ދުނިޔެ

ޓްވިޓާގެ ޑީއެމްތަކުގައި އަކުރު ބޭނުން ކުރެވޭ އަދަދު އިތުރުކޮށްފި

Aug 14, 2015

ޓްވިޓާގައި ޑިރެކްޓް މެސެޖް ނުވަތަ ޑީ.އެމްގައި 10000 އަކުރު މިހާރު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން އިއްޔެ އިއުލާން ކޮށްފިއެވެ.

ކުރިން 140 އަކުރު ބޭނުން ކުރެވުނަސް، މިހާރު އެހެން މީހުންނަށް ނުފެންނަ ގޮތަށް ދޭދޭ މީހުންގެ ދެމެދުގައި ކިތައްމެ ދިގުކޮށް ވެސް ވާހަކަ ދެއްކިދާނެ ކަމަށް ޓްވިޓާއިން ބުންޏެެވެ.

މީގެ އިތުރުން ފޮލޯ ނުކުރިއަސް ބޭނުންވެއްޖެ ހިނދެއްގައި ވެސް ޑީ.އެމް ފޮނުވާ އަދި ލިބިގަނެވޭނެ ކަމަށް ވެއެވެ.

ނަމަވެސް އާއްމުކޮށް ފެންނަ ޓްވީޓްތައް އަދިވެސް ހުންނާނީ 140 އަކުރު ބޭނުން ކުރެވޭ ގޮތަށް ކަމަށް ޓްވިޓާގެ ޕްރޮޑަކްޓް މެނޭޖަރު ސަޗިން އަގަރްވާލް ވިދާޅުވިއެވެ.

ޓްވިޓާއިން މި ގޮތަށް ހަމަޖައްސާނެ ކަމަށް އިއުލާން ކުރީ މި ދިޔަ ޖޫން މަހު، ޓްވިޓާގެ ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު އިތުރު ކުރުމުގައި ނުކުޅެދިގެން ކުރީގެ ސީއީއޯ ޑިކް ކޯސްޓޮލޯ އިސްތިއުފާ ދެއްވި ދުވަހުއެވެ.