ސިއްހަތު

ކޮފީ ނުވަތަ ސްމޫތީ: އެންމެ ރަނގަޅީ ކޮން ބުއިމެއް؟

Jan 3, 2015

މިއީ އެއްގޮތަކަށް ވެސް އުނދަގޫ ސުވާލެއް ނޫނެވެ. ކޮފީ އާއި ސްމޫތީއެއްގެ ތެރެއިން ސިއްހަތަށް ރަނގަޅީ ކޯއްޗެއްކަން، ދެ ލޯ މަރާލައިގެން އިނދެ ވަހުން އެކަނި ވެސް ނިންމިދާނެ އެވެ. ސްމޫތީ އަކީ މޭވާގެ ތާސީރުކަމުން އުފައްދާ ބުއިމެކެވެ. ކޮފީ އަކީ ކެފެއިން އިން ބަންޑުންވާ ބުއިމެކެވެ.

މި ދެ ބުއިމުގެ ތެރެއިން ހަށިގަނޑަށް އެންމެ ރަނގަޅު ބުއިން ހޮވަން މާ ގިނަ އިރެއް އަދި މާ ގިނަ ވިސްނުންތަކެއް ވިސްނަން ނުޖެހުނަސް ތަޖުރިބާކާރުން ބުނަނީ އަވަސް އަރުވާލައިގެން ގޮސް ކޮފީއެއްގެ މައްޗަށް ސްމޫތީއެއް އިހްތިޔާރުކުރުމަކީ ފަހުން ދެރަވާން ޖެހިދާނެ ކަމެއް ކަމަށެވެ.

އެހެންވީމަ މިއީ، އެކުވެރިޔާ ކޮފީއަކަށް އޯޑަރުކުރާއިރު ސްމޫތީއަކަށް އޯޑަރުކުރާ އޭނާގެ ބައިވެރިޔާ ނުވަތަ އެކުވެރިޔާ ކޮންމެހެން ވެސް ކިޔަން ޖެހޭ ވާހަކަ އެވެ.

ސައިންސްގެ އެހީގައި މި ދެ ބުއިން އިންސާފުކުރާ ނަމަ ނުކުންނަ ނަތީޖާ ވަރަށް ވެސް ތަފާތެވެ. އެހެންވީމަ އެންމެ ފުރަތަމަ، ކޮފީއަކުން ފަށަމާ ހިނގާށެވެ.

ކޮންމެއަކަސް ކޮފީ މަޝްހޫރުވެފައި މި ވަނީ ހުރިހާ ބުއިންތަކެއްގެ އެންމެ ނުބައި "ބޮހަށެވެ". ހިތުގެ އެންމެ އާދައިގެ ބަލިތަކުން ފެށިގެން ނުރައްކާތެރި ކެންސަރު ބައްޔާ ވެސް ކޮފީގެ ރަހަ އާއި ވަސްގަނޑު ވަނީ ތަފާތު އެކި ދިރާސާތަކުން ގުޅުވައިފަ އެވެ.

އެހެންވީމަ މި ދިރާސާތައް ކުރިއަށް ދަނީ ކިހިނެތް ހެއްޔެވެ؟ އެއީ އާންމުކޮށް ކޭސް ކޮންޓްރޯލް ސްޓަޑީސްތަކެވެ. އާންމުކޮށް ކޮފީ ބޯ މީހުންނާއި ކޮފީ ނުބޯ މީހުންގެ ދެ ގްރޫޕެއް ހޮވާލައިގެން އެމީހުން އަޅުވާ ކިޔަނީ އެވެ.

މިފަދަ ދިރާސާތަކުގައި ކޮފީ ބޯ މީހުން އާންމުކޮށް ބަލިވާއިރު ފާހަގަކޮށްލަން ޖެހެނީ ކޮފީ ބޯ ގިނަ މީހުންނަކީ ސިއްހަތަށް ގެއްލުން ބޮޑު ދުންފަތާއި ރަލާއި މަސްތުވާތަކެތީގެ އެހެން ބާވަތްތައް ވެސް ބޭނުންކުރާ މީހުން ކަމެވެ. ކޮފީ ނުބޯ އާދައިގެ މީހާ އަކީ އާންމުކޮށް ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް ވެސް ނޫނެވެ.

މާނަ އަކީ، ކޮފީ އިން ލިބޭ ގެއްލުން މިފަދަ ދިރާސާއަކުން ޔަގީންކުރަން އެންމެ ފުރިހަމަ އަށް ނޭނގޭނެ ކަމެވެ.

ކޮފީ އިން ލިބޭ ފައިދާ އާއި ގެއްލުން ހޯދުމަށް ކުރަން ޖެހެނީ އެހެން ކަހަލަ ދިރާސާ އެކެވެ. އެމެރިކަން ކޮލެޖު އޮފް ފިޒީޝިއަންސް އިން ނެރޭ ޖާނަލް، އެނަލްސް އޮފް އިންޓާނަލް މެޑިސިންގެ ޓީމަކުން 2008 ވަނަ އަހަރު އެފަދަ ދިރާސާއެއް ފުރިހަމަކޮށްފައިވެ އެވެ. 

