އިންޑިއާގެ ބިހާރު ސްޓޭޓުން އެ ވަނީ ނިކަން ވަރުގަދަ ކެމްޕޭނެއް ފަށައިފަ އެވެ. މި ކެމްޕޭނުގެ ބޭނުމަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފޮނުވާނެ ފަސް މިލިއަން މީހުންގެ ޑީއެންއޭ ބިހާރު ސްޓޭޓްގެ އާބާދީ އިން ހޯދުމެވެ.
މިކަމަކަށް ވާން ޖެހޭ ތައްޔާރީތައްވެ، އެކި ޑިސްޓްރިކްޓްތަކުގައި މަރުކަޒުތައް ގާއިމުކޮށް ޑީއެންއޭ ނެގުމަށް ބޭނުންވާ ނިޔަފަތި އަދި އިސްތަށީގެ ސާމްޕަލްތައް އާންމުންގެ ފަރާތުން ނެގުމުގެ މަސައްކަތް ދަނީ މިހާރު ވެސް ކުރިއަށެވެ. މިއީ މޯދީއާ ދެކޮޅަށް ބިހާރު ސްޓޭޓްގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރު ފައްޓަވާފައިވާ ބޮޑު މުޒާހަރާއެއްގެ ފުރަތަމަ މަރުހަލާ އެވެ.
ދެން ކުރިއަށް އޮތީ މި ކެމްޕޭނުން އެއްކުރާ ފަސް މިލިއަން މީހުންގެ ޑީއެންއޭ މޯދީ އަށް އެރުވުމެވެ.
މޯދީ އާއި ކުމާރުއާ ދެމެދު ސިޔާސީ ހަމަލާބަދަލުކުރުމެއް ފެށުނީ މޯދީގެ ބީޖޭޕީ ކޯލިޝަނުން ކުމާރުގެ ޖަނަތާ ދައުލް ޕާޓީ ވަކިވުމާ ގުޅިގެންނެވެ. ބީޖޭޕީއާ އެކު އަށް އަހަރު ހޭދަކުރުމަށް ފަހު ކުމާރު އޭނާގެ ސިޔާސީ މިސްރާބު ބަދަލުކޮށްލެއްވުމަށް އެ ބޭފުޅާ އަށް ވިދާޅުވި ފާޑެއްގެ ތެރެއިން މޯދީ ވިދާޅުވެފައި ވަނީ އެފަދަ ނިންމެވުމެއް ކުމާރު ނިންމެވީ އެ ބޭފުޅާގެ "ސިޔާސީ ޑީއެންއޭ" ގައި އުޅޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކޮންމެއަކަސް މި ފާޑުކިޔުންވީ ކުމާރު އަށް އެއްގޮތަށް ވެސް ހަޖަމުކުރައްވަން ފަސޭހަވި ފާޑުކިޔުމަކަށް ނޫނެވެ. ލެޔާ ކުޅުއްވީ ކަމަށް ސީދާ މޯދީއާ ދެކޮޅަށް ނުކުމެ ވަޑައިގަތީ އެވެ.
"އަޅުގަނޑަކީ ބިހާރުގެ ދަރިއެއް. އެހެންވީމަ އަޅުގަނޑުގެ ޑީއެންއޭ އަކީ ބިހާރުގެ ރައްޔިތުންގެ ވެސް ޑީއެންއޭ. ބިހާރުގެ ދަރިންގެ ޑީއެންއޭ އެއްޗަކަށް ނަހަދާ ފަރާތަކަށް ރައްދު ދޭނެ ގޮތެއް ނިންމަން އަޅުގަނޑު މިހައި ހިސާބުން ދޫކޮށްލާނީ އާންމު ރައްޔިތުންނަށް،" މޯދީގެ ފާޑުކިޔުމަށް ރައްދު ދެއްވަމުން ކުމާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހެންނެވެ.
އެންމެފަހުން މޯދީގެ ފާޑުކިޔުމަށް ރައްދު ދިނުމަށް ބިހާރުގެ އާންމުން ނިންމި ގޮތަކީ މިއީ އެވެ. އެމީހުންގެ ޑީއެންއޭ އިންނެވެ.
އާންމު ރައްޔިތުންގެ ޑީއެންއޭ ނެގުމަށް ހާއްސަކޮށް ބިހާރު ސްޓޭޓްގެ ވެރިރަށް ޕަޓްނާގައި 250 ކޭމްޕް ގާއިމުކޮށްފައިވާއިރު މި ސްޓެޓްގެ 38 ޑިސްޓްރިކްޓްގައި ވެސް މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
މި ހަޅުތާލުގައި ބައިވެރިވާ ބިހާރުގެ އާންމުން ބުނަމުން ދަނީ އެމީހުންގެ ޑީއެންއޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަން މޯދީ އަށް ގަބޫލުނުކުރެއްވޭ ނަމަ އަމިއްލަ އަށް ޑީއެންއޭ ޓެސްޓް ހައްދަވައިގެން ބެއްލެވުމަށެވެ.
މި މުޒާހަރާއެއްގެ އަދި މިއަށް ވުރެ މަޖާ ފަޅިއެއް ވެސް އެބައޮތެވެ. އެއީ މުޒާހަރާގައި ބައިވެރިވާ ވަރަށް ގިނަ އާންމުންނަށް ޑީއެންއޭ އަކީ ކޮބައިކަން ނޭނގޭތީ އެވެ.
"ޑީއެންއޭ އަކީ ކޮބައިކަން އެނގެން ޖެހޭތަ؟ އަހަރެން ގާތު ބުނީ މޯދީ އަށް ފޮނުވަން އަހަރެންގެ ނިފަތި އާއި އިސްތަށިކޮޅެއް ދޭށޭ. އެހެންވީމަ މި އުޅެނީ މި ތަނަކަށް އައިސްގެން،" ބިހާރު ސްޓޭޓްގައި ޑީއެންއޭ ނެގުމަށް ހާއްސަކޮށްފައިވާ ކޭމްޕަކަށް ގޮސް އިން މީހަކު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މިހެންނެވެ.
ބިހާރުގެ ފަސް މިލިއަން މީހުންގެ ޑީއެންއޭ ޓެސްޓްކުރުމަށް 500 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ އެވެ.
ބިހާރު ސްޓޭޓަކީ އިންޑިއާގެ އެންމެ ފަގީރު ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ. މި ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމަށް ކުމާރު ވަޑައިގަތީ ބީޖޭޕީއާ ގުޅިގެން އުޅުއްވި ދުވަސްވަރު 2005 ގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައިގެންނެވެ.