އާމިރު ޚާން

އާމިރު ޚާންގެ ދައްތަ ނިކްހަތު ވެސް ފިލްމީ ދުނިޔެއަށް

ކުރިޔަށް އޮތް ހަފުތާގައި ރިލީޒްކުރާ "ސާންޑް ކީ އާންކް" ގައި އާމިރު ޚާންގެ ދައްތަ ނިކްހަތު ޚާން މުހިއްމު ރޯލެއް އަދާކޮށްފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. މީގެ ކުރިން ނިކްހަތު އެއްވެސް ފިލްމެއްގައި ބައިވެރި ވެފައެއް ނުވެ އެވެ. މި ފިލްމުގެ ބަތަލާއިންނަކީ ތާޕްސީ ޕަންނޫ އާއި ބޫމީ ޕަޑްނޭކަރް އެވެ.

އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި ނިކްހަތު މި ފިލްމުގައި ވަރަށް ވަރުގަދަ ރޯލެއް ކުޅެފައި ވެއެވެ. "ސާންޑް ކީ އާންކް" އަކީ ޝާޕްޝޫޓާޒް ކަމަށްވާ ޗަންދުރޯ ޓޯމަރް އާއި އޭނާގެ ފަހަރި ޕްރަކާޝީ ޓޯމަރްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ހަގީގީ ފިލްމެކެވެ.

މި ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާ ތަކަކީ "ޝޫޓާ ދާދީޒް" ގެ ނަން ދީފައިވާ މުސްކުޅި ދެ އަންހެނުންނެވެ. ބޫމީ އާއި ތާޕްސީ ކުޅެނީ މި ދެ މުސްކުޅިންގެ ރޯލެވެ. މި ރޯލު ނޫނަސް ފިލްމުގައި ދެން ހިމެނޭ އެހެނިހެން ކެރެކްޓާތަކަށް ވެސް ވަރަށް ރަނގަޅު ރޯލުތައް ފިލްމުން ލިބިފައި ވެއެވެ. ނިކްހަތު ކުޅެނީ އޭގެ ތެރެއިން އެއް ރޯލެވެ.

މީގެ ކުރިން ނިކްހަތު ފިލްމެއް ކުޅެފައި ނުވިޔަސް އޭނާގެ އެކްޓްކުރުމުގެ ކުޅަދާނަކަން މި ފިލްމު އުފައްދާ ފަރާތަށް އެނގިގެން އޭނާ އަށް ފިލްމުގެ ރޯލެއް ހުށަހެޅުމުން ނިކްހަތު އެ ރޯލު ގަބޫލު ކުރީ ކަމަށް ވެއެވެ.

ފިލްމާ ގުޅޭ ގޮތުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ނިކްހަތު މި ފިލްމުގައި ކުޅެނީ މަހާރާނީއެއްގެ ރޯލެވެ. މިއީ މެހެމާނެއްގެ ރޯލު ނޫން ކަމަށާއި ފިލްމުގެ އެންމެ މުހިއްމު އެއް ރޯލު ކަމަށް ވެސް އެ މީހާ ބުންޏެވެ.

ބުރާސްފަތި ދުވަހު ބޭއްވި ފިލްމުގެ ނިމުން ފާހަގަކުރި ހަފުލާގައި ނިކްހަތު ބައިވެރިވެފައި ވެއެވެ. ނިކްހަތު ނޫނަސް އާމިރުގެ ކޮއްކޮ ފައިސަލް ޚާން ވެސް ފިލްމުތަކުން ފެނިފައި ވެއެވެ. ނަމަވެސް މާ ރަނގަޅު ކާމިޔާބެއް ނުލިބުމުން އޭނާ ވަނީ ފިލްމު ކުޅުމާ ދުރަށް ގޮއްސަ އެވެ.

"ސާންޑް ކީ އާންކް"ގައި ޕްރަކާޝް ޖާ އާއި ވިނީތު ކުމާރު ސިންގް ވެސް ބައިވެރިވެ އެވެ. ވިނީތު އަކީ "މުއްކާބާޒް" އާއި "ގޭންގްސް އޮފް ވައްސޭޕޫރު" ސީރިޒްގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އަނުރާގް ކަޝޭޕް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ތުޝާރު ހިރަނަންދަނީ އެވެ.

"ސާންޑް ކީ އާންކް"ގެ ޚާއްސަ ޝޯއެއް ފިލްމު އިންޑަސްޓްރީގެ މީހުންނަށް ޚާއްސަކޮށްގެން މިހާރު ވަނީ ބާއްވާފަ އެވެ. އަދި ފިލްމު ބެލި އެންމެން ވެސް ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.