ބިޑަށް ނުލައި ދޭ މަޝްރޫއުތައް

ކުރިން ގޯސް، މިހާރު ރަނގަޅު!

ބިޑަށް ނުލައި ރިސޯޓު ހަދަން ރަށް ދޫކުރާނެ އުސޫލެއް ނިމިދިޔަ ސަރުކާރުން އެކުލަވާލި އެވެ. އެ ފަހަރު އެކުލަވާލި އުސޫލުން ރަށް ދޭން ފެށުމާއެކު މައްސަލަ ގޯސްވި އެވެ. ސަރުކާރުގެ ވެރިން "ކަޓު" ނަގާ ކަމަށް ތުހުމަތުގެ އިނގިލި ދިއްކުރަން ފެށި އެވެ. މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން އޭރު ތިބީ އިދިކޮޅުގަ އެވެ. އޭރު ބުނަމުން ދިޔައީ "ތިޔަ އުޅެނީ ގާނޫނުގެ ތެރެއިން ވައްކަން ކުރާށޭ" އެވެ. އެ ދުވަސް ވެސް މާޒީވެ ހިނގައްޖެ އެވެ. އެކަމަކު މިއަދުވެސް ހަމަ އޮތީ އެގޮތެވެ. އެ އުސޫލެވެ. މި ސަރުކާރުން ވެސް އެ ވަނީ "އިންފޯމަލް ބިޑިން" އުސޫލުން މަޝްރޫއު ހަވާލު ކުރަން ފަށާފަ އެވެ. އެއަކު ތަފާތެއް ނެތެވެ.

މި އުސޫލުގެ ތެރެއަށް ފައްތައިގެން، އެންމެ ފަހުން ހަވާލު ކުރީ ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ގުޅިފަޅު ބިން ހިއްކުމުގެ ބޮޑު މަޝްރޫ އެކެވެ. ބޮޑު އެ މަސައްކަތް އެ ކުންފުންޏަށް ދިނީ 53 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 818 މިލިއަން ރުފިޔާ) އަށެވެ. މިއާއެކު ގިނަ ބައެއްގެ ތުހުމަތާއި ޝައްކުތައް ފުނި ޖެހިއްޖެ އެވެ. ކުރިން ގޯސްވި ކަންތައް މިހާރު ރަނގަޅުވީތޯ، އެއް ބަޔަކު ސުވާލު ކުރެ އެވެ. އަނެއް ބަޔަކު ބުނަނީ ބިޑު ނުކޮށް މަޝްރޫއު ދިނުމުން މައްސަލައަކީ ކޮބައި ހެއްޔޭ އެވެ؟ މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ތަޖުރިބާ ކުރާ "ބެސްޓް ޕްރެކްޓިސް" އެއް ނޫން ހެއްޔޭ އެވެ. މަޝްރޫއުތައް އަވަސް ކުރަން މި ނޫން ގޮތެއް ނެތް ތޯ ސުވާލު ކުރާ މީހުން ވެސް މަދެއް ނޫނެވެ. ކޮންމެއަކަސް ކުރިން ގޯސްވި ކަންތައް މިހާރު މިއޮތީ ހަމަ ވަރަށް ރަނގަޅު ވެފަ އެވެ.

މިހާރު އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ދަނީ އޭރު ބިޑް ނުކޮށް މަސައްކަތް ދިނުމުގައި އުޅުއްވި ބޭފުޅުންނެވެ. އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސް އަށް ދީފައިވަނީ "ޑީލަކަށެވެ." މި މަޝްރޫއު ހަވާލު ކުރީ އެ ކަމަށް ނެގޯޝިއޭޓް ކުރި މީހުންގެ ކޮންމެ ވެސް ރިސޯޓެއް ހަދަން ފަޅެއްގައި ދެ ރަށް ހިއްކާ ގޮތަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ދެން އެންމެ ބޮޑަށް ފާޑު ވިދާޅުވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި މަސައްކަތް އެމްޓީސީސީ "މަހާ ޖައްރާފަ" ށް ދިންނަމަ 44 މިލިއަން ޑޮލަރުން (ގާތްގަނޑަކަށް 679 މިލިއަން ރުފިޔާ) އިން ކުރެވޭނެ އެވެ.

