ހަބަރު

185 މިލިއަންގެ އޮފީސް އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް

Oct 21, 2019
2

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 185 މިލިއަން ރުފިޔާގެ އޮފީސް އިމާރާތެއް އަޅަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ، ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ހުނާން އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓިވް ވަންގް ހީ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ.

ކުރީގެ ސަރުކާރުން ބޮޑު އަގުގައި ޗައިނާ ކުންފުނިތަކަށް ބޮޑެތި މަޝްރޫއުތައް ހަވާލުކޮށްފައިވާކަމުގެ ތުހުމަތު ކުރެވެމުންދާ ދަނޑިވަޅެއްގައި، ޖުމްލަ 185,806,545.64 ރުފިޔާ ހަރަދުވާ އެ މަޝްރޫއު ހުނާން އިންޖިނިއަރިންއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ހުނާން އިންޖިނިއަރިން އަކީ ކުރީ ސަރުކާރުން ހެދި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑް، 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ހަދައިދިން ކުންފުންޏެވެ.

ހުޅުމާލޭގައި ހަ ބުރީގެ އޮފީސް އިމާރާތެއް އަޅަން ހަވާލުކޮށްފައިވަނީ، ކުރީގެ ސަރުކާރުން މެލޭޝިއާ ކުންފުންޏަކަށް ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތް އަޅަން ހަވާލުކުރި އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ބަދަލު ހޯދަން އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

އެ އިމާރާތަކީ ފިނޭންސް މިނިސްޓްރީ ހިންގި އިމާރާތް ތަޅާލުމަށްފަހު އެ ބިމުގައި އާ އިމާރާތެއް އެޅުމުގެ ބަދަލުގައި ހުޅުމާލޭގައި އެ އިމާރާތް އެޅުމަށް ނިންމައި ހަވާލުކުރި އިމާރާތެވެ. ކުއްލިއަކަށް އެ ބަދަލު ގެނައީ ކަމާބެހޭ މާހިރުންގެ ލަފަޔާއެކު ކަމަށް އޭރު ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން މުޅި މަޝްރޫއުގެ 20 ޕަސަންޓްގެ މަސައްކަތް ނިންމާފައިވީ ނަމަވެސް އަދި މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ދީފައި ނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނެފައިވަނީ ދިވެހި ސަރުކާރުން މިހާރު ދައްކަންޖެހޭ 29 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 40 ވަރަށް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭންޖެހޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ.