހުރުމުން ގާނޫނީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް އަވަސްކުރުމަށްވެސް ކޮމިޝަނުން ގޮވާލާފައިވެ އެެވެ.

"އިންތިހާބު މޮނިޓަކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މިފަދަ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތް ބަލަމުންދާ ކަމުގައިވެސް ދަންނަވަމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާއި، އެއްވެއުޅުމުގެ މިނިވަންކަން ގާނޫނާއަސާސީ އިން ލިބިދޭ އެންމެ ފުޅާ މިންވަރަށް ލިބިދޭކަން ކަށަވަރުކޮށްދިނުމަށް އެދި ކަމާ ގުޅުންހުރި އިދާރާތަކަށް އިލްތިމާސްކުރަމެވެ،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރުމަށް ހުޅުވާލެވުނު ފުރުސަތަށްފަހު، ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި ލިސްޓުގައި ނަން އޮތްތޯ ބެލުމާއި ވޯޓުލާން ޖެހޭ މަރުކަޒާއި އަދި މައުލޫމާތުގެ ސައްހަކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ 48 ގަޑިއިރު ތެރޭގައި ކަށަވަރުކޮށް ޝަކުވާއެއް ހުށަހެޅުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ހުރިހާ އެންމެންވެސް ވޯޓުލުމުގެ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ނުފޫޒުން އެއްކިބާވެ ތިބެ ވޯޓުލުމުގެ މުހިއްމު ކަންވެސް އެޗްއާރްސީއެމް އިން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި ކަމާގުޅުންހުރި އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އެންމެހާ ފަރާތްތަކުން އަމަލުކުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

"މި އިންތިހާބަކީ މިނިވަން، އިންސާފުވެރި، އަދި ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުގެ ކިބައިން އެދެމެވެ." އެޗްއާރްސީއެމް އިން އެދިފައިވެ އެވެ.