ހަބަރު

އަގު ދީގެން ޕާކް ކުރާ ގޮތަށް 40 ޖާގަ ދޫކޮށްފި

Oct 15, 2019

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮންނަ މ. ދަންޑަހެލުގޭ ބިމުގައި ޕާކިން ޒޯނެއް ހަދައި އަގު ދީގެން ޕާކް ކުރާ ގޮތަށް އެ ޒޯނުގައިވާ 40 ޖާގަ މާލެ ސިޓީ ކައުންސިލުން މިއަދު ދޫކޮށްފި އެވެ.

ހަތަރު ފުރޮޅުލީ 40 އުޅަނދަށް ޕާކް ކުރެވޭ ގޮތަށް ހެދި އެ ޕާކިން ޒޯނުގައި ޕާކް ކުރުމަށް އެދި 104 މީހަކު ކުރިމަތިލިއިރު، އެ މީހުންގެ ތެރެއިން ޖާގަތައް ދޫކުރާނެ 40 ފަރާތެއް ކަނޑައެޅީ މިއަދު ހަވީރު އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ލައިގެނެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގުރުއަތުން ހޮވުނު 40 ފަރާތަށް މާލެ ސިޓީ ކައުންސިލުންގެ ޕާކިން ޒޯންތަކުގައި އެެއްގަމު އުޅަނދު ޕާކް ކުރުމުގެ އުސޫލުގެ ދަށުން ވަރަށް އަވަހަށް އެ ޕާކިން ޒޯންގެ ޖާގަތައް ދޫކުރާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިއަދު ދޫކުރި 40 ޖާގާގައި ޕާކް ކުރާ އުޅަނދުތަކުން މަހު ފީއެއް ދައްކަން ޖެހޭނެ އެވެ. އެ ގޮތުން ކާރާއި ލޭންޑްރޯވާ، ވޭން އަދި ކުޑަ ޕިކަޕްގެ މަހުފީއަކީ 3000 ރުފިޔާ އެވެ. އަދި 500 ކިލޯއާއި ދެ ޓަނާ ދެމެދުގެ ޕިކަޕްގެ މަހުފީއަކީ 3500 ރުފިޔާ އެވެ. ދެ ޓަނާއި ފަސްޓަނާއި ދޭތެރޭ ލޮރީގެ މަހުފީއަކީ 4000 ރުފިޔާ އެވެ.

އަގު ދީގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމުގެ އުސޫލެއް ސިޓީ ކައުންސިލުން ހެދިއިރު، ފުރަތަމަ ފަހަރު ޖާގަ ދޫކުރުމުގައި ދޫކުރާ ޖާގައަށް ވުރެ ގިނައިން އެދިފައިވާ ނަމަ، ޖާގަ ދޫކުރާނީ ގުރުއަތުންނެވެ. ޒޯނުން ޖާގަ ދޫކުރާނީ ވެސް ގުރުއަތުގެ ތަރުތީބުންނެވެ.