ބޮލީވުޑް

ޚުޝީގެ ފުރަތަމަ ފިލްމު އޭޕްރީލްގައި ފަށާނެ: ބޯނީ

ޝްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދެ ދަރިންގެ ތެރެއިން ހަގު ދަރިފުޅު ޚުޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަސައްކަތް އަންނަ އެޕްރީލްގައި ފަށަން ހަމަޖެހިފައިވާ ކަމަށް ބޯނީ ބުނެފި އެވެ.

ޚުޝީ ބޮލީވުޑަށް ތައާރަފްވާ ފިލްމުގައި ބަތަލުގެ ބައި ކުޅެނީ އަމީތާބު ބަޗަންގެ ކާފަދަރިފުޅު އަގަސްތުޔާ ނަންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ.

ޚާއްސަކޮށް ޚުޝީ އާއި އަގަސްތާޔާ އެކުގައި ޑާންސް ޕްރެކްޓިކްސް ކުރަންދާ މަންޒަރު ވަރަށް ގިނައިން މިހާރު ފެންނާތީ މި ވާހަކަތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފަ އެވެ. ގިނަ ބަޔަކު ބުނަނީ ޒުވާން ދެ ތަރިން އެކުގައި ފިލްމު ކުޅެން ފަށަން ތައްޔާރުވަނީ ކަމަށެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ޚުޝީ އާއި އަގަސްތުޔާ ކުޅެނީ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މި ފިލްމުގައި ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ ވެސް ބައިވެރިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މިއީ އާޗީ ކޮމިކް ސީރީޒްގެ ވާހަކަތަކުން ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެއް ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް މި ވާހަކަތައް ބޯނީ ޔަގީންކޮށެއް ނުދެ އެވެ. އޭނާ ހަމައެކަނި ބުނީ ޚުޝީ ކުޅޭ ފުރަތަމަ ފިލްމުގެ މަސައްކަތް އެޕްރީލްގައި ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

ޔަގީންވާ ކަމަކީ އަމީތާބުގެ ކާފަ ދަރިފުޅާއި ޝާހް ރުކްގެ ދަރިފުޅު ވެސް ފިލްމީ ދުނިޔެއަށް ވަނުމުގެ ޝައުގުވެރިކަން އޮތް ކަމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލުކޮށް ފިލްމު އިންޑަސްޓްރީއަށް ފުރަތަމަ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމެވެ.