އެޗްއާރްސީއެމް

203 ވޯޓު ފޮށި އޮބްޒާވްކުރަން: އެޗްއާރްސީއެމް

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައިވާ ޖުމްލަ 203 ވޯޓޮ ފޮށްޓެއްގެ ކައިރީގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ އޮބްޒާވަރުން ހަރަކާތްތެރިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނުން ހަރަކާތްތެރިވަނީ މާލެ ސަރަހައްދުގެ އިތުރުން 18 އަތޮޅެއްގެ 31 ރަށަކާއި، ދެ ރިސޯޓަކާއި، ދެ ޖަލެއްގައި ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ ޖުމްލަ ގޮތެއްގައި އަތޮޅުތެރޭގެ 94 މަރުކަޒަކާއި، ގްރޭޓާ މާލޭގެ 106 މަރުކަޒަކާއި، ޖަލުގައި ބެހެއްޓޭ ތިން މަރުކަޒެއް ހިމެނޭގޮތުން ޖުމްލަ 203 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓް ފޮށިތައް ކޮމިޝަނުން އޮބްޒާވް ކުރަމުންދާ ކަމަށެވެ.

އަތޮޅުތެރޭގެ 16 މަރުކަޒަކާއި، ގްރޭޓާ މާލޭގެ 14 މަރުކަޒަކާއި، މާފުށީ ޖަލުގައި ބެހެއްޓޭ ވޯޓު މަރުކަޒު ހިމެނޭ ގޮތަށް މެދުކެނޑުމެއްނެތި ހެނދުނު 6:30 ފެށިގެން ވޯޓުލާ މަރުކަޒުގައި ނަތީޖާ އިއުލާންކޮށް ނިމުމާ ހަމައަށް 31 މަރުކަޒެއް އޮބްޒާވްކުރާނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އެކިއެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 76 މަރުކަޒަކާއި، ގްރޭޓާ މާލޭގެ 92 މަރުކަޒަކާއި، މާފުށީ ޖަލާއި ދޫނިދޫ ޖަލު އަދި ދެ ރިސޯޓެއް ހިމެނޭ ގޮތަށް 172 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ދަނީ އޮބްޒާވް ކުރާނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

މި މަސަތްކަތުގައި އެކި ރަށްރަށުން ނަގާފައިވާ 12 ލޯންގް ޓާމް އޮބްޒާވަރުންނާއި ހަ ހިއުމަން ރައިޓްސް ޑިފެންޑަރުންނާއެކު ކޮމިޝަންގެ 82 މުވައްޒަފެއް ހަރަކާތްތެރިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެ އެވެ.