ދުނިޔެ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އަށް ކެންސަރު ޖެހިފައިވާކަން އިއުލާނުކޮށްފި

Aug 13, 2015

މި ބަޔާނުގައި ވިދާޅުވެފައި ވަނީ އާލާސްކަންފުޅާ ގުޅޭ އިތުރު މައުލޫމާތުތަކާއި ހަގީގަތްތައް އަންނަ ހަފުތާގައި އަނެއްކާވެސް އާންމުންނާ ހިއްސާކުރައްވާނެ ކަމަށެވެ. މިހާރު އުމުރުފުޅުން 90 އަހަރުވެފައިވާ ކާޓާ އަކީ އެމެރިކާގެ 39 ވަނަ ރައީސް އެވެ.

ކާޓާ އަށް ކެންސަރުޖެހިފައިވާކަން އެނގިވަޑައިގަތީ މި މަހުގެ ކުރީކޮޅު ކުރެއްވި ލިވާގެ އޮޕަރޭޝަނަކުންނެވެ. ބަޔާނުގައި ވިދާޅުވެފައި ވަނީ ކާޓާގެ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ކެންސަރު މިހާރު ފެތުރިފައިވާ ކަމަށެވެ.

އެމެރިކާގައި 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާ ހަމަ އަށް ރައީސްކަން ކުރެއްވި ކާޓާ އަށް ވަނީ އެ ބޭފުޅާގެ ކާޓާ ސެންޓަރު ޖަމިއްޔާ މެދުވެރިކޮށް އިންސާނީ ހައްގުތަކަށް ކުރައްވަމުން ގެންދަވާ ހިދުމަތުގެ ތެރެއިން 2002 ވަނަ އަހަރު ނޮބެލްގެ ސުލްހައިގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކާޓާ އަށް ރައީސްގެ ގޮތުގައި ފުރިހަމަ ކުރެއްވުމަށް ލިބިވަޑައިގަތީ ހަތަރު އަހަރުގެ އެންމެ ދައުރެކެވެ. ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށް ޕާޓީ ވެސް މާ ބޮޑު ތާއީދެއް ނެތި ރިއާސީ ރޭހަށް ނުކުމެ ވަޑައިގެންނެވި ކާޓާގެ ވެރިކަން ނިމުމަކަށް ގެންނެވީ ރިޕަބްލިކަން ޕާޓީގެ ރޮނަލްޑް ރޭގަން އެވެ.

ޖިމީ ކާޓާގެ ވެރިކަމުގެ ދުވަސްވަރަކީ އެމެރިކާ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެކެވެ. އެގޮތުން އެމެރިކާ އަށް ކުރިމަތިވި ހަކަތައިގެ މުސީބާތާއި އީރާނުގެ އިސްލާމީ އިންގިބާލުގެ ތެރެއިން އެމެރިކާ އެމްބަސީގެ މުވައްޒަފުންތަކެއް އީރާނުގެ ހަތިޔާރު އެޅި ދަރިވަރުންގެ ބަޔަކު ރަހީނުކުރި މައްސަލަ ފާހަގަކޮށްލެވެ އެވެ.

ކާޓާގެ ވެރިކަމަކީ އެމެރިކާ އާއި ރަޝިއާގެ ގުޅުން ވެސް އާދަޔާހިލާފަށް ގޯސްވެގެން ދިޔަ ހަތަރު އަހަރެވެ. އެގޮތުން އޭރުގެ ސޯވިއެޓް ޔޫނިއަންގައި ބޭއްވި ސަމާ އޮލިމްޕިކްސްގައި ބައިވެރިނުވުމަށް ކާޓާގެ ސަރުކާރުން ނިންމެވި ނިންމެވުމް ފާހަގަކޮށްލެވެ އެވެ.