ހަބަރު

ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ނުވަނީ ވެސް ކޯޓުތަކާ ހެދި: ނަޝީދު

Oct 14, 2019
6

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ނުލިބެނީ ޝަރުއީ ނިޒާމް އިސްލާހު ނުވެ އޮތުމުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހަދާފައިވާ "ގްލެމާ ރެޒިޑެންސް" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެއީ ވިޔަފާރީއެއްގެ ގޮތުގައި ފަހިވެފައި އޮންނަން ކަމަކަށް ވާން ޖެހޭ ކަމަށާއި އެކަމަށް މޯގޭޖްއެއް ހަމަޖެހޭނެ ގޮތްތަކެއް ބޭނުންވާ ކަމަށެވެ.

އެގޮތުން ބެންކުތަކަށް ދިގު މުއްދަތުގައި ދައްކާ ހަލާސް ކުރެވޭ ލޯނުތައް ލިބެން ޖެހޭ ކަމަށާއި އެ ލޯނު ނަގާއިރު ގަންނަ ފްލެޓު ރަހުނުގެ ގޮތުގައި ބަހައްޓައިގެން އެކަން ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެ ލޯނަށް ފައިސާ ނުދައްކައިފި ނަމަ އެ ބެންކަކަށް ފްލެޓު ފަސޭހައިން ވިއްކާލެވޭ ގޮތްތަކެއް ބޭނުންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ލޯނު ނަގާ މީހާ ލޯނު ނުދެއްކީ، ބެންކަށް އެ ފްލެޓު އަވަހަށް އެހެން މީހަކަށް ވިއްކާލެވެން ޖެހޭ. ވިއްކާ ނުލެވުނީމަ ލޯނު ނެގެން ހުރި ބެންކުތަކުން ލޯނު ދެވެން ހުރި މިންވަރު އެތައް ތަނަކުން ކުޑަވޭ، އެއީ ދެ ސަބަބަކާ ހެދި، ފުރަތަމަ ކަަމަކަށް ބެންކުގެ ރިސްކު ބޮޑުވާތީވެ އެކަމަށްޓަކައި ލާން ޖެހޭ މިންވަރު ބޮޑުވެގެން ދަނީ. ދެވަނަ ކަމަކަށް ފައިސާ އަނބުރާ ނުދައްކާ ކަމަށް ވާނީވިއްޔާ އެތަނުގައި ފައިސާ ނުހުންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ބެންކުތަކާ ގުޅިގެން ގެދޮރު ބިނާ ކުރުމާއި ވިއްކުމުގެ ވިޔަފާރިއަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ކަމަށެވެ. އެއީ ޝަރުއީ ނިޒާމް އޮތް ގޮތުން ބޭންކުތަކުގެ ނުހިނގާ ހުރި އެކައުންޓުތަކުގެ ވަރަށް ގިނަ އަދަދެއްގެ މައްސަލަތައް ނުނިމި ކޯޓުގައި ތާށިވެފައި ހުރި ކަމަށާއި އޭގެ ސަބަބުން ބެންކުތަކަށް މޯގޭޖު ދިނުމަށް އުނދަގޫވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ ބޯހިޔާވެހިކަން ލިބެން އުނދަގޫވެ، އެހެންވީމަ ރީތި ދިރިއުޅުމެއް އުޅެން އުނދަގޫވެ، އެ ހުރިހާ ކަމެއް މިވީ ރަނގަޅަށް ޝަރީއަތެއް ނުކުރެވިގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ވާނީ އެފަދަ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް ގާނޫނުތައް އެކުލަވާލުން ކަަމަށާއި އޭގެ އިތުރުން ކޯޓުތައް ރަނގަޅު ކުރުން ކަމަށެވެ.