ޖާންވީ ކަޕޫރުގެ އާ ފިލްމު "މިލީ" މިހާރު ވަނީ ރިލީޒްވުމުގެ މަގުމަތީގަ އެވެ. އަދި މި ފިލްމު ޕްރޮމޯޓްކުރުމުގައި ޖާންވީ މި ދުވަސްވަރު އުޅެނީ ވަރަށް އަވަދިނެތި އެވެ.
މި ފިލްމުގައި ދައްކަނީ ފްރީޒަރެއްގެ ތެރޭގައި ތާށީވެ ނުނިކުމެވިފައި އޮތް އަންހެން ކުއްޖަކަށް ދިމާވި ކަންތައް ތަކެކެވެ.
ނޮވެމްބަރު 4 ގައި ފިލްމު ރިލީޒްކުރާއިރު ބޮކްސް އޮފީހުގައި މި ފިލްމަށް ކުރިމަތިލާން ޖެހެނީ ސޮނާކްޝީ ސިންހާގެ "ޑަބަލް އެކްސެލް" އާއި ކެޓުރީނާ ކައިފް އާއި އިޝާން ޚައްތަރު އަދި ސިދާންތު ޗަތުރަވޭދީގެ "ފޯނު ބޫތު" އާ އެވެ.
ޖާންވީގެ ބައްޕަ ބޯނީ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ "މިލީ" ކުޅެން އޭނާއަށް އެއްގޮތަކަށް ވެސް ފަސޭހަ ނުވި ކަމަށް ދާދިފަހުން ޖާންވީ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ. އަދި މި ފިލްމު ކުޅުމުގެ ސަބަބުން އޭނާއަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ ބާރުގަދަ ޕެއިންކިލާޒް ބޭނުންކުރަން ޖެހުނު ކަމަށާއި ބިރުވެރި ހުވަފެން ފެންނަ ވަރުން ނިދަން އުނދަގޫވި ކަމަށްވެސް ޖާންވީ ބުންޏެވެ.
"ނަފްސާނީ ގޮތުން އަހަންނަށް އެހާ އުނދަގޫވީ ފިލްމުގެ ޝޫޓިން ނިންމާފައި ގެޔަށް އައިސް އޮށޯވެ ނިދޭއިރަށް ބިރުވެރި ހުވަފެން ފެންނަން ފަށާ. އެ ފްރީޒަރު ތެރޭގައި އަހަރެން އަސްލު ތާށިވެފައި އޮއްވާ ހުވަފެނުން ފެންނަނީ،" ފިލްމު ރިލީޒްކުރުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޖާންވީ ބުންޏެވެ.
ގައިގައި އެތަން މިތަނުގައި ރިއްސާވަރުން ދެ ތިން ދުވަހު އުޅުނީ ޕެއިންކިލާޒް ކައިގެން ކަމަށާއި އެންމެ ފަހުން ފިލްމުގެ ޑައިރެކްޓަރު ވެސް ބަލިވި ކަމަށް ޖާންވީ ބުންޏެވެ.
"ދުވާލެއްގެ 15 ވަރަކަށް ގަޑިއިރު ބަންދުކޮށްފައި ހުރި ފްރީޒަރެއްގެ ތެރޭގައި ރޮއި ހަޅޭއްލަވަމުން މަންޒަރު ޝޫޓް ކުރާއިރު އަދި ބައެއް ފަހަރު މީދާ އައިސް އިނގިލީގައި ދަތް އަޅާ ހަދާއިރު އެމީހަކަށް ވާނެ ގޮތް ވިސްނާލާ،" ޖާންވީ ބުންޏެވެ.
ޖާންވީ ބުނީ މި ފިލްމުގެ ކުޅުމުން މިހާރަށް ވުރެ ރަނގަޅު އެކްޓަރަކަށް ވުމުގެ ފުރުސަތު އޭނާއަށް ތަނަވަސްވި ކަމަށެވެ.