ޒުވާބު ހޫނު ވެފައި ވަނިކޮށް، ދެން ފެންމަތިވީ އެހެން ވާހަކަ އެކެވެ. ގުޅިފަޅު މަޝްރޫއު ބޮސްކާލިސް ކުންފުންޏަށް ހަވާލު ކޮށްފައި ވަނީ "ޑަޗް އައިއެންޖީ ބެންކުން" ފައިނޭންސް ނުވަތަ ލޯނު ހަމަ ޖެހުމުން ކަމަށެވެ. މިއީ ކުރިން ނޭނގި އޮތް ވާހަކަ އެކެވެ. އޯޕަން ބިޑިން އަށް ގޮސްގެން އޯން ފައިނޭންސްގައި މި މަޝްރޫއު ހިންގާނެ ބަޔަކު ނުވާނެކަން ޔަގީން ވަނީ ހެއްޔެވެ؟

އޯޕަން ބިޑިން އިން ލަސްވޭތަ؟

މާލީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި އޮތް އިންވެސްޓާ ކޮންފިޑެންސަށް ބަލާއިރު 20 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިފައިގެން އަންނަން ގިނަ ކުންފުނިތަކުން ޖެހިލުމެއް ނުވާނެ އެވެ

"އަޅުގަނޑަށް ހީވަނީ ކޮމްޕެޓިޓިވް ބިޑިން އަކަށް ދިޔަނަމަ ރަނގަޅުވީސް ހެން. އޭރުން ދެއްކޭނެ ވާހަކައެއް ނޯންނާނެ. ޓްރާންސްޕޭރެންސީ ބޮޑުވާނެ. ހަމަ ރަނގަޅު އިންވެސްޓަރުން އަންނާނެ އެކަށީގެންވާ އަގެއްގައި. މި ސަރުކާރުން އެވަނީ ޕާޓްނަރުންގެ ފޯރަމެއް ވެސް ބާއްވާފަ. އެހެންވީމަ ބެލެވެނީ ހަމަ ރަނގަޅު ޕާޓްނަރުން ލިބޭނެ ކަމަށް. ކޮންޓެރެކްޓާ ފައިނޭންސިން އުސޫލުން ކޮށްދޭނެ ވެސް މީހުން ވާނެ. އެކަމަކު ނޭނގެ ކީއްވެކަމެއް ބިޑް ނުކުރީ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.

ބިޑް ނުކޮށް މަޝްރޫއު ދިނުމުގެ މައްސަލަ ފެންމަތިވީ ގުޅިފަޅު ހިއްކަން ބޮސްކާލިސްއަށް ދިނުމުންނެވެ. އެ މައްސަލަ ގޯސްވީ ރާއްޖޭގައި ކޮންނަ ބޯޓެއް އޮވެ، އެކަން ދިވެހިންނަށް ނުލިބުމުންނެވެ. ދެން އޮތީ މަހާ ޖައްރާފުގެ ވާހަކަ އެކެވެ. މަހާ ޖައްރާފުން ގުޅިފަޅު ބަނދަރުގެ މަސައްކަތް ކުރެވޭނެ ހެއްޔެވެ؟

ބިން ހިއްކަން ދުނިޔޭގައި ދެ ވައްތަރެއްގެ ޑްރެޖަރު ބޭނުން ކުރެ އެވެ. އެއް ވައްތަރަކީ ތިލަ ތަން ތަނުން ފަރު ކަނޑައި ވެލި ނަގައިގެން ބިން ހިއްކާ، ކަޓާ ސަކްޝަން ޑްރެޖަރެވެ. އަނެއް ވައްތަރަކީ މާ ކަނޑުގެ ފުން ހިސާބުތަކުން ވެލި ބަރުކޮށްގެން ހިއްކުމުގެ މަޝްރޫއު ހިންގާ ޓްރެލާ ސެކްޝަން (ކޮޕާ) ޑްރެޖެވެ. އެމްޓީސީސީގެ މަހާ ޖައްރާފަކީ ޓްރެލާ ސަކްޝަން (ކޮޕާ) ޑްރެޖާ އެވެ.

