ކުޅިވަރު

ވޮލީގެ ކޮމިޓީއާ މުއާމަލާތް ނުކުރަން އޭވީސީން އަންގައިފި

އަންނަ މަހު ބަންގުލަދޭޝްގައި ބާއްވާ އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ޓީމުގެ ކަންތައްތަކުގައި ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތް ނުކުރަން އޭޝިއާގެ ވޮލީގެ މައި ޖަމްއިއްޔާ (އޭވީސީ) އިން ބަގްލަދޭޝްގެ ވޮލީބޯޅަ ފެޑްރޭޝަނަށް އަންގައިފި އެވެ.

އޭވީސީގެ ރައީސް ސޯލިހް ބިން ނާސިރު ސޮއި ކުރައްވައި ބަންގުލަދޭޝްގެ ވޮލީބޯޅަ ފެޑްރޭޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭވީސީ ސެންޓްރަލް ޒޯން ބަންގުލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާއިރު އެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރަން ހަމަޖެހިފައިވާ ޓީމުގެ ކަންތައްތަކުގައި ވީއޭއެމްއާ މުއާމަލާތް ކުރުމުގައި ސަމާލުވާން އަންގާ ކަމަށެވެ.

"ތިޔަ ފެޑްރޭޝަން [ބަނގުލަދޭޝް ވޮލީ ފެޑްރޭޝަން] އިން ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީން އެޕްރޫވް ކޮށްފައިވާ ކޮމިޓީއާ މުއާމަލާތް ނުކުރުން އެދެން،" ސިޓީގައި އަންގާފައި ވެއެވެ. "މުއާމަލާތް ކުރަންޖެހޭނީ އެފްއައިވީބީން އެޕްރޫވް ކޮށްފައިވާ މުހައްމަދު ލަތީފުގެ އެކްސްކޯއާ."

އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވީއޭއެމްގެ ރައީސް ކަމަށް އިންތިހާބުވި ލަތީފްގެ އެކްސްކޯ އާ މުއާމަލާތް ކުރުމުގެ ބަދަލުގައި ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތް ކޮށްފިނަމަ ބަންގުލަދޭޝްގައި ބާއްވާ އަންހެން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އެފްއައިވީބީން އަދި އޭވީސީން ބަލައި ނުގަތުން އެކަށީގެންވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ. އަދި އެފަދަ ހާލަތުގައި އެފްއައިވީބީގެ އެހީތެރިކަމަށް އެދޭއިރު އެފްއައިވީބީން އެހީ ނުލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް އެންގެވީ މި އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އެފްއައިވީބީން ވަނީ ސްޕޯޓްސް ކޮމިޝަނާ އައްޔަން ކޮށްފައިވާ ކޮމިޓީ ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ. އަދި ލަތީފްގެ އެކްސްކޯއާ އެސޯސިއޭޝަންގެ ހިންގުން އިއާދަ ކުރުމަށްވެސް އެފްއައިވީބީން އަންގާފައި ވެއެވެ.

އެފްއައިވީބީން އެންގި ގޮތަށް، ވީއޭއެމް ލަތީފުގެ އެކްސްކޯއާ ހަވާލު ކުރުމަށް އެދި ވީއޭއެމްގެ ލެޓާ ހެޑްގައި ލަތީފު ވަނީ ސްޕޯޓްސް ކޮމިޝަނަރަޝާއި ސްޕޯޓްސް މިނިސްޓްރީއަށް ސިޓީ ފޮނުއްވާފަ އެވެ. ލަތީފު ފޮނުއްވި ސިޓީއަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ދެއްވި ޖަވާބުގައި ވިދާޅުވީ ވީއޭއެމްގެ ލޯގޯ އާއި ލެޓާ ހެޑް ބޭނުން ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ލަތީފަށް މިހާރު ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ތަކުރާރު ކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްކަށް މައްސަލަ ފޮނުވާނެ ކަމަށެވެ.

އޭގެ ފަހުން ލަތީފުގެ ފަރާތުން ނެރެންޖެހޭ އެންގުންތައް އޭނާ ނެރުއްވަނީ އޭނާ އަމިއްލަ ނަމުގަ އެވެ. މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ ބޭއްވި، ވީއޭއެމްގެ ކުލަބުތަކުގެ ކޮންގްރެސްއިން ވަނީ، އަސާސީ ގަވާއިދު އިސްލާހް ކޮށް އާ އިންތިހާބެއް ބޭއްވުމަށް ނިންމާފަ އެވެ.

ލަތީފު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކަކީ ވީއޭއެމްގެ މެންބާޝިޕް ކުލަބުތައް ނޫން ކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވީއޭއެމްގެ އިންތިހާބު ބާއްވަންވެސް އިއުލާން ކުރި އެވެ. އެހެންނަމަވެސް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސް ކޮށްފައިވާކަން ނޯމަލައިޒޭޝަން ކޮމިޓީން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހު އެވެ.