ހަބަރު

ލަންކާ ކޭމްޕުގައި ބައިވެރިވާ ދިވެހި ކެޑޭޓުން ފުރައިފި

ސްރީލަންކާގައި މިއަދުން ފެށިގެން މިމަހުގެ ނަވާވީހުގެ ނިޔަލަށް ބާއްވާ ހާމަން ލޫސް ޗެލެންޖް ޓްރޮފީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ދިހަ ކެޑޭޓުން މިއަދު ހަވީރު ސްރީލަންކާއަށް ފުރައިފިއެވެ.

ސްރީލަންކާގެ އަސްކަރިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ މި ކޭމްޕުގައި ރާއްޖެއާއި ސްރީލަންކާގެ އިތުރަށް ދެން ބައިވެރިވަނީ އިންޑިޔާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ސިންގަޕޫރުގެ ކެޑޭޓުންނެވެ. ރާއްޖެއިން ބައިވެރިވާ ކެޑޭޓުންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެން ކުދިންނާއި ފަސް އަންހެން ކުދިންނެވެ.

މި ކޭމްޕުގައި ރާއްޖޭގެ ސަގާފަތް ދެއްކުމުގެ ހަރަކާތްތަކެއް ދިވެހި ކެޑޭޓުން ކުރިއަށް ގެންދާނެއެވެ. އަދި ސްރީލަންކާގެ ރައީސާއި ދިވެހި ކެޑޭޓުން ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކެޑޭޓުން މިއަދު ފުރުމުގެ ކުރިން އިއްޔެ މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ވަނީ އެކުދިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ. ރާއްޖޭގެ ކެޑޭޓުން ބޭރުގައުމުތަކުގައި މިހާތަނަށް ރާއްޖެ ތަމްސީލުކޮށް ހޯދާދީފައިވާ ރީތި ނަން މިފަހަރުވެސް ދެމެހެއްޓުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

މި ކޭމްޕުގައި ބައިވެރިވާ ދިވެހި ކެޑޭޓުން ސެލެކްޓްކުރެވިފައިވަނީ ރާއްޖޭގެ 8 ސްކޫލަކުންނެވެ. އެއީ މާލޭގެ އިސްކަންދަރު ސްކޫލް އަދި އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް، ހުޅުމާލޭ ރެހެންދި ސްކޫލާއި ޣާޒީ ސްކޫލް، ނައިފަރު މަދަރުސަތުލް އިފްތިތާހު، ލ.ގަމު ހަމަދު ބިން ޚަލީފާ ސްކޫލް އަދި ސ.މަރަދޫ އިރުޝާދިއްޔާ ސްކޫލެވެ.