ހަބަރު

އިމާރާތަކުން އަނެއްކާވެސް މީހަކު ވެއްޓިއްޖެ

Oct 15, 2019

މާލޭގައި ހަދަމުންދާ އިމާރާތަކުން އަނެއްކާވެސް މީހަކު ވެއްޓި އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފަރީދީ މަގުގައި ހަދަމުންދާ އިމާރާތެއްގެ ފަސް ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ.

ވެއްޓުނު ބިދޭސީ މިހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

އެ ހާދިސާ ތަހުގީގުކުރުމަށް ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ބިދޭސީން މަސައްކަތްކުރާއިރު، އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައިނެތުމުގެ ސަބަބުން މިފަދަ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.

އެގޮތުން، މިދިޔަ ހަފްތާގައިވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންދާ އާ ކާގޯ ޓާމިނަލް އިމާރާތުން ބިދޭސީއަކު ވެއްޓި ވަނީ އަނިޔާވެފަ އެވެ.

އަދި މިދިޔަ މަހު ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް މީހަކު ވަނީ މަރުވެފަ އެވެ.