އާމިރު ޚާނާއި ބަތަލާ ފާތިމާ ސަނާ ޝޭޚް ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ވާހަކަ ދެކެވޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މި ދެ އެކްޓަރުން މީޑިއާގައި މިކަމަށް އެއްބަހެއް ނުވެ އެވެ.
ބުރާސްފަތި ދުވަހު ފާތިމާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކުރި މެސެޖެއްގައި ވަރަށް އަވަހަށް އޭނާ ކައިވެނިކުރަން އުޅޭ ކަމުގެ އިޝާރާތެއް ދީފައިވެ އެވެ. އެއާއެކު އަނެއްކާވެސް ފާތިމާ އާއި އާމިރު ކައިވެނިކުރަން އުޅޭކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފަ އެވެ.
މި ވާހަކަތަކަށް އިތުރު ބާރެއް ލިބުނީ ފާތިމާގެ މި ޕޯސްޓަށް އާމިރުގެ ދަރިފުޅު އައިރާ ވަރަށް އަވަހަށް އިޖާބަދީ ހާޓް އީމޯޖީތަކެއް ފޮނުވީމަ އެވެ.
ހަމަ އިއްޔެ އާމިރު އާއި އޭނާގެ ކުރީގެ އަނބިމީހާ ކިރަން ރާއޯ އަދި ދަރިފުޅު އާޒާދު މުމްބައި އިން ފުރައިގެން ދިޔަ މަންޒަރު ވެސް ވަނީ ފެނިފަ އެވެ. އެމީހުން މުމްބައި އަށް އައިސް ތިބީ އާމިރުގެ އަންހެން ދަރިފުޅު އައިރާ ޚާންގެ އެންގޭޖްމަންޓަށެވެ.
އާމިރު އާއި ކިރަން އަދި އާޒާދު ފުރައިގެން ދިޔައީ ކޮން ތަނަކަށް ކަން ނޭނގޭ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފައި ވެއެވެ.
ފާތިމާ އިއްޔެ ޝެއާ ކުރި މެސެޖުގައިވަނީ "ކައިވެނިގެ ގޮށް ޖަހާނީތޯ ނޫނީ ނުޖަހާނީތޯ... އެއީ ސުވާލަކީ،" މިހެންނެވެ.
ފިލްމީ ކެރިއަރަށް ބަލާއިރު އާމިރު ދާދިފަހުން ވަނީ ދޮޅު އަހަރެއްހާ ދުވަހަށް ފިލްމު ކުޅުމާ ދުރަށް ދާން ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. އެއީ ފާއިތުވީ 30 ވަރަކަށް އަހަރު އާއިލާއަށް އިހްމާލު ވެވިފައިވާތީ އާއިލާއަށް ވަގުތު ދޭން ކަމަށް އާމިރު ބުނެފައި ވެއެވެ.