އާމިރު ޚާން މިހާރު ކުޅެމުންދާ "ލާލް ސިންގް ޗައްޑާ" ގެ ވާހަކައަށް ވުރެ މި ދުވަސްވަރު އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކުގެ އަޑު މާ ގަދަ އެވެ. ކިރަން ރާއޯ އާއި އާމިރުގެ 14 އަހަރުވީ ކައިވެންޏަށް ނިމުން އައިސް އެ ދެ މީހުން ވަރިވާކަން އިއުލާން ކުރީއްސުރެ އޭނާގެ ލޯބިގެ ހަޔާތުގެ ވާހަކަތައް ދެކެވެމުން ދެއެވެ. އެގޮތުން އޭނާގެ "ދަންގަލް" އަދި "ޓަގްސް އޮފް ހިންދުސްތާން" ގެ ބަތަލާ ފާތިމާ ސަނާ ޝޭޚް އާއި ޚާއްސަ ގުޅުމެއް އާމިރު ބާއްވާ ކަމަށް ބުނެ ނޫސްތަކުން ދަނީ ޚަބަރުތައް ފަތުރަމުންނެވެ. ކިރަން އާއި އާމިރުގެ މެދުގައި މައްސަލަ ޖެހުނީ ފާތިމާގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެ އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވި މިފަދަ އެއް ޚަބަރަކީ އާމިރު ސިއްރު ސިއްރުން ފާތިމާ އާ ކައވެނި ކުރި ޚަބަރެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ފޮޓޯއެއް ކަމަށް ބުނެ ފޭކް ފޮޓޮއެއް ވެސް މި ޚަބަރާއެކު ދައުރުވި އެވެ. އެއީ އާމިރު އާއި ކިރަން ވަރަށް ކުރިން ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯއިން ހަމައެކަނި ބަދަލު ކޮށްލާފައި ވަނީ ކިރަންގެ މޫނެވެ.
އާމިރު ޚާނާއި އޭނާ އާ އަޅުވާ ކިޔާތާ އެތައް ދުވަހެއް ވެފައިވާއިރު މިކަމާ ގުޅޭ ގޮތުން ފާތިމާ ދުވަހަކުވެސް އެއްޗެކޭ ބުނެފައެއް ނެތެވެ. އަދި ޚުދް އާމިރު ވެސް އެ ވާހަކަ ނުދައްކަ އެވެ. ވީމާ މި ދެ ތަރިންގެ މެދުގައި އޮންނަނީ ކޮން ކަހަލަ ގުޅުމެއް ކަމެއް ސާފެއް ނުވެ އެވެ. ޔަގީންވާ ކަމަކީ އަދި އެ ދެ މީހުން ކައިވެނި ނުކުރާ ކަމެވެ.