މަހާ ޖައްރާފުގައި ކެޕޭސިޓީ ނެތީތަ؟

"މަހާ ޖައްރާފު" އިން މިހާރު ވެސް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދެ އެވެ. އެ ކޮންނަ ބޯޓުން ހަތަރު މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ގެންދެ އެވެ. ދެން އޮތީ މަހާ ޖައްރާފުގެ ގާބިލް ކަމާއި، ވެލި ނަގަން ޖެހޭ ސަރަހައްދުގެ ހާލަތެވެ.

ގުޅިފަޅު ވެލި ނަގަން ޖެހޭ ސަރަހައްދުގެ ފުން މިނުގައި ހުންނަނީ ގާތްގަނޑަކަށް 40 މީޓަރާއި 75 މީޓަރެވެ. މަހާ ޖައްރާފަކީ 50 މީޓަރުގެ އަޑިން ވެލި ނެގޭ، އެއް ފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭ އުޅަނދެކެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ގާބިލްކަން ހަމަ ހަގީގަތުގައި ވެސް މަހާ ޖައްރާފްގައި ނެތީ ހެއްޔެވެ؟ މަހާ ޖައްރާފުން އެކަން ކުރަން ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒު އަލީ ވިދާޅުވި ގޮތުގައި ގުޅިފަޅު މަޝްރޫއު ހިއްކަން ވެލި ނެގެން އޮތް ހަމައެކަނި އޮޕްޝަނަކީ ވަރަށް ފުނުން ވެލި ނެގުމެވެ. މަހާ ޖައްރާފަށް އެކަން ނުކުރެވޭނެ ސަބަބަކީ އެއީ އެވެ.

"މަހާ ޖައްރާފަކީ ކޮޕާ ޑްރެޖާއެއް. ދެން އޮތީ ކެޕޭސިޓީ. މާލެ އަތޮޅު ބައެއް ސަރަހައްދުގެ ފުން މިނުގައި އެބަހުރި 50 މީޓަރު ނޫނީ 70 މީޓަރު. މަހާ ޖައްރާފާއަކީ ކުޑަ ކެޕޭސިޓީ ހުރި ޑްރެޖަރެއް. މި ޑްރެޖާ އިން އެފިޝެންޓްކޮށް ލޯޑެއްގައި ނެގޭނީ 3،000 ވަރަކަށް ކިއުބިކް މީޓާސް. މި [މަހާ ޖައްރާފު] އިން ފުލްކޮށް 24 ގަޑިއިރު ހުއްޓާނުލާ [ދުވާލަކު ތިން ލޯޑު] ކޮށްގެން ގުޅިފަޅު ހިއްކާ ނިންމަން ނަގާ އަޅުގަނޑުމެންގެ އެސްޓިމޭޓުން ދެ އަހަރު. އެހެންވީމަ މިހާ އިމްޕޯޓެންޓް މަސައްކަތެއް ފަށަން މަޑު ކުރެވޭނެ އޮޕަޝަނެއް ނޫން މިއީ،" ޝިފާޒު ވިދާޅުވި އެވެ.

މަހާ ޖައްރާފުން ފުލްކޮށް 24 ގަޑިއިރު ހުއްޓާނުލާ [ދުވާލަކު ތިން ލޯޑު] ކޮށްގެން ގުޅި ފަޅު ހިއްކާ ނިންމަން ނަގާ އަޅުގަނޑުމެންގެ އެސްޓިމޭޓުން ދެ އަހަރު. އެހެންވީމަ މިހާ މުހިންމު މަސައްކަތެއް ފަށަން މަޑު ކުރެވޭނެ އޮޕަޝަނެއް ނޫން އެއީ،
ޝިފާޒު އަލީ | ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

ޝިފާޒު ވިދާޅުވި ގޮތުގައި މެއި މަހު ގުޅިފަޅުގެ އަމަލީ މަސައްކަތް ފަށަން ސަރުކާރުން ބޭނުންވެ އެވެ. އެ ތާރީހާ ހަމަަށް ބިން ހިއްކައި ނިންމަން ބޭނުންނަމަ އެހެން ގޮތެއް ވިސްނަން ޖެހޭނެ އެވެ.

