ދުނިޔެ

ޑްރޯންގެ ސަބަބުން ސާރިދޯޅު ނުތަނަވަސްވޭ

Aug 14, 2015

އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ކުރުކޮށް ކިޔާ ގޮތަށް ނަމަ "ޑްރޯން"ތަކުގެ ސަބަބުން ސާރިދޯޅު ފަދަ މަހުލޫގުންގެ ހިތް ނުތަނަވަސް ވާކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

ޖީޕީއެސް އާއި ހިތުގެ ވިންދު ބަލާ ޑިވައިސް ހަރުކޮށްފައިވާ އެމެރިކާގެ ހަތަރު ސާރިދޯޅު އުޅޭ ހިސާބަކަށް ޑްރޯން ފޮނުވުމުން އެ ތަނުން އެއް ސާރިދޯޅު އޭތި ދިޔަ މިސްރާބު ބަދަލުކޮށްލިއެވެ. އަދި އެ ހުރިހާ ސާރިދޯޅުގެ ވެސް ހިތުގެ ވިންދު އަވަސްވި ކަމަށް ދެއްކިއެވެ.

ޔުނިވާސިޓީ އޮފް މިނެސޯޓާއިން ކުރި މި ދިރާސާގައި 17 ފަހަރު އެ ސަރަހައްދަށް ޑްރޯން ފޮނުވިއެވެ. އަދި ހިތުގެ ވިންދު މިނެޓަކު 123 ފަހަރަށް ވެސް އަވަސްވިއެވެ.

މީގެ އިތުރުން "ހައިބަނޭޓް" ކުރަން އޮތް ސާރިދޯޅެއްގެ ހިތުވިންދު ވެސް އަވަސްވިއެވެ. ހައިބަނޭޓް ކުރުމަކީ ހަރީފު މޫސުމުގައި ކާބޯތަކެތި ލިބުން ދަތިވުމުން މަހްލޫގުން ނިދާ ދިގު ނިދުމެކެވެ. ބައެއް ފަހަރު މި ފަދަ ނިދުން އެތައް މަސްތަކަކަށް ދެމިގެންދެއެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި އަމަލީ ގޮތުން ސާރިދޯޅަށް ބަދަލުތަކެއް ނަައި ނަމަވެސް ޑްރޯން އުޅޭ ވަގުތުތަކުގައި އެ ސޮރުމެންނަށް ކޮންމެވެސް ކަހަލަ ނަފުސާނީ އަސަރުތަކެއް ކުރެއެވެ. ނަމަވެސް އެއީ ސީދާ ކޮން ކަހަލަ އަސަރެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

ދިރާސާގައި އުޅުއްވި އެއް ފަރާތެއް ވިދާޅުވީ ތިރިތިރިން ދަތުރު ކުރާ ހެލިކޮޕްޓަރާއި މަތިންދާބޯޓު ފަދަ ތަކެތީގެ ސަބަބުން ދިރޭ މަހުލޫގުންނަށް އުނދަގޫ ވާކަން މީގެ ކުރިން ވެސް ހާމަވެފައިވާ ކަމަށެވެ.

"ނަމަވެސް ޑްރޯން ފަދަ ތަކެތި ތައާރަފު ވުމުން މި ކަންތައް އިތުރަށް ގޯސް ވެގެން ހިނގައްޖެ،" އޭނާ ވިދާޅުވިއެވެ.

މިހެންވެ، ޖަނަވާރުން ހިމާޔަތް ކޮށްފައިވާ ޕާކް ފަދަ ސަރަހައްދުތަކުގެ ކައިރީގައި ޑްރޯން އުދުހުން އެމެރިކާ ސަރުކާރުން މިދިޔަ އަހަރު މަނާ ކުރި ކުރުމަށް ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކިއެކި ބޭނުންތަކަށްޓަކައި ޑްރޯން ގެންގުޅުން ދުނިޔޭގައި މިހާރު އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ.