ދުނިޔެ

ޗައިނާގައި ބާރުގަދަ ގޮވުމެއް: ކެމިކަލް ގުދަނެއް ގޮވައި 17 މަރު

Aug 13, 2015

ބެއިޖިން (13 އޯގަސްޓް) – ޗައިނާގެ އިތުރު ބިތުގައި އޮންނަ ޓައިންޖިން ސިޓީގައި، ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ގޮވުމުގެ ސަބަބުން މިއަދު މަދުވެގެން 17 މީހަކު މަރުވެއްޖެ އެވެ.

މި ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތިރުވާނެ ކަމަށް ބެލެވޭއިރު ޒަޚަމްވި މީހުންނާ އެކު އެ ސަރަހައްދުގެ ހޮސްޕިޓަލްތައް ދަނީ ތޮއްޖެހެމުންނެވެ. ބަނދަރު ސަހަރެއްގައި ހުރި މި ގުދަނުގެ ބާރުގަދަ މި ގޮވުމުގެ ސަބަބުން އެ ގުދަން ހުރި ހިސާބުގެ ބޮޑު ބަޔަކަށް އަލިފާނުގެ އަސަރުކޮށް އިމާރާތްތަކާއި ގިނަ އަދަދެއްގެ އުޅަނދުތަކެއް ވެސް ހަލާކުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

އޮފިޝަލުން ވިދާޅުވެފައި ވަނީ ގުދަނުގައި ހުރި ކެމިކަލްތައް ގޮވަމުން ދިޔައީ ސިލްސިލާއެއްގެ ގޮތުގައި ކަމަށާއި މި ބާރުގަދަ ގޮވުމުގެ އަސަރު ގުދަން ހުރި ހިސާބުން ފެށިގެން އެތައް ކިލޯމީޓަރެއް ދުރަށް ކޮށްފައިވާ ކަމަށެވެ.

މަންޒަރު ދުށް ފަރާތްތަކުން މީޑިއާތަކާ ހިއްސާކޮށްފައިވާ ވާހަކަތަކަށް ބަލާއިރު ބައެއް މީހުން ބުނެފައި ވަނީ ގުދަން ގޮވި ވަގުތު އިހްސާސްކުރެވިފައި ވަނީ ބިންހެލުމެއްގެ ގޮތުގަ އެވެ. ބިންގަނޑަށް ބޮޑު ލޮޅުމެއް އަރައިގެން ދިޔައިރު އިމާރާތްތަކަށް ވެސް ގޮވުމުގެ އަސަރުކޮށް ވަރަށް ބޮޑަށް ކޮށްފައިވެ އެވެ.

ގިނަ މީހުން ބުނެފައި ވަނީ މި ހާދިސާއެއް ހިނގައިގެން ބިރުން މަގުތަކަށް ނުކުތްއިރު އެންމެ ފުރަތަމަ ހީކުރެވިފައި އޮތީ ބާރުގަދަ ބިންހެލުމެއް އައިސްގެން އުޅެނީ ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި، އަލިފާންނިއްވާ ހަތަރު މީހަކު ހިމެނޭއިރު ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 32 މީހެއްގެ ހާލު ވަރަށް ގޯހެވެ. ޒަޚަމްވި މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް އަރަ އެވެ.

މި ހާދިސާ ހިނގި ޓިއާންޖިން އަކީ ޗައިނާގެ 15 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ސިޓީ އެކެވެ. އަދި ޗައިނާގެ ވެރިރަށް ބެއިޖިންގެ ވިޔަފާރީގެ މައި ރަށެއް ވެސް މެ އެވެ.