"މިހާރު މިއޮތީ ވަރަށް ކުޑަ ދުވަސް ކޮޅެއް. ގާތްގަނޑަކަށް ހައެއްކަ މަސް. ސުވާލަކީ މި ވަރުގެ ކަމެއް ކުރެވޭނީ ދުނިޔޭގައި ކޮން ބަޔަކަށް ތޯ؟ ދުނިޔޭގައި ވެސް މި ވަރުގެ މައްސައްކަތެއް ކުރެވޭނެ މިއޮތީ ހައެއްކަ ކުންފުނި. މީގެ ތެރެއިން އެއް ކުންފުނި ބޮސްކާލިސްއަކީ،" ޝިފާޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ބިޑް ނުކޮށް މަޝްރޫއު ހަވާލު ކުރުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ކުރި އަށް އޮތް ހަތަރު އަހަރުތެރޭގައި އެންމެ އަހައްމިއްޔަތުކަން ދޭ އެއް މަޝްރޫއުއަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީ ފަޅަށް ބަދަލު ކުރުމެވެ. އެ މަސައްކަތް އަވަސް ކުރަން ޖެހޭ ސަބަބަކީ އެވެ.

"އަޅުގަނޑުމެން އާއްމުކޮށް ކަން ކުރަން ބޭނުންވާ އުސޫލެއް ނޫން މިއީ [ބިޑްނުކޮށް ދިނުމަކީ] ބޭނުން ވަނީ ކޮމްޕެޓިޓިވްކޮށް، ބިޑިން އުސޫލުން ކަންތައް ގެންދަން. މިހާތަނަށް ވެސް 197 މަޝްރޫއު، ކޮމްޕެޓިޓިވް ބިޑިން އިން ކުރިއަށް ގެންދެވިއްޖެ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރަށް 130 އަށް ވުރެ ގިނަ މަޝްރޫއު

މި މަޝްރޫއުގެ އިތުރުން ވެސް ބިޑު ނުކޮށް ގިނަ މަޝްރޫއުތަކެއް ދީފާނެ ކަމުގެ އަލާމާތްތައް މިހާރު ވަނީ ފެންނަން ފަށާފަ އެވެ. އައްޑޫ ކަރަންޓުގެ މަޝްރޫއު ބީލަމަށް ނުލައި 37.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ) އަށް ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލަށް ހަވާލު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ސަރުކާރަށް 130 އަށްވުރެ ގިނަ ޕްރޮޕޯސަލް ލިބިފައިވެ އެވެ. މީގެތެރެއިން 20 މަޝްރޫއުއަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުންވަނީ ބުނެފަ އެވެ.

ބިޑް ނުކޮށް މަޝްރޫއު ހަވާލު ކުރުމާބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވާހަކަފުޅު ދައްކަވަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ދާއިރާ ތަކަކުން މަޝްރޫއުތައް ލިބިފައި ވެސް ވެއެވެ.

"މި މަޝްރޫއުތަކުގެ ތެރެއިން ނެގޯޝިއޭޓް ކުރަނީ 20 މަޝްރޫއު، މި މަޝްރޫއުތަކުގައި ހިމެނޭ ފެނާއި ނަރުދަމާގެ މަޝްރޫއު އަދި ކަރަންޓުގެ މަޝްރޫއުތައް. ހެލްތް ދާއިރާގެ މަޝްރޫއުތައް. ޕޯޓާއި ބްރިޖުގެ ޕްރޮޕޯސަލްތައް ވެސް،" ފައްޔާޒު ވިދާޅުވި އެވެ.

ބިޑު ނުކޮށް ގިނަ މަޝްރޫއު ތަކެއް ހިންގާނެ ކަމަށް މިހާރު މިއޮތީ ބެލެވިފަ އެވެ. ބިޑުނު ކޮށް މަޝްރޫއު ހަވާލު ކުރުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި އެކަމަށް މީގެ ކުރިން ވަނީ ބޮޑެތި ފާޑު ކިއުންތަކެއް ކުރިމަތިވެފަ އެވެ.