ހަބަރު

މިދިއަ އަހަރު ބައިލައްކައެއްހާ މީހުނަށް މައުލޫމާތުދީ ހޭލުންތެރި ކުރެވުނު: ސީޕީ

Jan 3, 2015

ރާއްޖޭގެ ރަށްރަށުގައި ފުލުހުން މިދިއަ އަހަރު ހިންގި އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ބައިލައްކައެއްހާ މީހުނަށް މައުލޫމާތު ދީ ހޭލުތެރި ކުރެވުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ހިންގި ބްލޫޒް ފޯ ޔޫތު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށާއި އެ ރަށުގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ ރޭ ވިދާޅުވީ  އެ ހަރަކާތްކުގައި މައުލޫމާތު ދީ ހޭލުންތެރި ކުރުވުމުގެ ސަބަބުން ކުށުގެ މިންވަރު ދަށްވެ ކުށުގެ ހާލަތު ރަނގަޅުކުރެވެމުން އަންނަ ކަމަށެވެ.

"ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ ގަމާ ދޭތެރޭގައި މިވާ ރަށްރަށުގައި ތަފާތު އެކިއެކި ނަންނަމުގައި ފުލުހުން ހިންގި އެކިއެކި ޙަރަކާތްތަކާއި ޕްރޮގްރާމް ތަކާއި ކޭމްފަދަ ކަންކަމުގައި ގާތްގަނޑަކަށް ފަންސާސް ހާހެއްހާ މީހުންނަށް އެކި ކަހަލަ މައުލޫމާތުދީ ހޭލުންތެރި ކުރުވައި ޤައުމުގެ އިޖުތިމާޢީ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރެވިފައިވޭ،" ސީޕީއާ ހަވާލާދީ ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

ކޮމިޝަނާ ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމުގެ މަސައްކަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް ވެސް ހަލުވި ބަދަލުތަކެއް ގެނެވުނު ކަމަށެވެެ. އަދި ވިދާޅުވީ ކުށުގެ ހާލަތު ދަށްކޮށް މަސްތުވާ ތަކެތީގެ ވަބާ އާއި ވައްކަމާއި ފޭރުންފަދަ ކުށްތައް މަދުކުރުމަށް ފުލުހުން ކުރާ އެންމެ މުހިއްމު މަސައްކަތަކީ ކަމުގެ ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ މުޖުތަމައު ހޭލުންތެރި ކުރުވުން ކަމަށެވެ.

ކޮމިޝަނާ ވިދާޅުވީ، 2013 ވަނައަހަރަށްވުރެ 2014 ވަނައަހަރު ރާއްޖޭގައި ކުށްކުރި ނިޞްބަތް ދަށް ކުރެވުނު ކަމަށާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގި މާރާ މާރީގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، ރޭވިގެން ހިންގި ބޮޑެތި މާރާ މާރީތަކާއި މަސްތުވާތަކެތީގެ އެތައް މައްސަލަތަކެއް ހުއްޓުވުނު ކަމަށެވެ.

އެގޮތުން ފުވައްމުލަކުގެ ކުށުގެ ތަފާސް ހިސާބަށް އަލި އަޅުވާލައްވާ ވިދާޅުވީ  2012 ވަނައަހަރު ފުވައްމުލަކުގައި ހުށަހެޅުނީ 1258 މައްސަލަކަމަށާއި 2013 ވަނައަހަރު 1217 މައްސަލަ ހުށަހެޅުނުއިރު 2014 ވަނައަހަރު ހުށަހެޅިފައިވަނީ 682 މައްސަލަ ކަމަށެވެ.