ޖާންވީ ކަޕޫރު

ދޯސްތާނާ 2: ތައްޔާރީތައް ޖާންވީ ކާރްތިކް ފަށައިފި

ކާރްތިކް އާރްޔަން އާއި ޖާންވީ ކަޕޫރު އަދި ލަކްޝްގެ "ދޯސްތާނާ 2"ގެ ތައްޔާރީތައް ފަށައިފި އެވެ. މި ތިން ތަރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ފިލްމުގެ ޑައިރެކްޓަރު ކޮލިން ޑިކުންހާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.

"ދޯސްތާނާ 2" އަކީ ޖޯން އަބްރަހަމް އާއި އަބީޝެކް ބައްޗަން 2008 ގައި ކުޅުނު ހެއްވާ މަޖާ ފިލްމު "ދޯސްތާނާ"ގެ ސީކުއަލް އެކެވެ. މިފަހަރުގެ ފިލްމުގައި މުހިއްމު ރޯލުތައް ކުޅޭނީ ކާރްތިކް އާއި ޖާންވީ އަދި ލަކްޝް އެވެ.

ޑައިރެކްޓަރު ޕޯސްޓްކުރި ފޮޓޯ ފެނިފައި މި ފިލްމަކީ ކުރީގެ ފިލްމު ހާ ހެއްވާ މަޖާ ފިލްމަކަށް ވާނެކަމުގެ އުންމީދު ގިނަ ބަޔަކު ވަނީ ފާޅު ކޮށްފަ އެވެ. "ދޯސްތާނާ" އަކީ ވަރަށް ކާމިޔާބު އެހާމެ މަގްބޫލު ފިލްމަކަށް ވާތީ އޭގެ ސީކުއަލް އަކާ މެދު ކުރެވޭ އުންމީދުތައް ފޮނިވެފައި ފިލްމު ބަލާހިތުން ތިބި މީހުން ވެސް ވަރަށް ގިނަ އެވެ.

މި ފިލްމުގެ ޝޫޓިންގް ފެށޭނީ އަދި ތަންކޮޅެއް ފަހުންނެވެ. އޭގެ ކުރިން ކާރްތިކް މިހާރު ކުޅެމުންދާ "ޕަތީ ޕަތުނީ އައުރް ވޯ"ގެ ޝޫޓިން ނިންމާނެ އެވެ.

ޖާންވީގެ ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނުކުންނާނީ "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް" އާއި "ރޫހް އަފްޒާ" އެވެ. މިއީ ލަކްޝް ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ "ޕޯރަސް" ކިޔާ ޓީވީ ޑްރާމާއެއްގައި ލީޑް ރޯލު އަދާކޮށްފަ އެވެ.

"ދޯސްތާނާ 2"ވެސް ޕްރޮޑީއުސްކުރަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ. ކަރަން ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ލަކްޝް އަކީ ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކާ ގުޅުން ހުރި އެކްޓަރެއް ނޫނެވެ. ބޮލީވުޑް ތަރިންގެ ދަރިންނާއި ތިމާގެ މީހުންނަށް ފިލްމު ތަކުން ފުރުސަތު ދިނުމަށް ކަރަން އިސްކަންދޭ ކަމަށް ބުނެ އޭނާއަށް ތުހުމަތުކުރަ މީހުން ގިނަ އެވެ. ކަރަން މިހެން ބުނީ އޭނާއަށް ފާޑުކިޔާ މީހުންނަށް އަމާޒުކޮށް ކަމަށް ބެލެވެ އެވެ.