ދުނިޔޭގެ ނުފޫޒު ގަދަ މީހުން ކިޔާ ފޮތްތަކަކީ އެންމެންގެ ސަމާލުކަން އެ ކަމަށް ހުއްޓޭ ކަމެކެވެ. ކިތައްމެ ބިޒީ ވިޔަސް ދުނިޔޭގައި ދިރިއުޅެވޭނީ މައުލޫމާތު ހޯދުމަށް ކޮންމެވެސް ވަރަކަށް ވަގުތު ދީގެންކަން މި އެންމެންގެ ދިރިއުޅުމުން ހާމަވެގެންދެއެވެ.
އެމެރިކާގެ ރައީސް ބަރަކް ހުސައިން އޮބާމާ މިހާރު ހުންނެވީ މި ރަބީއު ނުވަތަ 'ސަމަރ' މޫސުމުގެ ބަންދު ދުވަސްތަކުގައި 16 ދުވަހެއްގެ ޗުއްޓީގަ އެވެ. އަދި މާތާސް ވިނިޔާޑްގެ ގޮނޑުދޮށެއްގައި އާއިލާއާއެކު ޗުއްޓީ ހޭދަ ކުރައްވަމުން ވަޑައިގަންނަވާއިރު، އެ މަނިކުފާނު މި ފަހަރު ވިދާޅުވާ ހަ ފޮތަކީ ކޮބައިކަން ވައިޓް ހައުސްއިން ވަނީ މިއަދު އިއުލާންކޮށްފަ އެވެ.
މި ފޮތުގައި ދައްކައިދެނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން ފިލިޕް ބޯމަން ކިޔާ މީހަކު އެމެރިކާއަށް ރުޖޫއަވެ ދިރިއުޅުމައިގެން އަލުން ކުރިއަށް ދިއުމަށް މަސައްކަތް ފަށައިގަންނަ ގޮތެވެ. ކާމިޔާބާއި ލޯބި ހޯދުމަށްޓަކައި ފޮތް ޗާޕު ކުރާ ވިޔަފާރިއެއް ފަށައި މި ކަމުގައި އޭނާއަށް ކުރިމަތިވާ އުސްތަކާއި އަޑިގުޑަންތަކުގެ ހާދިސާތަކެވެ. "ނިއު ޔޯކް ރިވިއު އޮފް ބުކްސް"އިން ބުނީ މި ފޮތަކީ "އަންތަރީޒު ވާވަރުގެ ފޮތެއް" ކަމަށެވެ. "ނިއު ޔޯކާ"އިން ބުނީ މި ފޮތް ކިޔާލުމުން އިހުސާސް ކުރެވެނީ ހަޔާތުގައި ކާމިޔާބީތައް ލިބުނު ނަމަވެސް އަބަދުވެސް އިތުރު ކާމިޔާބީތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފެންނަ ކަމަށާއި އަދި އެ މަގުން ހިނގާއިރު ކިތައްމެ ބޮޑެތި ނާކާމިޔާބީތަކެއް ދެން ކުރިމަތިވި ނަމަވެސް އެއީ ދިރިއުޅުން އާހިރުގައި ބާއްޖަވެރި ކުރެވޭނެ ހަމައެކަނި ގޮތް ކަން ހާމަވާ ކަމަށެވެ. އެމެރިކާގެ "ލޮސް އެންޖަލިސް ޓައިމްސް" ނޫހުން ބުނީ މިއީ "ކަބީ ހުޝީ ކަބީ ގަމް" ފަލްސަފާ ނުވަތަ ހަޔާތަކީ އުފާވެރިކަމާއި އަދި ހިތާމަވެރިކަން ވެސް އެކުއެކީގައި އެކުލެވޭ އެއްޗެއްކަން ދޭހަވާ ފޮތެއް ކަމަށެވެ.
ލިޔުންތެރިކަމަށް އެމެރިކާގައި ދެވޭ އެންމެ ޝަރަފުވެރި 'ޕުލިޓްޒަރ' އިނާމު ލިބިފައިވާ މި ފޮތަކީ ލޯފަން ފަރަންސޭސި އަންހެންކުއްޖަކަށް އޭނާގެ ކަނބުރު ބައްޕަ ހަދައިދިން ވެރިރަށް ޕެރިހުގެ މޮޑެލްއެއް ބޭނުންކޮށްގެން އެ ސަހަރު ތެރޭގައި ހިނގާބިނގާވެ އުޅޭ ގޮތާއި މި ގޮތަށް ދިރިއުޅުމުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިޓްލަރުގެ ސިފައިން ފަރަންސޭސި ވިލާތް ހިސާރުކޮށްގެން އޮތް އިރު ފްރާންސްގެ ތެރެއިން ޖަރުމަނު ފިރިހެންކުއްޖަކާ ދިމާވާ ގޮތެވެ. އެމެރިކާގެ "ވޮޝިންޓަން ޕޯސްޓް" ނޫހުން ބުނީ "އަސަރުން ފުރިފައިވާ ހިތްގައިމު ކަމަކާއެކު ލިޔެފައިވާ މި ހިތާމަވެރި ވާހަކައިގެ ބައެއް ޖުމްލަތައް ކިޔާލާ ވަގުތު ލޮލުން ކަރުނަ ފައިބާ" ކަމަށެވެ.
