އާމިރު ޚާންގެ 57 ވަނަ އުފަން ދުވަހާ ދިމާކޮށް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ހަޔާތުގެ ގިނަ ވާހަކަތަކެއް ކިޔައިދީފައި ވެއެވެ. އޭނާގެ ދެ ކައިވެނި ފޭލްވާން ޖެހުނު ސަބަބާއި އާއިލީ ވާހަކަތައް ވެސް މި އިންޓަވިއުގައި އާމިރު ކިޔައިދީފައި ވެއެވެ.
އާމިރު ބުނި ގޮތުގައި އޭނާގެ ރީނާ އާއި ކިރަން އާއެކު އޭނާ ކުރި ކައިވެނިތައް ރޫޅުމުގެ ޒިންމާ އޭނާ ނަގަ އެވެ. ސަބަބަކީ އެކަން އެގޮތަށް ދިމާވީ އޭނާއަށް އަނބިންގެ އަގު ވަޒަން ނުކުރެވުނީމަ އެވެ. ނުވަތަ އެމީހުންގެ ޒިންމާތަކަށް އިހްމާލު ވެވުނީމަ އެވެ.
އޭނާ ބުނި ގޮތުގައި ފިލްމީ ކެރިއަރުގެ ކުރީކޮޅު އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ފިލްމު ބަލާ މީހުންގެ ހިތްތައް އަތުލުމަށެވެ. އެހެން މީހުން ކެރިއަރެއް ބިނާ ކުރަނީ ދެ ތިން ހަތަރު ނުވަތަ ފަސް ވަރަކަށް އަހަރުން ކަމަށާއި ނަމަވެސް އޭނާ އާއިލާ އެއްފަރަތްކޮށް ހަމައެކަނި ކެރިއަރަށް ހުރިހާ ސަމާލުކަމެއް ދީގެން ވަރަށް ކުރު މުއްދަތެއްގައި ކާމިޔާބު ހާސިލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އާމިރު ބުންޏެވެ.
އާމިރު ފުރަތަމަ ކައިވެނިކުރީ ރީނާ ދައްތާ އާއެވެ. އޭރު އޭނާގެ ފުރަތަމަ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" ރިލީޒް ވެސް ނުކުރެ އެވެ. މި ކައިވެންޏަށް ދެ ދަރިން ލިބިފައި ވެއެވެ. ޖުނައިދު އާއި އައިރާ އެވެ. ރީނާއާ ކައިވެނި ކޮށްގެން 16 އަހަރު އުޅުމަށްފަހު ވަރިކުރީ 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން އާމިރު ކައިވެނިކުރީ ކިރަން ރާއޯ އާއެވެ. އެ ކައިވެންޏަށް ވެސް ފިރިހެންކުއްޖެއް ލިބިފައި ވެއެވެ. މި ދެ މީހުން ދާދިފަހުން ވަރިކުރިއިރު ކައިވެންޏަށް 15 އަހަރު ވެފައި ވެއެވެ.
"ކޮންމެވެސް ހިސާބަކުން އަހަރެންނަށް އަހަރެންގެ ޒިންމާތައް އުފުލިފައެއް ނެތް. އެއީ އަހަރެންގެ މައިންބަފައިންގެ ޒިންމާ ކަމަށް ވިޔަސް، އަނބި ދަރިންގެ ޒިންމާ ކަމަށް ވިޔަސް. އަދި އަނބިންގެ މައިންބަފައިންގެ ޒިންމާ ކަމަށް ވިޔަސް އަހަރެންގެ އެންމެ ގާތް އެންމެންނަށް ވެސް އަހަރެންނަށް އިހުމާލު ވެވިފައި ވަނީ،" އާމިރު ބުންޏެވެ.
އާމިރު ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީއާ ގުޅުމަށްފަހު އޭނާ އެ މަސައްކަތަށް ގޮސް މުޅިން ހުސްވި އެވެ. ފިލްމު އުފެއްދުމުގެ ރޮނގުން ކުރާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ދަސްކުރަން އޭނާ ބޭނުންވި އެވެ. އޭނާ އެކަންކަމަށް ގޮސް ގެއްލުނުވަރުން އާއިލާއާ އަޅާ ނުލެވި ދޫކޮށްލެވުނުކަމަށް އާމިރު އެއްބަސް ވެއެވެ.
"މިއަދު އަހަންނަށް އިހްސާސްވޭ އަހަރެންގެ އެންމެ ގާތް އެންމެ ލޯބިވާ މީހުންނަށް ވަގުތު ދޭން އަހަރެން ބޭނުންވީ ގޮތަށް ވަގުތު ނުދެވުނުކަން. އެމީހުންނަކީ އަހަންނަށް ވަރަށް މުހިއްމު ބަޔެއް،" އާމިރު ބުންޏެވެ.
