އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށްވާ ޖޯސްޓަން ބަންޑީގެ އުމުރުން 19 އަހަރުގެ ލޯބިވެރިޔާ އެލިޒަބަތު ޖޭންސް ކުރިން ރައްޓެހިވެގެން އުޅުނު ފިރިހެނެއްގެ ގައިގައި ޖޯސްޓަން ތަޅައިގަތުމުގެ ކުށުގައި ގާޒީއަކު ހުށަހެޅީ ދެ ގޮތުން ކުރެ އެއް ގޮތް ކަމަށާއި އެއީ 20 ދުވަސް ޖަލުގައި ހޭދަ ކުރުން ނުވަތަ 30 ދުވަހުގެ ތެރޭގައި އެލިޒަބަތު އާ ކައިވެނި ކުރުންކަން ފަޅާއަރައިފި އެވެ.
"އެލިޒަބަތު އެހާ ވެސް މުހިންމުތަ؟" ޖޯސްޓަން އާ ދިމާއަށް ގާޒީ ރެންޑޯލް ރޮޖަރސް ވިދާޅުވި ކަމަށް މީޑިއާއަށް ހާމަވި ކޯޓުގެ ލިޔެކިޔުންތަކުން ހާމަވިއެވެ. ނަަމަވެސް ގާޒީ ރެންޑޯލްގެ ފަރާތުން އެއްވެސް ކޮމެންޓެއް މީޑިއާއަށް އަދި ވަނީ ނުލިބިފައެވެ.
މިދިޔަ މާޗް މަހު ހިންގި މާރާމާރީއަށް ފަހު ޖަލު ހުކުމަކުން ސަލާމަތް ވާންވެގެން އަވަސްއަރުވާލައިގެން ޖޯސްޓަން އަށް ކައިވެނި ކުރަން ޖެހުމާ ގުޅިގެން އެލިޒަބަތުގެ ބައްޕަ ކެނެތް ޖޭންސް ވަނީ ރުޅިގަދަވެފައެވެ.
"އަހަރެމެން މިހާރު މި ބަލަނީ ޝަރުއީ އުސޫލުތަކާ ގާޒީ ހިލާފުވެފައިވޭތޯ. މީހަކު ކައިވެނި ކުރާކަށް ކޯޓަކަށް މަޖުބޫރެއް ނުކުރެވޭނެ،" ކޭ.އެލް.ޓީ.ވީ އަށް ކެނެތް ވިދާޅުވިއެވެ.
ޖޯސްޓަން އާއި އެލިޒަބަތު އާހިރުގައި ކައިވެނި ކުރަން ނިންމާފައި އޮތް ނަމަވެސް މިއީ އެހާ އަވަހަށް ކުރަން ނިންމާފައި އޮތް ކައިވެންޏެއް ނޫން ކަމަށް ބުންޏެވެ. އަދި ކައިވެނި ކުރެވުމުން ހިތްހަމަޖެހުމެއް ލިބުނު ކަމަށް ވިޔަސް، ހުރިހާ ކަމެއް އެންމެ ބޭނުންވި ގޮތަށް ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުލިބުމުން ހިތްހަމަ ނުޖެހުނު ކަމަށްވެއެވެ.
"ހުދު ކުލައިގެ ހެދުމެއް ކައިވެނި ހަފުލާއަށް ފަރުމާ ކުރާނެ ވަގުތު ވެސް ނުލިބުނު،" އެލިޒަބަތު ބުންޏެވެ.
ޖޯސްޓަން އާއި އެލިޒަބަތު ކައިވެނި ކުރުމަށް ފަހު ކޯޓުގައި ނަގާފައި ހުރި އެ ދެމަފިރިންގެ ފޮޓޯއެއް މިހާރު ވަނީ ފޭސްބުކްއަށް ލައިފައެވެ.