ހަބަރު

ޝާހަށް ކުރި ހުކުމަކީ އަދުލުގެ ނިޒާމަށް ކާމިޔާބީއެއް: ޝަމީމް

ޒިޔާދާ ނައީމް ރޭޕް ކުރިކަމުގެ ކުށް ސާބިތުވެ އޭނާގެ ފިރިމީހާ ތިން އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ސިފަ ކުރައްވައިފި އެވެ.

މި މައްސަލަ އަކީ ޕީޖީގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ޝަމީމް ހައިކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިޔާދާ ރޭޕް ކުރި ކަމުގެ ކުށް އޭނާގެ ފިރިމީހާ އިބްރާހިމް ޝަހުގެ މައްޗަށް ކުށް ސާބިތުވެގެން ދިޔުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޖިންސީ އަނިޔާގެ ޝިކާރަކަށްވެ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހގެރޭ މަރުވި ގދ. ތިނަދޫ ތޭންކް، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ވަނީ ހަތަރު ދައުވާއެއް އުފުލާފަ އެވެ. އެއީ އަނބިމީހާ ރޭޕް ކުރި ކަމުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

މި ދައުވާތަކުގެ ތެރެއިން އަނބިމީޙާ ރޭޕްކުރިކަމުގެ ކުށް ސާބިތުވެ ޝާހަށް ވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ހައިކޯޓުގައި ކުރިއަށްދިޔަ މި ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ ޕީޖީ ޝަމީމެވެ.

ޝަމީމް ވިދާޅުވީ މެރިޓަލް ރޭޕަކީ ޖިނާއީ ގާނޫނުގައި ވެސް ބަޔާން ކޮށްފައިވާ ކުށަކަށްވާއިރު، މި ހުކުމާއެކު ޝަރުއީ ނިޒާމުގައިވެސް މެރިޓަލް ރޭޕްގެ މައްސަލަތައް ބަލައިގަތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކޭސްތަކަށް ހުކުމް ކުރާއިރު ގާނޫނުގައި ބަޔާންކޮށްފައިވާ މި ނުކުތާއަށް ބަލާނެކަން ސާބިތުވެއްޖެ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ޒިޔާދާގެ މަރުގެ މައްސަލާގައި ޝަހުގެ މައްޗަށް ކޮށްފައިވާ އަނެއް ދެ ދައުވާވެސް ސާބިތުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި އެކަމުގެ ހައްގު އަދަބު އޭނާއަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ޝާހު، އޭނާގެ އަނބިމީހާ ޒިޔާދާ އަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ވެސް އޭނާއަށް ޖިސްމާނީ މައްސަލަތައް ކޮށްފައިވާކަން ފާހަގަވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އެގޮތުން ބޮލުގެ ފުރަގަހަށް ވާ ގޮތަށް އަނިޔާގެ ނިޝާނެއް ހުރި ކަމަށާއި އަދި ދެއަތުގައިވެސް އަނިޔާގެ ނިޝާންތައް ހުރި ކަމަށ ްއޮޓޮޕްސީ ރިޕޯޓުން ހާމަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި، ޝާހު، ޒިޔާދާއަށް އަނިޔާ ކުރީ އެ ދެމީހުން ވަކިން ދިރިއުޅެމުން ދަނިކޮށެވެ.