ސިއްހަތު ރަނގަޅު 130،000 އަންހެނުންނާއި ފިރިހެނުންނަށް ކޮފީގެ އަސަރުކުރާ ގޮތް 20 އަހަރު ވަންދެން ބެލީ އެވެ. ދެން ވީ ގޮތް އެނގޭ ހެއްޔެވެ؟

އޭގެ ނަތީޖާ ކޮފީ އަށް ވުރެ ފޮންޏެވެ.

ދިރާސާ ރިޕޯޓް ނިންމާލާފައި ވަނީ، އާދައިގެ ކޮފީގެ ސަބަބުން ފުރާނަ އަށް ނުރައްކާވާ ކަހަލަ އެއްވެސް ބަލިތަކަކަށް ފުރުސަތެއް ނެތް ކަމަށް ބުނެ އެވެ. އަނެއްކޮޅުން ގަވާއިދުން ކޮފީ ބޯ މީހުންގެ ސިއްހަތު، އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުންނަށް ވުރެ ރަނގަޅު ކަމަށް ވެސް މި ދިރާސާ އިން ދައްކާފައިވެ އެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ ސިއްހަތަށް އެންމެ ރައްކާތެރި އަދި އެންމެ ފައިދާކުރަނިވި މިންވަރަކީ ދުވާލެއްގެ މައްޗަށް ކޮފީގެ ދެ ތަށި ނުވަތަ ފަސް ތަށި ކަމަށެވެ. އެއަށް ވުރެ ގިނައިން ކޮފީ ބޯ ނަމަ ފައިދާގެ މިންވަރު މަދުވެ އެވެ.

އަޅުގަނޑުމެން އެންމެނަށް ވެސް ކޮފީ މަޝްހޫރީ، އޭގައި ކެފެއިން ހިމެނޭ އެއްޗެއްގެ ގޮތުގަ އެވެ. ނަމަވެސް މިއީ އަދި އެއަށް ވުރެ ގިނަ މާއްދާތަކެއް އެކުލެވިގެން ހަށިގަނޑަށް އެތައް ފައިދާއެއް ވެސް ކުރުވާ އެއްޗެކެވެ.

ކޮފީގެ އެންމެ ނުބައި ސިފަ އަކީ އޭގައި ހިމެނޭ ކެފެއިންގެ މިންވަރެވެ. ގިނަ ބަޔަކު ކޮފީއެއްގެ މައްޗަށް ސްމޫތީއެއް މި އިހްތިޔާރުކުރަނީ ވެސް އެއައަށް ވުރެ ފައިދާ ހުރި އެއްޗަށް ސްމޫތީވާތީ އެވެ. މި ބުއިން މިއީ ސީދާ ތާޒާ މޭވާތައް ފެލާލައިގެން ނުވަތަ ގިރާލައިގެން އުފައްދާ ބުއިމަކަށްވާތީ އެވެ.

ނަމަވެސް އެނގޭ ހެއްޔެވެ؟ ސްމޫތީއެއް ތައްޔާރުކުރުމަށް ބޭނުންކުރާ މޭވާގެ ތޮށިތައް މަށައި އެ މޭވާއެއް އެއްކޮށް ސާފުކޮށްލުމުން ދެން މި އޮންނަނީ ސީދާ "ހަކުރުގަނޑެކެވެ."

ތަޖުރިބާކާރުންގެ ރިޕޯޓް އޮތް ގޮތް ބަލާލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ތެރޭގައި ނަން މަޝްހޫރު 52 ވައްތަރެއްގެ ސްމޫތީގެ ތެރެއިން 41 ވައްތަރަކީ ކޮކާ-ކޯލާގެ އާދައިގެ ބުއިމަކަށް ވުރެ ހަކުރު ގިނަ ބުއިމެވެ. އެހެންވީމަ، ސްމޫތީއެއް ތައްޔާރުކުރުމުގެ މަރުހަލާގައި އޭގެ އަސްލު ފައިދާ މި ދަނީ ކުނި ވަށިގަނޑަށެވެ.

އާދައިގެ ކޮކާ-ކޯލާ ދަޅެއްގައި ނުވަ ސައިސަމުސާގެ ހަކުރު ހުރެ އެވެ.

ސްމޫތީސްގެ އެހެން މައްސަލައަކަށް ޖެހިލަމާތޯ އެވެ؟

ބްރިޓިޝް މެޑިކަލް ޖާނަލްގައި އޯގަސްޓް 2013ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ ކޮށާފައި ހުންނަ މޭއާ ކެއުމަކީ ހަކުރުބަލި އިތުރުވާ ކަމެއް ކަމަށެވެ. އަދި މޭ ގިރައިގެން ބުއިމަކީ ހަކުރު ބަލީގެ ނުރައްކާ ބޮޑުވާ ކަމެއް ކަމަށެވެ.

މިއީ ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން އަހަރުތަކެއް ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހު އެކުލަވައިލި ރިޕޯޓެކެވެ.

މި ދިރާސާ އިން އެނގުނު ގޮތުން މޭވާތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑީ އާފަލާއި ޕިއާސް އަދި ބެރީސްގެ ވައްތަރުތަކެވެ.

އެހެންވީމަ މިހާ ހިސާބުން އަނެއްކާވެސް ފުރަތަމަ ސުވާލެވެ. ކޮފީހެއްޔެވެ؟ ނުވަތަ ސްމޫތީ ހެއްޔެވެ؟