އެއީ އޭނާގެ އަމިއްލަ އެދުން ބޮޑުކަމުން ކަންތައް ކުރެވުނު ގޮތްތޯ ނޫސްވެރިއަކު އާމިރު އާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ އާނއެކޭ އެވެ.
"އަހަރެން އޯޑިއަންސް އާ ރަނގަޅު ގުޅުމެއް ބިނާކުރަން މަސައްކަތްކުރީ. އަހަރެންގެ ޖަޒުބާތާއި ވަގުތާއި ހުރިހާ އެއްޗެއް އެމީހުންނަށް ދިނީ. އޯޑިއަންސް އުފާވީމަ އަހަރެން ވެސް އުފާވީ. އެމީހުން ރޮންޏާ އަހަރެން ވެސް ރޮނީ. އަހަރެން ހުރީ އެމީހުންގެ އަތުގައި ބާރަށް ހިފައިގެން. އެމީހުން ވެސް އެގޮތުގައި އަހަރެން ހުންނަން ހިތްވަރުދިން. "ތާރޭ ޒަމީން ޕަރް" ފަދަ ފިލްމުތަކުން އަހަރެން އެމީހުންނަށް އުންމީދުތަކެއް ހޯދައިދިނިން. އަހަރެންގެ ހުރިހާ ވަގުތެއް އޯޑިއަންސް އަށް ދީ އެމީހުންނާ އޮތް ގުޅުން ވަރަށް ވަރުގަދަކުރިން. އަހަރެން ހީކުރީ އަހަރެން އެމީހުންނަށް އަޅާނުލިޔަސް ބަލާނުލިޔަސް އާއިލާގެ މީހުން އަބަދުވެސް އަހަންނާއެކު ތިބޭނެކަމަށް. އޯޑިއަންސްގެ ހިތްތައް ފަތަހަކުރަން ކުރި މަސައްކަތުގައި އަހަރެން ޣާފިލުވީވީނުން ގޮސް އާއިލާގެ މީހުން އަހަންނަށް އިންތިޒާރުކުރާކަން ވެސް ހަނދާން ނެތުނީ،" އާމިރު އަސަރާއެކު ބުންޏެވެ.
އާމިރު އެއްބަސްވީ ގޮތުގައި ފިލްމި ކެރިއަރު ބިނާކުރަން އެކަމުގައި އޭނާ އިންތިހާއަށް ގެއްލިގެން އުޅުނު ދުވަސްވަރު ވެސް އާއިލާއަށް ވަގުތު ނުދެވޭތީ އެކަމުގެ ހިތާމަ އޭނާގެ ހިތުގައި އޮތެވެ.
"އެކަމަކު އަހަރެންގެ އާއިލީ ގުޅުންތައް ބަރުބާދުވުމުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެންގެ ޕްރޮފެޝަން އެއް ނޫން. މިހާރު އައިރާއަށް 23 އަހަރު. އެކަމަކު އޭނާގެ އުމުރުން 4-5 އަހަރުގައި އަހަރެންނަށް އޭނައަށް ވަގުތު ނުދެވުނު. އަހަރެން އުޅުނީ ފިލްމު ކުޅުމުގައި ބިޒީކޮށް. އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކުވެސް އެމިހެއްގެ ދަރިންނަށް ވަގުތު ދޭންޖެހޭނެ. އަހަރެމެންގެ ދަރިންނަށް އަހަރެމެން ކުރާ އުންމީދުތަކެއް އޮތްއިރު އެ ދަރިން ވެސް އުންމީދުތަކެއް ވެސް އޮންނާނެ،" އާމިރު ބުންޏެވެ.
އާމިރު ބުނި ގޮތުގައި އައިރާ އެންމެ ބޭނުންވީ ދުވަހު އޭނާގެ ކައިރީގައި ނުހުރެވުނީތީ މިއަދު ހިތާމަ ކުރެ އެވެ. އޭނާ އެކި ކަންކަމާ ބިރުގަނެގެން އުޅުނުއިރު އޭނާގެ އަތުގައި ނުހިފުނެވެ.
"އަހަންނަށް އެނގޭ އެ ދުވަސް އަނބުރާ ނާންނާނެ ކަން،" އާމިރު ބުންޏެވެ.
އާމިރު އިތުރަށް ބުނި ގޮތުގައި ފުރަތަމަ އަނބިމީހާ ވަރިކުރަން ޖެހުނީ ވެސް އަދި ދެ ވަނަ ކައިވެނި ރޫޅުނީ ވެސް އެއްވެސް އެހެން އަންހެނެއްގެ ސަބަބަކުން ނޫނެވެ. އޭނާގެ ހަޔާތުގައި އިތުރު އެހެން އަންހެނަކު އޭރަކުވެސް މިހާރަކުވެސް ނެތެވެ. ދެ ކައިވެނި ވެސް ރޫޅުނީ ހަމަ އެ ކައިވެނިތަކަށް އޭނާއަށް ވެވުނު އިހުމާލުންނެވެ.