ދުނިޔެ

ޗިލީ ހަމަނުޖެހުން: ފެކްޓަރީއެއްގައި ހުޅުޖަހައި ފަސް މީހުން މަރު

Oct 21, 2019

ސެންޓިއާގޯ (އޮކްޓޯބަރު 21) - ޗިލީގެ ސެންޓިއާގޯގައި އާންމުން ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިއްޔެ ފެކްޓަރީއެއްގައި ހުޅުޖެހުމުގެ ސަބަބުން ފަސް މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އާންމުންގެ ގިނަ ބަޔަކު ނުކުމެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދެމުންދާއިރު، ޗިލީގައި ކުއްލި ހާލަތު އިއުލާނުކޮށް ހަމަޖެނުޖެހުންތައް ހުއްޓުވަން ބަރު ހަތިޔާރާއެކު ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ހަމަނުޖެހުންތައް ބޮޑުވެ ސަރުކާރުން ވަނީ އެ ގައުމުގެ ރޭލު ދަތުރުތަކުގެ އަގު ބޮޑު ކުރަން ނިންމި ނިންމުން އެންމެ ފަހުން ބަދަލު ކޮށްފަ އެވެ. ނަމަވެސް، ލެޓިން އެމެރިކާ ސަރަހައްދުގެ އެންމެ މުއްސަނދި ގައުމުގެ ގޮތުގައި އޮތް ޗިލީގެ ދިރިއުޅުމުގެ ހަރަދު ބޮޑުވަމުންދާކަމަށް ބުނެ ގިނަ ސިޓީތަކުގައި އަދިވެސް ދަނީ މުޒާހަރާކުރަމުންނެވެ.

ޗިލީގައި 1990 ވަނަ އަހަރު ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރެވުނުފަހުން އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންދަނީ ވެހިކަލްތަކުގައި ހުޅުޖެހުމުގެ އިތުރުން، އަމިއްލައަށް މަގުތައް ބަންދުކޮށް ސަލާމަތީ ބާރުތަކާ ކުރިމަތިލަމުންނެވެ.

ޗިލީގެ ސަރުކާރުން ބުނެފައިވާ ގޮތުގައި މުޒާހަރާތަކާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތް މީހުން މަރުވެފައިވާއިރު، ސުޕަމާކެޓްތަކަށާއި ފިހާރަތަކަށް މުޒާހަރާގެ ބައިވެރިންވަނީ ބޮޑެތި ގެއްލުންތައްދީފަ އެވެ.

އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 1،400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އެތަކެއް ސަތޭކަ މީހުން ޒަހަމްވެފައިވާކަމަށްވެސް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.