ބޮލީވުޑް

"ދަންގަލް" ކުޅުނުއިރުއްސުރެ ފާތިމާ އާއި އާމިރުގެ ގުޅުން އޮންނަކަން ޔަގީންވެއްޖެ

އާމިރު ޚާން އޭނާ ދެވަނަ އަށް ކައިވެނިކުރި ކިރަން ރާއޯ ވަރިކުރުމާ ގުޅިގެން އެންމެ ގަދަޔަށް އެ ދުވަސްވަރު ދެކެވުނު އެއް ވާހަކައަކީ އާމިރާއި އޭނާގެ "ދަންގަލް" ބަތަލާ ފާތިމާ ސަނާ ޝޭޚްގެ ސިއްރު ލޯބީގެ ގުޅުމުގެ ވާހަކަ އެވެ. ނަމަވެސް އޭރު ގިނަ ބަޔަކު މި ވާހަކަ ގަބޫލެއް ނުކުރެ އެވެ. އެއީ މީހުން ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށް ހީކޮށެވެ.

އެކަމަކު ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑީއޯއަކުން އާމިރު އާއި ފާތިމާގެ ގުޅުން އަދިވެސް އޮތްކަން ވަނީ ޔަގީންވެފަ އެވެ. އަދި މިގުޅުމަކީ ޚާއްސަ ގުޅުމެއް ކަންވެސް މި ވީޑިއޯ އިން ހާމަވެފައިވެ އެވެ.

މި ވީޑީއޯ އިން ފެންނަނީ އާމިރާއި ފާތިމާ ޕިކްލްބޯލް ގޭމެއް ކުޅޭ ތަނެވެ. އެއާއެކު ގިނަ ބަޔަކު މިހާރު ޔަގީންކުރާ ގޮތުގައި އާމިރު އާއި ފާތިމާގެ ގުޅުން ވަރަށް ކުރިއްސުރެ އޮވެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށް ފިލްމީ ތަރިންނަށް ފާޑުކިޔާ އެކި ކަހަލަ ވާހަކަތައް ލިޔެ އުޅޭ ކަމާލް އާރް. ޚާން ވަނީ މި ވީޑީއޯއަށް ވަރަށް އަވަހަށް ކޮމެންޓް ކޮށްފަ އެވެ.

ކަމާލް ލިޔެފައިވާ ގޮތުގައި އާމިރު އާއި ފާތިމާ ވަރަށް އަވަހަށް ކައިވެނިކުރަން ދަނީ ތައްޔާރުވަމުންނެވެ.

ކަމާލް ލިޔެފައިވާ ގޮތުގައި "ދަންގަލް"ގައި އެކުގައި މަސައްކަތް ކުރި ދުވަސްވަރުން ފެށިގެން އާމިރު އާއި ފާތިމާގެ ލޯބީގެ ގުޅުން އޮވެ އެވެ.

"ބްރޭކިން ނިއުސް. އާމިރު އާއި އޭނާގެ ދަރިފުޅުގެ އުމުރުގެ ފާތިމާ ސަނާ ޝޭޚް ވަރަށް އަވަހަށް ކައިވެނިކުރަން ހަމަޖެހިއްޖެ. 'ދަންގަލް' ކުޅުނު އިރުއްސުރެ އާމިރު އާއި ފާތިމާ އުޅެނީ ލޯބިވެގެން،" ކަމާލްގެ ޓުވީޓެއްގައި ލިޔެފައި ވެއެވެ.

މި ޓުވީޓަށް ބައެއް މީހުން ހައިރާންކަން ފާޅުކުރިއިރު އަނެއް ބަޔަކު ބުނީ އެއީ އެ ދެ މީހުންނަށް ވެސް ރަނގަޅު ގޮތެއް ކަމަށެވެ. އަދި 2028އާ ހަމައަށް ދާއިރު އެ ކައިވެނި ވެސް ރޫޅޭނެ ކަމަށެވެ.

"ދަންގަލް"ގެ ޝޫޓިން ފެށީއްސުރެ އާމިރު އާއި ފާތިމާގެ ގުޅުން ބަދަހިވަމުން ދިއުމުން އޭރު އާމިރުގެ އަންބެއްގެ ގޮތުގައި ހުރި ކިރަން ވަރަށް ހިތްހަމަނުޖެހިގެން އުޅުނެވެ.

ބައެއް މީހުން ޝައްކުކުރަނީ އާމިރު ކައިރިން ކިރަން ވަރިވީ ވެސް ފާތިމާއާ އާމިރުގެ ގުޅުމާ ހެދި ރުޅިގަދަވެގެން ކަމަށެވެ.

މި ޚަބަރުތައް ދެކެވެން ފެށުމުން ފާތިމާ އެ ވާހަކަތައް ދޮގުކޮށްފައި ވެއެވެ. ނަމަވެސް ޔަގީންވާ އެއްކަމަކީ އޭރުއްސުރެ ވެސް ފާތިމާ އާއި އާމިރު ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކުރާ ކަމެވެ.