ހަބަރު

ޒިޔާދާގެ މައްސަލަ: އިސްތިއުނާފު ސިއްރު ކުރަން އެދިއްޖެ

Oct 20, 2019
3

އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޑިސެމްބަރު 28، 2015 ގައި މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި، އިބްރާހީމް ޝާހުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކޮށްފައިވާއިރު، އެ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންގޮސް ދިނުމަށް ދައުލަތުން ހައި ކޯޓުގައި އެދިއްޖެ އެވެ.

ކުރިމިނަލް ކޯޓުން މިދިޔަ މާޗު މަހު ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށެވެ. އެ ހަތަރު ދައުވާއަކީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ތާވަލު ކޮށްފައިވާއިރު، ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ އެދުމުގެ މަތިން ޒިޔާދާގެ މައްސަލަ ކްރިމިނަލް ކޯޓުގައި އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންގޮސްފައި ވަނީ ޒިޔާދާގެ ދިރިއުޅުމާގުޅޭ ވަރަށް ޒާތީ މައުލޫމާލުތަކެއް ހިމެނުމުގެ އިތުރުން އޭނާގެ ތިން ކުދިންގެ މަސްލަހަތައް ރިއާއަތްކޮށް ކަމަށެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުން އަމަލު ކޮށްފައިވާ އުސޫލުން، އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވެސް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންގޮސްދިނުމަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި އިތުރަށް ބުންޏެވެ.

ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި އާންމުކޮށް ސިއްރު ކުރެ އެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ. އެކަމަކު ކޯޓުތަކުގެ ނިންމުންތައް އާންމު ކުރަން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރެ އެވެ. މިހާތަނަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް ހާމައެއް ނުކުރެ އެވެ.

އެހެންވެ، ހުކުމާއި ޝަރީއަތުގައި ހިނގައިދިޔަ ކަންކަމުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވެ އެވެ.

ނަމަވެސް، ޝާހުއާ ދެކޮޅަށް ގިނަ ހެކިތަކެއް ޝަރީއަތަށް ހުށަހެޅި ނަމަވެސް އެއަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.

ޝާހުގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އޭނާ ހައްޔަރުކޮށްފައި ބަހައްޓައިގެންނެވެ.