ގާސިމް އިބްރާހިމް

ފިލާ ތިއްބަސް ރިޕޯޓް ލިޔުނު މީހުނަށް އަދަބު ލިބޭނެ: ގާސިމް

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވި ނަމަވެސް، ސަރުކާރުން އެ ޖަމާއަތާ ދެކޮޅަށް ފުރިހަމައަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީއަށް ބަޔަކު ސޮއި ކުރަން ބޭއްވި ހަލްފާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުން ތިބީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި ކަމަށެވެ. ދިވެހިންނަކީ އެހެން ބަޔަކު ލިޔެލާ ރިޕޯޓަކުން އެމީހުންގެ ދީނީ އަގީދާ ދޫކޮށް އެހެން ބަޔަކަށް ތަބާވާނެ ބައެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ ދީނަށް ފުރައްސާރަކުރި އެމްޑީއެން ދާނީ ނިކަމެތިވަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު، ބޭޗާރާވެ، ބިޗާރާވެފައި ތިބި ބަޔަކު ތަނަކުން ތަނަކު ނުޖެހޭ ވިޔާނުދާ ބަޔަކު ނުކުމެ މި ގައުމު ފަސާދަ ކުރަން ޖާގައެއް ނުދެވޭނެ އިނގޭތޯ. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން މި ތިބީ މި ގައުމު ފަސާދަކުރަން ޖާގަ ދޭކަށް ނޫނޭ އިނގޭތޯ. މި ކީއްވެގެންތޯ މިއުޅެނީ. މި ދިވެހިރާއްޖެ ފަސާދަކޮށް އަޅުގަނޑުމެންގެ އިގްތިސޯދީ އަދި އިޖްތިމާއީ އަދާލަތު ފުނޑުފުނޑުކޮށްލާ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލަން ނުކުމެ އުޅުނެއް ކަމަކު ދިވެހިންގެ އަގީދާ ބަލިކަށްޓެއް ނުކުރެވޭނެ." ގާސިމް ވިދާޅުވިއެވެ.

ޑިމޮކްރަސީ މި ލަފުޒް ބޭނުން ކޮށްގެން އެ ޖަމިއްޔާއަށް ނަން ދީފައިވުމަކީ ޑިމޮކްރަސީއަށް ވެސް އޮތް ހުތުރެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު، ބޭޗާރާވެ، ބިޗާރާވެފައި ތިބި ބަޔަކު ތަނަކުން ތަނަކު ނުޖެހޭ ވިޔާނުދާ ބަޔަކު ނުކުމެ މި ގައުމު ފަސާދަ ކުރަން ޖާގައެއް ނުދެވޭނެ އިނގޭތޯ. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން މި ތިބީ މި ގައުމު ފަސާދަކުރަން ޖާގަ ދޭކަށް ނޫނޭ އިނގޭތޯ. މި ކީއްވެގެންތޯ މިއުޅެނީ. މި ދިވެހިރާއްޖެ ފަސާދަކޮށް އަޅުގަނޑުމެންގެ އިގްތިސޯދީ އަދި އިޖްތިމާއީ އަދާލަތު ފުނޑުފުނޑުކޮށްލާ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލަން ނުކުމެ އުޅުނެއް ކަމަކު ދިވެހިންގެ އަގީދާ ބަލިކަށްޓެއް ނުކުރެވޭނެ
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމަށްފަހު ގާނޫނުތަކަށް ފިލައިގެން ނޫޅެވޭނެ ކަމަށެވެ. އަދި ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު އެމްޑީއޭގެ މީހުން ކޮންމެ ތާކު ތިބި ނަމަވެސް ހައްގު އަދަބު ލިބޭނެ ކަމަށެވެ.

"މިކަން ކުރި ބަޔަކާމެދު ކޮންމެތާކު ތިއްބަސް، ކޮންމެ ހޮރެއްގައި އޮތަސް ދަމާ ނެރޭނޭ. ދަމާ ނެރެގެން އެ ބަޔަކަށް ލިބެންޖެހޭ ހައްގު އަދަބު ލިބޭނެ. ޑިމޮކްރަސީ ނެޓްވޯކް އުވާލުމުން އެކަނި ނިމުނީއަކީ ނޫނޭ އިނގޭތޯ. ﷲ ސުބުޙާނަހޫވަތަޢާލާ އަށް ޖޯކު ޖަހައި ޝަރީކުކުރި މީހުންނަށް އަދި އެކަނލާންގެއަށް ބަދުބަސް ބުނެ އަދި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މަލާމަތްކުރި މީހުން ކިހިނެތްތޯ ސަލާމަތްވަނީ. ކޮން އިރަކުތޯ އެކަހަލަ މީހުން ސަލާމަތްވަނީ. ނުވާނެ އެހެނެއް އިނގޭތޯ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވެއްޖެ ކަމަށެވެ. ނަމަވެސް ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ފިޔަވަޅު އެޅުން ފަސްވެފައި ވަނީ އެމްޑީއެންގެ މެންބަރުންނަށް ސަހަރޯވެރިވެގެން ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ކަށަވަރު ކަމާ އެކީގައި އަޅުގަނޑު މި ދަންނަވަނީ ޔަގީނުން ވެސް ދިވެހި ސަރުކާރުން އެކަމަށް ފުރިހަމައަށް ފިޔަވަޅު އަޅުއްވާނެކަން. ކުޑަ ތަންކޮޅެއް ލަސްވެގެންދާ ދިއުމަކީ އަދުލާ އިންސާފުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށްޓަކައި މިއަދު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ އިރުޝާދާ ލަފާފުޅުގެ މަތިން ކަމަށް ވެސް ވެދާނެ. އަޅުގަނޑަށް ކަށަވަރު އެމަނިކުފާނު އެކަން އެ ކުރައްވަނީ ބަޔަކާމެދު ސަހަރޯވެރިވެގެން ވެގެން ނޫންކަން،"

މިކަން ކުރި ބަޔަކާމެދު ކޮންމެތާކު ތިއްބަސް، ކޮންމެ ހޮރެއްގަ އޮތަސް ދަމާ ނެރޭނޭ. ދަމާ ނެރެގެން އެ ބަޔަކަށް ލިބެންޖެހޭ ހައްގު އަދަބު ލިބޭނެ. އެމްޑީއެން އުވާލުމުން އެކަނި ނިމުނީއަކީ ނޫނޭ އިނގޭތޯ. ﷲ ސުބުޙާނަހޫވަތަޢާލާއަށް ޖޯކު ޖަހާ ޝަރީކުކުރި މީހުންނަށް އަދި އެކަނލާންގެއަށް ބަދުބަސް ބުނެ އަދި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މަލާމަތްކުރި މީހުން ކިހިނެތްތޯ ސަލާމަތްވަނީ. ކޮން އިރަކުތޯ އެކަހަލަ މީހުން ސަލާމަތްވަނީ. ނުވާނެ އެހެނެއް އިނގޭތޯ
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ މަޖިލީސްތެރޭގައި ތަފާތު ޑްރާމާތައް ކުޅެގެން ބައެއް ބޭފުޅުން އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހިންދާލަން މަސައްކަތް ކުރެ އެވެ. އެކަން އެހެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.