ޖާންވީ ކަޕޫރު އަޅާ ހެދުމާއި އުޅޭ ގޮތަށް ސޯޝަލް މީޑިއާގައި މީހުން މަލާމާތްކޮށް ހެދުމަކީ މިހާރު އާދައަކަށް ވެއްޖެ އެވެ. އެގޮތުން އޭނާއަށް އެންމެ ފަހުން މަލާމާތް ރައްދުވީ ތަނަކަށް ފުރަން އެއާޕޯޓަށް ދިޔައިރު ހުދުކުލައިގެ ބާލީހެއް ގެންގުޅެގެންނެވެ. ކުރިން މި ގޮތަށް އެއާޕޯޓަށް ދާއިރު ބާލީސް ގެންގުޅޭތަން ފެންނަނީ އާމިރު ޚާނެވެ.
އާމިރު އެއާޕޯޓަށް ފުރަން ދާއިރު އޭނާގެ ފޭވަރިޓް ބާލީސް އަތުގައި އޮންނަ ތަން ވަރަށް ގިނައިން ފެނެ އެވެ. އަދި މިކަމާ މީހުން އާމިރަށް ވެސް ވަރަށް މަލާމާތް ކުރެ އެވެ.
ޖާންވީ އަށް މަލާމާތްކުރި މީހުން ބުނެފައިވަނީ އެއާޕޯޓަށް ދާއިރު ބާލީހެއް ގެންދަނީ އާމިރު ޚާން ޖެއްސި ކަހަލަ ސްޓަންޓެއް ޖައްސަން ކަމަށެވެ.
"ފުރަންދާއިރު ބާލީސް ގެންދިއުމަކީ ވެސް މިހާރު ފެޝަނެއްތަ؟" ޖާންވީ އަށް މަލާމާތްކުރި އެކަކުގެ ކޮމެންޓުގައި ސުވާލު ކޮށްފައިވެއެވެ.
"ބާލީހުގައި ކޯޗެއް ފޮރުވައިގެން ތި އުޅެނީ؟" ދެ ވަނަ މީހަކު ސުވާލުކުރި އެވެ.
މީގެ ކުރިން ޖާންވީއަށް ގިނައިން މަލާމާތް ރައްދުވަނީ އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުންނެވެ. ނަމަވެސް މިފަހަރު އޭނާ ހުރީ މަޑު ނޫކުލައިގެ ކުރުތާ އަކާއި ހަރުވާޅެއް ލައި ދޯޕައްޓާއެއް އަޅައިގެން ކަމަށް ވާތީ މި ހެދުމަކަށް މަލާމާތެއް ނުކުރެ އެވެ.
ޖާންވީގެ ކެރިއަރަށް ބަލާއިރު މިހާރު ކުޅެމުންދަނީ "މިލީ" ކިޔާ ފިލްމެކެވެ. އަދި ވަރުން ދަވަން އާއެކު ކުޅޭ "ބަވާލް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އަދި ރާޖް ކުމާރު ރާއޯ އާއެކު "މިސްޓަ އެންޑް މިސިޒް ޝަރުމާ" ކިޔާ ފިލްމެއް ވެސް އެބަ ކުޅެ އެވެ.