އެޗްއާރްސީއެމް

ވޯޓުލާ މަރުކަޒުތަކުގައި ތިބި ބައެއް އޮފިޝަލުންނަށް އިތުރަށް ކިޔައިދޭންޖެހޭ: އެޗްއާރްސީއެމް

ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލުން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލީ ބައެއް މަރުކަޒުތަކުގައި ގާނޫނާ ހިލާފަށް ބައެއް ކަންކަން ކުރިއިރުވެސް އެތާ ތިއްބެވު އޮފިޝަލުން އެ ކަންކަން ހުއްޓުވަން މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ.

މުނާ ވިދާޅުވީ ވޯޓުލާ މަރުކަޒުގެ ތެރޭގައި ޒޫމް ކޮށްގެން ވޯޓު ކަރުދާސް ވީޑިއޯކޮށް ފޮޓޯ ނެގުމުގެ ސަބަބުން ބައެއް މީހުންގެ ވޯޓުގެ ސިއްރުކަން ގވެއްލިފައިވާ ކަމަށާއި އަދި ދައްކަން ނުޖެހޭ ސިޔާސީ ވާހަކަތައް ވޯޓުލީ ބައެއް މަރުކަޒުތަކުގައި ދައްކާފައިވާ ކަމަށެވެ.

"އެކަމަކު މިފަދަ ބައެއް ކަންކަން މަރުކަޒުތަކުގައި ތިއްބެވި އޮފިޝަލުން ހުއްޓުވާފައެއް ނުވޭ،" މުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް އޮބްޒާވަރުންނާއި، މޮނިޓަރުންނަށް އަދިވެސް ބައެއް ކަންކަން އެންމެ ރަނގަޅަށް ސާފުވެފައި ނުވާ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ސައްހަ ކަމަށް ބެލެވޭ 4،000 އެއްހާ ވޯޓު ކަރުދާސް ބައެއް މަރުކަޒުތަކުގައި ބާތިލް ކަމަށް ކަނޑައެޅި މައްސަލަ އެވެ.

އެޗްއާރްސީއެމްގެ މެންބަރު އައިމިނަތު ޝިފާއަތު އަބްދުﷲ ރައްޒާގް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި ބޭއްވި އިންތިހާބުގައި ގިނަ ބަޔަކު ބައިވެރިވެފައި ނުވާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ މައިގަނޑު އެއް ސަބަބަކީ އާންމުން ހޭލުންތެރިކޮށް ވޯޓުލުމަށް ޝައުގުވެރިކުރުވުމަށް ކުރަންޖެހޭ ކަންކަން ނުކުރެވުމެވެ.

"ހަގީގަތުގައި އަލަށް ވޯޓުލާ ފަރާތްތަކަށް ހާއްސަ ކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގުން ވަރަށް މުހިއްމު. ސަބަބަކީ އެއީ އެފަރާތްތަކަށް ގައުމުގެ ކަމެއްގައި ބަސް ބުނަން ލިބޭ ފުރަތަމަ ފުރުސަތު ކަމަށް ވާތީ،" ޝިފާއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓު ކަރުދާސް ބާތިލްވާ ގޮތް މިހާރަށް ވުރެ ބޮޑަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށް ހޮނިހިރު ދުވަހުގެ އިންތިހާބުގައި ކުރެވުނު ތަޖުރިބާ އިން އެނގޭ ކަމަށެވެ. އަދި ބާތިލް ވޯޓު ގިނަ ވުމުގެ ސަބަބުގެ ތެރޭގައި ބައެއް އޮފިޝަލުންނަށް ވޯޓު ގުނުމުގައި ބަލަންވީ ކަންކަން މުޅިން ސާފުވެފައި ނެތުން ހިމެނޭ ކަމުގައިވެސް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީވުމަށް ހުޅުވާލުމަށް ހަމަޖެހިފައިވާތީ އެ މުއްދަތުގެ ތެރޭގައި ރީރަޖިސްޓްރީވުމަށް ބޭނުންވާ މީހުން ދީފައިވާ މުއްދަތުގެ ތެރޭގައި އެކަން ކުރުމަށް އެދިވަޑައިގެންފަ އެވެ.

"މީގެއިތުރުން ހުރިހާ ބޭފުޅުންވެސް އައީޑީ ކާޑު ރަނގަޅަށް ޗެކްކޮށް މުއްދަތު ހަމަވޭތޯ ބެލުންވެސް މުހިއްމު. އަދި އެއްވެސް ފަރާތަކުން އެންޓި ކެމްޕޭން ކުުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އަދި އިންތިހާބުގައި ކުރުން މަނާ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަމެއް ރިޕޯޓްވެސް ކުރަންވާނެ،" މުއުމިނާ ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ މެންބަރު ސަމާއު އަހްމަދު ނަޖީބު ވިދާޅުވީ ވޯޓުލާ މަރުކަޒުގައި ތިބޭ ބައެއް މޮނިޓަރުންގެ ފަރާތުން ސުލޫކީ މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށެވެ. އެހެންވެ އޭނާ ވަނީ ހުރިހާ މޮނިޓަރުންވެސް އެއް ގޮތަކަށް އެއް އުސޫލަކުން އަމަލުކުރުމަށް އެދިވަޑައިގެންފަ އެވެ.

"އިންތިހާބު އޮބްޒާވް ކުރުމަށް ބޭރުން އައިސް ތިއްބެވި ބައެއް އޮބްޒާވަރުންނަށް ރާއްޖޭގެ ބައެއް އޮބްޒާވަރުން ވަރަށް ހަޑި ހުތުރު ބަހުން މުއާމަލާތު ކުރި. އެފަދަ ކަންކަން ކުރެވިގެން ނުވާނެ،" ސަމާއު ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ މެންބަރުން އިތުރަށް ވިދާޅުވީ އިންތިހާބުގައި ބައެއް ކަހަލަ މައްސަލަތައް ހުރި ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބަކީ ޖުމްލަކޮށް ރަނގަޅަށް ދިޔަ އިންތިހާބެއް ކަމަށެވެ. އަދި އިންތިހާބުގެ މައިގަނޑު ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް އޮމާންކަމާއި އަމާންކަމާ އެކުގައި ކަމަށްވެސް ވިދާޅުވި އެވެ.