ބޮލީވުޑް

ކިރަން ވަރިކުރުމަކީ ހެދުނު އެންމެ ބޮޑު ގޯސް: އާމިރު

ދެ ވަނައަށް ކައިވެނިކުރި ކިރަން ރާއޯ އާ ވަކިވާން ނިންމި ނިންމުމަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯސް ކަމަށް އާމިރު ޚާން ބުނެފި އެވެ. އާމިރު އާއި ކިރަން ވަކިވާން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރު އެވެ. އެއާއެކު އާމިރުގެ ފޭނުންތައް އޭނާ އާ ވަރަށް ގިނަ ސުވާލުތައް ކުރިމަތިކުރި އެވެ. ނަމަވެސް އެއްވެސް ސުވާލަކަށް މިހާތަނަށް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެ އެވެ.

އާމިރުގެ ދެ ކައިވެނި ވެސް ވަނީ ފޭލްވެފަ އެވެ. ފުރަތަމަ އަނބިމީހާ ރީނާ އާއެކު ވެސް އޭނާއަށް އުޅެވުނީ 16 އަހަރު އެވެ. ރީނާ އާއި އާމިރު އަށް ޖުނައިދު ކިޔާ ފިރިހެން ކުއްޖަކާއި އައިރާ ކިޔާ އަންހެންކުއްޖެއް ލިބިފައި ވެއެވެ.

ކިރަން އާ ކައިވެނިކޮށްގެން އާމިރު 15 ވަރަކަށް އަހަރު އުޅެފައި ވެއެވެ. މި ދެ މީހުން ދަރިއަކު އޮތީ ސަރަގޭޓް މަންމައެއްގެ މެދުވެރިކޮށެވެ.

ކިރަން އާ ވަކިވާން ޖެހުނު ސަބަބު ވެސް އާމިރު ވަނީ ކިޔައިދީފަ އެވެ.

"ކިރަން ބުނާނެ އަހަރެން އެއްގޮތަކަށް ވެސް ބަދަލު ނުވައްޗޭ. އެކަމަކު އަހަރެމެން އާއިލީ މައްސަލައަކާ ގުޅޭ ގޮތުން ވާހަކަ ދެއްކިޔަސް އަހަރެން އިންނަނީ ޚިޔާލަކަށް ގެއްލިފައި. އަހަރެންގެ ކޮނޑުގައި އެޅިފައިވާ އާއިލީ ޒިންމާތައް އަހަންނަކަށް އަދައެއް ނުކުރެވުނު. އެއީ އަހަރެންގެ މައިންބަފައިންގެ ޒިންމާ ކަމަށް ވިޔަސް، އެއްބަނޑު އެއްބަފާ މީހުންގެ ޒިންމާ ކަމަށް ވިޔަސް، ފުރަތަމަ އަނބިމީހާ ރީނާގެ ޒިންމާ ކަމަށް ވިޔަސް ދެ ވަނަ އަނބިމީހާ ކިރަންގެ ޒިންމާ ކަމަށް ވިޔަސް އަދި ދަރިންގެ ޒިންމާ ކަމަށް ވިޔަސް އަހަންނަށް އެއްވެސް ޒިންމާއެއް ރަނގަޅަކަށް ނޫފުލުނު،" އާމިރު ދާދިފަހުން ދީފާއިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ދާދިފަހުން 57 ވަނަ އުފަން ދުވަސް ފާހަގަކުރި އާމިރު ބުނި ގޮތުގައި އޭނާ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ 18 އަހަރުގަ އެވެ. ފިލްމީ ކެރިއަރު ފެށުމާއެކު އެކަމަށް އޭނާ ގޮސް ހުސްވީ އެވެ. ދުނިޔޭގެ އެހެން ހުރިހާ ކަމަކަށް ޣާފިލު ވެވުނީ އެވެ.

"އަހަރެން ފިލްމީ ރޮނގުން ވަރަށް ގިނަ އެއްޗެހި ދަސް ކުރަން ބޭނުންވި. ވަރަށް ގިނަ ކަންކަން ކުރަން ބޭނުންވި. މިއަދު އަހަންނަށް އިހްސާސްވޭ އަހަރެންގެ ގާތް މީހުންނަށް އަހަރެން އިހްމާލުވީ މިންވަރު. އެމީހުން އަހަންނަށް ވަރަށް މުހިއްމު ބަޔަކަށް ވިޔަސް އަހަންނަށް އެމީހުންނަށް ވަގުތެއް ނުދެވުނު،" އާމިރު ބުންޏެވެ.

އާމިރު ބުނި ގޮތުގައި އޯޑިއަންސް އާ ރަނގަޅު ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުން ގޮސް އަމިއްލަ އާއިލާގެ ޖަޒުބާތާއި ވަގުތު ގުރުބާން ކުރެވުނީ އެވެ.