ޕުލިޓްޒަރ އިނާމު ލިބިފައިވާ މި ސައިންސް ފޮތުގައި އަލިއަޅުވާލަނީ މި ދުނިޔޭގެ 4.5 ބިލިއަން އަހަރުގެ އުމުރުގައި ދިރޭތަކެތީގެ ނަސްލުތައް ފަސް ފަހަރަށް ފަނާވެފައިވާ ކަމެވެ. އަދި މި ގޮތަށް ދިމާވީ ހަމައެކަނި މިދިޔަ ބައި ބިލިއަން އަހަރުގެ ތެރޭގައި ކަމަށެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި އިންސާނީ ނަސްލުގެ އަމަލުތައް މިހާރު ހުރި ގޮތުގެ ސަބަބުން ހުރިހާ މައުލޫގުން ފަނާވުމުގެ ހާދިސާއެއް ހަ ވަނަ ފަހަރަކަށް ކުރިމަތިވުން އެކަށީގެންވެއެވެ. އަދި މިހެން ވެއްޖެ ނަމަ، މިއީ މީގެ 65 މިލިއަން އަހަރު ކުރިން ޑައިނޮސޯތައް ފަނާވުމަށް ދިމާވި، ދުނިޔެއަށް ބޮޑު ގިނިހިލައެއް ވެއްޓުމުގެ ހާދިސާއަށް ވުރެ ވެސް މާ ނުރައްކާތެރި ހާދިސާއަކަށް ވުން އެކަށީގެންވާ ކަމަށެވެ.
އިނގިރޭސި ވިލާތުން ބަދަލުވެ އެމެރިކާގައި ވަޒަންވެފައިވާ އިންޑިއާ ދަރިކޮޅު އާއިލާއެއްގެ ޕުލިޓްޒަރ އިނާމު ލިބިފައިވާ ޖުމްޕާގެ އާ ފޮތް "ދަ ލޯލަންޑް"ގައި ދައްކުވައިދެނީ އިންޑިއާގެ ކަލްކަތާގައި 1960ގެ އަހަރުތަކުގައި އުޅުނު ދެބެއިންގެ ދިރިއުޅުމެވެ. އެކަކީ ސިޔާސީ މީހެކެވެ. އަނެކަކަކީ ސައިންސްވެރިއެކެވެ. އެ ތަނުން ސިޔާސީވި މީހާ ކޮންމެވެސް ބަޔަކު މަރާލުމާ ގުޅިގެން އޭނާގެ މާބަނޑު ހުވަފަތް އަނބިމީހާއާ އަނެކަކު ކައިވެނިކޮށް، ދެމަފިރިން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރެއެވެ. އެމެރިކާގެ "ނިއު ޔޯކް ޓައިމްސް" ނޫހުން ބުނީ އިނގިރޭސި ވިލާތުގައި ލިޔުންތެރިކަމަށް ދޭ އެންމެ ޝަރަފުވެރި އިނާމަށް 2013 ވަނަ އަހަރު ޝޯޓްލިސްޓްވި މި ފޮތް ކިޔާލުމަކީ އޮޕެރާއަށް ބެލުންހާ ހިތްގައިމު އަދި އެހާމެ އަސަރުން ފުރިފައިވާ ތަޖުރިބާއެއް ކަމަށެވެ.
ބައްޕައަކު އޭނާގެ ފުރާވަރު އުމުރުގެ ފިރިހެން ދަރިފުޅަށް ލިޔެފައިވާ ސިޓީއެއްގެ ސިފާގައިވާ މި ފޮތުގައި ދޭހަކޮށްދެނީ ގަރުނުތަކެއްގެ ކުރިން ކަޅު އަޅުންގެ ދަލާއި ލެއިން އެމެރިކާ ބިނާ ކުރި ގޮތާއި އަދި މި ޒަމާނުގައި ކަޅު މީހުން މަރާއި ތަފާތު އިހާނެތި ކަންތައްތަކަށް ހުށަހަޅާ ގޮތާއި އަދި މިހެންވެ "މިއަދު އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ދައުރަކީ ކޮބައިކަން" މި ފޮތުން ހާމަވާ ކަމަށް "ނިއު ޔޯކް ޓައިމްސް"އިން ބުނެފައިވެއެވެ. "ކަޅު ހަށިގަނޑެއްގެ ތެރޭގައި އުޅޭ ފުރާނައެއްގެ ކެކުޅުންތަކަކީ ކޮަބައިކަން" ވަރަށް ސާފުކޮށް މި ފޮތުން ހާމަވާ ކަމަށެވެ.
އެމެރިކާގެ ފުރަތަމަ ރައީސް ކަމަށްވާ ޖޯޖް ވޮޝިންގޓަންގެ ހަޔާތް ދިރާސާ ކުރަން 1968 ވަނަ އަހަރުން ފެށި މަސައްކަތުގެ ދަށުން މިހާތަނަށް ހޯދުނު އާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މި ފޮތުގައި ވޮޝިންގޓަން އަކީ ހަމައެކަނި "ސްޓޮއިކް" ނުވަތަ ކެތްގަދަ މީހެއް އެކަނި ނޫންކަން ކަމާއި އޭނާގެ ވަރުގަދަ އިންސާނިއްޔަތުކަމުގެ ސިފަތައް ހުރިކަން ވެސް ހާމަވެއެވެ.