މާފުށި

މާފުށީ އަންހެނުންގެ ކޮމެޓީން ސިއްހީ މަރުކަޒަށް ތަކެތި ހަދިޔާކޮށްފި

މާފުށީ އަންހެނުންގެ ކޮމެޓީގެ ފަރާތުން އެ ރަށުގެ ސިއްހީ މަރުކަޒަށް ތަކެތި ހަދިޔާކޮށްފި އެވެ.

މާފުށީ އަންހެނުންގެ ކޮމެޓީން ބުނީ ކޮންމެ އަހަރަކުވެސް އެ ރަށުގެ ސިއްހީ މަރުކަޒަށް ތަކެތި ހަދިޔާކުުރުމުގެ ޕްރަގްރާމެއް ކުރިއަށް ގެންދާ ކަމަށެވެ. އެ ގޮތުން ސިއްހީ މަރުކަޒުގެ މުވައްޒިފުންނާ ބައްދަލްކޮށް އެ ވަގުތަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމަށް އިސްކަންދޭ ކަމަށެވެ.

އެގޮތުން މިފަހަރު ހަދިޔާކޮށްފައިވަނީ ސިއްހީ މަރުކަޒަށް މިވަގުތަށް ބޭނުންވެފައިވާ އެންމެ މުހިންމު ތަކެއްޗެކެވެ. އެގޮތުން ބަލި މީހުން ބެލުމަށް ޚާއްސަ ބައެއް އާލަތްތަކާއި، އެ ނޫންވެސް ބައެއް ތަކެތި ހަދިޔާކޮށްފައިވެއެވެ.

މީގެ ކުރިންވެސް އަންހެނުންގެ ކޮމެޓީން ވަނީ ދޮންމެޝިނާ، ޓީީވީ ފަދަ ތަކެތިވެސް އެ މަރުކަޒަށް ހަދިޔާކޮށްފައެވެ.

މާފުށީ އަންހެނުންގެ ކޮމެޓީއަކީ ނަމޫނާ ކޮމެޓީއެކެވެ. އެ ކޮމެޓީން ގެންދަނީ ރަށުގައި ހުރި އެކި މުއައްސަސާތަކަށް ތަކެތި ހަދިޔާ ކުރަމުންނެވެ.

އަދި މާފުށީ ސުކޫލުގެ އަހަރީ ޖަލްސާއަށްވެސް އަންހެނުންގެ ކޮމެޓީ ފަރާތުން އިނާމާ ފައިސާވެސް ހުށައަޅައެވެ. އަދި ނެޝަނަލް އެވޯޑް ހޯދާ އެ ރަށުގެ ދަރިވަރުންނަށް ލެޕްޓޮޕްވެސް ހަދިޔާ ކުރެއެވެ.

"މިހާރު ތިން އަހަރު މިވަނީ އެ ގޮތަށް ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާ ކުރާތާ.. ނެޝަނަލް އެވޯޑް ކޮންމެ ދަރިވަރަކަށްވެސް ކޮމެޓީ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ލެޕްޓޮޕް ހަދިޔާ ކުރޭ." ކޮމެޓީ މެންބަރަކު ވިދާޅުވިއެވެ.

ބައެއް ތަންތަން ކުއްޔައްދީގެން އަދި ރެސްޓޯރަންޓާ، ގެސްޓް ޝޮޕެއް ހިންގައިގެންވެސް މީގެ ކުރިން މާފުށީ އަންހެނުން ކޮމެޓީން ގެންދިޔައީ އާމްދަނީ ހޯދަމުންނެވެ. މާފުށީގައި އަންހެނުންގެ ކޮމެޓީން ގެންދަނީ ޕްރީ ސްކޫލެއްވެސް ހިންގަމުންނެވެ. އަދި އަންހެނުންނަށް ޚާއްސަކޮށްގެން ގާރީ ކޯސްތައް ކުރިއަށް ގެންދެއެވެ.