ވިޔަފާރި

ފަންނު އެކްސްޕޯގެ ތަކެތި މާދަމާއިން ފެށިގެން ބަލައި ގަންނަނީ

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، ފަންނު އެކްސްޕޯއަށް ހުށަހަޅާ ތަކެތި މާދަމާއިން ފެށިގެން ބަލައި ގަންނަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު ވިދާޅުވީ މާދަމާއިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ފަންނު އެކްސްޕޯގައި ބައިވެރިކުރާ ތަކެތި ދަރުބާރުގެއިން ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.

"ވާދަ ކުރުމުގައި ބައިގައި ބައިވެރި ކުރާ ތަކެތި 16 ވަނަ ދުވަސް [މާދަމާ] އިން ފެށިގެން ބަލައި ގަންނަމުން ގެންދާނަން. މި މުއްދަތުގެ ތެރޭގައި ތަކެއްޗާއެކު ފޯމު ގެނައުމުން ފެއާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ. އެހެންވެ ބައިވެރި ކުރުމުގެ ފުރުސަތު މިއޮތީ ވަރަށް ފުޅާކޮށް،" ޒާމިރު ވިދާޅުވި އެވެ.

ފަންނު އެކްސްޕޯ އޮންނާނީ، އަންނަ މަހު 22 އިން 28 އަށް ދަރުބާރުގެ އާއި ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގަ އެވެ. ފަންނު އެކްސްޕޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒުގައި ބައިވެރި ވެވޭ 78 ކެޓަގަރީއެއް ހިމެނެ އެވެ. މިއީ ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބޭ ފުރުސަތެކެވެ. މި އެކްސްޕޯގައި ތަކެތި ބައިވެރި ކުރާ އެކި ކެޓަގަރީތަކުން 600 އަށްވުރެ ގިނަ ވަނަ ހޮވާނެ އެވެ.

ވަނަ ހޮވާނެ ދާއިރާތައް

  • މުޅި މައުރަޒުން ރަން 5 ވަނަ
  • ދާއިރާތަކުން 1 ވަނަ 2 ވަނަ، އަދި 3 ވަނަ
  • މައިގަނޑު 14 ގިންތިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
  • 78 ގިންތިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ

އަތޮޅުތަކުގެ ދާއިރާ

  • މުޅި އެކްސްޕޯއިން 1 ވަނަ، 2 ވަނަ، އަދި 3، ވަނަ
  • މައިގަނޑު 14 ގިންތިން، 1 ވަނަ، 2 ވަނަ އަދި 3 ވަނަ

ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދާއިރާ

  • ދާއިރާ އިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
  • މައިގަނޑު 14 ގިންތިން، 1 ވަނަ، 2 ވަނަ އަދި 3 ވަނަ
  • 78 ގިންތިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ

ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރާނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އެ އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ.